މިދިޔަ މަހުގެ އާމްދަނީ 80 ޕަސެންޓް ދަށަށް، ލިބުނީ 206 މިލިއަން ރުފިޔާ

މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ 80 ޕަސެންޓް ދަށްވެ، މިދިޔަ މަހު ލިބުނީ އެންމެ 206 މިލިއަން ރުފިޔާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.


މީރާއިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މެއި މަހު އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުމަށް ފަހު މިދިޔަ މަހުގެ އާމްދަނީ 206 މިލިއަން ރުފިޔާއަށް ދަށްވެފައިވާތީ އެއީ 81 ޕަސެންޓް ދަށްވުމެވެ.

އެ ހިސާބުތައް ދައްކާ ގޮތުން ޖީއެސްޓީގެ ގޮތުގައި 113 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާތީ މިދިޔަ މަހުގެ އާމްދަނީގެ 55 ޕަސެންޓަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާ އެވެ. އަދި އެހެނިހެން ޓެކްސްތައް ހިމެނޭ ގޮތުން ޓެކްސްގެ ގޮތުގައި 158 މިލިއަން ރުފިޔާ ލިބިފައިވާއިރު، ބާކީ 48 މިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ނުހިމެނޭ އާމްދަނީތައް ކަމަށް މީރާއިން ބުންޏެވެ. އޭގެ ތެރެއިން އެމެރިކާ ޑޮލަރުން ލިބުނީ 107 މިލިއަން ރުފިޔާ އެވެ.

މީރާއިން ބުނިގޮތުގައި އާމްދަނީ އެހާ ބޮޑުތަނުން ދަށްވި ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެ އައުން ހުއްޓުމާއި ޓެކްސްތައް ދެއްކުމުގެ މުއްދަތު އިތުރު ކޮށްދީފައިވާތީ އެވެ. މިދިޔަ އޭޕްރީލް މަހު ވެސް މީރާ މެދުވެރިކޮށް ލިބުނު އާމްދަނީ 50 ޕަސެންޓް ދަށްވި އެވެ. އެކަމަކު އޭޕްރީލް މަހު 527 މިލިއަން ރުފިޔާ ލިބިފައިވާތީ މިދިޔަ މަހަކީ އާމްދަނީ އެންމެ ދަށަށް ވެއްޓުނު މަހެވެ.