މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެލްއެލް) އަށް 1.3 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.

ބީއެމްއެލް އިން ބުނީ އެއީ މިދިޔަ އަހަރަށް ވުރެ 21 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ. އަދި މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހިންގުމުގެ ފައިދާގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ ހަ މަސް ތެރޭގައި ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ތެރޭގައި އިންޓްރެސްޓުން ލިބުނު އާމްދަނީ 1.6 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު އާމްދަނީ 830 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ބޭންކްގެ އާމްދަނީއާ އަޅާ ބަލާއިރު ހިންގުމުގެ ހަރަދު ހުރީ 28 ޕަސެންޓްގަ އެވެ.

ބީއެމްއެލް އިން ބުނީ ބޭންކުން ދަމަހައްޓަމުންދާ ކުރިއެރުމާއި ރިސްކު މެނޭޖްކުރުމުގެ ހަރުދަނާ އުސޫލުތަކާއި ހިންގުން ހަރުދަނާ ކުރުމަށް ދިން އިސްކަމުގެ ސަބަބުން ބޭރުގެ މާލީ ނިޒާމަށް އަންނަ ބަދަލުތަކާއި ހުރި ގޮންޖެހުންތަކާއެކު ވެސް އެ ކުރިއެރުން ދެމެހެއްޓުމަކީ ލިބުނު ކާމިޔާބީއެއް ކަމަށެވެ.

ފުރަތަމަ ހަ މަހު ބޭންކްގެ ޖުމްލަ އެސެޓް ވަނީ 62.8 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. އަދި ޑިޕޮސިޓް ފައިސާގެ މިންވަރު ވަނީ 41.6 ބިލިއަން ރުފިޔާއަށް އިތުރުވެ، ޖުމްލަ ޕޯޓްފޯލިއޯ ވަނީ 30.5 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ބޭންކުން ބުނީ އެއީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި އިގްތިސާދުގެ މުހިއްމު ދާއިރާތަކަށް ބޭންކުން ދެމުންދާ މާލީ އެހީތެރިކަން ހާމަވާ ކަމެއް ކަމަށެވެ. އެގޮތުން މިދިޔަ ހަ މަހު އެކަނި ވެސް ބީއެމްއެލް އިން ވަނީ އަލަށް އަށް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފަ އެވެ.