ބީއެމްއެލް ކާޑު މެޝިން ބޭނުންކުރާ ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސް "އެޑްވާންސް މާޗަންޓް ސެޓްލްމަންޓް" ހިދުމަތް ހޯދުމަށް ލުއި ފަސޭހަ އިތުރު ގޮތްތަކެއް ތައާރަފްކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ އެއީ ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ވީހާ ވެސް ފަސޭހަކަމާ އެކު އަވަހަށް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެނައި ބަދަލެއް ކަމަށެވެ.
އެ ހިދުމަތަށް އެދި ހުށަހެޅުމުގެ މަރުހަލާ އިތުރަށް ފަސޭހަކޮށް، ފަސް ދުވަސް ތެރޭގައި ފައިނޭންސިން ލިބޭނެ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި ވިޔަފާރިތަކުން ކާޑު މެޝިންގައި ހިންގާފައިވާ މުއާމަލާތްތަކަށް ބަލައި ދެ މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެއީ ދިވެހި ވިޔަފާރިތަކަށް ބޭނުންވާ މާލީ ހިދުމަތްތައް ފުޅާކޮށް، އިތުރަށް ވަރުގަދަ ކުރުމަށް ގެނައި ބަދަލެއް ކަމަށެވެ.
"ފައިނޭންސިން އަށް އެދި ހުށަހަޅާ ޕްރޮސެސް ފަސޭހަކޮށްދީ، ފައިނޭންސިންގެ ސްކޯޕް އިތުރަށް ފުޅާކޮށް، އަޅުގަނޑުމެންގެ މަގުސަދަކީ އަޅުގަނޑުމެންގެ މާޗަންޓުންގެ ވިޔަފާރިއަށް ބޭނުންވާ މާލީ އެހީތައް ފަސޭހަކަމާއެކު ހަމަޖައްސައިދީ، ވިޔަފާރިތައް އިތުރަށް ކުރިއެރުވުން." އޭނާ ވިދާޅުވި އެވެ.
އެ ފައިނޭންސަށް އެދި ހުށަހެޅޭނީ ބީއެމްއެލް މާޗަންޓް ހިދުމަތް މެދުވެރިކޮށް މަދުވެގެން ހަ މަސްދުވަހު ކާޑުގެ މުއާމަލާތްތައް ހިންގާފައިވާ ފަރާތްތަކަށެވެ. އަދި މަހަކު އެވްރެޖްކޮށް ބީއެމްއެލްގެ ކާޑުން 20،000ރ. ވިޔަފާރި ކޮށްފައިވުމާ އެކު، އެއްވެސް މާލީ އިދާރާއަކަށް ފައިސާ ދައްކަންޖެހި ނުދައްކައި އޮވެގެން ނުވާނެ އެވެ.
އެ ފައިނޭންސިން އަނބުރާ ދެއްކުމުގައި ވެސް ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން، ކޮންމެ ދުވަހަކު ލިބޭ ކާޑު ސޭލްސްގެ ތެރެއިން އެ ފައިނޭންސިން އަށް އަނބުރާ ދައްކަންޖެހޭ އަދަދު އޮޓޮމެޓިކުން ކެނޑޭނެ އިންތިޒާމު ވަނީ ގާއިމްކޮށްފަ އެވެ.
އެ ހިދުމަތަށް އެދި ބީއެމްއެލް އިންޓަނެޓް ބޭންކިން ނުވަތަ މޮބައިލް އެޕްގެ މެދުވެރިކޮށް ހުށަހެޅޭނެ އެވެ.