އައްޑޫން ކޮވިޑް-19 އަށް ޓެސްޓްކުރަން ތައްޔާރުވެއްޖެ

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ކޮވިޑް-19 ޓެސްޓްކުރެވޭނެ ސާމާނު މިހާރު އެބަހުރި ކަމަށާއި އެކަމަށް ތައްޔާރު ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.


އެތަނުން ކުރި ޓްވީޓެއްގައި ބުނީ ޓެސްޓްކުރަން ބޭނުންވާ ކިޓްތައް ލިބިފައިވާތީ ކޮވިޑް-19 އަށް ޓެސްޓް ހެދުމަށް މިހާރު ތައްޔާރު ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނިގޮތުގައި އައްޑޫގައި އެންމެ ފުރަތަމަ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ބައޯ ފަޔާ މެޝިން މެދުވެރިކޮށެވެ. އަދި އޭގެ އެހީގައި ދުވާލަކު 24 ސާމްޕަލެއް ޓެސްޓްކުރެވޭނެ އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި އައްޑޫގެ އިތުރުން ހދ. ކުޅުދުއްފުށީގައި ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ޕީސީއާރް މެޝިން އިންސްޓޯލްކޮށް ޓެސްޓްތައް ހެދުމުގެ މަސައްކަތް ފެށޭނެ އެވެ. އަދި މިއާ އެކު ދުވާލެއްގެ މައްޗަށް ކޮންމެ ސަރަހައްދަކުން 100-150 ސާމްޕަލް ޕްރޮސެސްކުރެވޭނެ ކަމަށް ބުންޏެވެ. މިކަމަށް ބޭނުންވާ ލެކް ޓެކްނިޝަނުން ވެސް މިހާރު ވަނީ މާލޭގައި ތަމްރީނުކޮށްފަ އެވެ.

އައްޑޫން ކޮވިޑް-19 އަށް ޓެސްޓްކުރެވުން ވެގެންދާނީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދަކުން ޓެސްޓްކުރެވޭ ފުރަތަމަ ފަހަރަށެވެ. އަދި މި އިންތިޒާމު ހަމަޖެހިގެން ގޮސްފައި ވަނީ އައްޑޫ ގަމުގެ އީކްއޭޓަ ވިލެޖްގައި ކަރަންޓީނުކޮށްފައި ހުރި ދުވަސްވީ މީހަކު ހުކުރު ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވް ވެސް ވެފައި ވަނިކޮށެވެ.

މާލެ ފިޔަވައި ރާއްޖޭގައި އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫ ސިޓީގައި ކޮވިޑަށް ޓެސްޓްކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަނީ މިދިޔަ އެޕްރީލް މަހުން ފެށިގެންނެވެ.

ކޮވިޑް-19 އަށް އައްޑޫން ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ އިރު، ހޯމް ކަރަންޓީނަށް ފޮނުވާ މީހުން ހަދަން ޖެހޭ އެންޓިބޮޑީޓެސްޓް ވެސް އައްޑޫގައި ހެދުމުގެ އިންތިޒާމު ވެސް ވަރަށް ހަމަޖެހިގެން ދާނެ އެވެ. އެ ޓެސްޓް ހެދުމުގެ ހުއްދަ އަށް ހިތަދޫގައި ހިންގާ އައިއެމްޑީސީން ވަނީ އެދިފަ އެވެ.