ނަފްސާނީ މައްސަލަތަކުގެ ވާހަކަ ސިއްރުނުކޮށް ދައްކަން ޖެހޭ ކަމަށާއި އެހީ ހޯދައިގެން މިކަމުން ސަލާމަތް ވެސް ވެވޭނެ ކަމަށް ބުނެ ބަތަލާ ދީޕިކާ ޕަދްކޯން އޭނާގެ އަމިއްލަ ތަޖުރިބާގެ ހަނދާން އާކޮށް ދީފި އެވެ.
ޒުވާން އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު ދަންޖެހިގެން އާދީއްތަ އަމިއްލަ އަށް މަރުވުމުގެ ފަހަތުގައި ޑިޕްރެޝަން ފަދަ ނަފްސާނީ މައްސަލަތައް އުޅޭ ކަމަށް މީޑިއާތަކުން އޭނާގެ ގާތް މީހުންނާ ވެސް ހަވާލާދީ ރިޕޯޓްކޮށްފައިވާ އިރު، ދީޕިކާ ކުރި ޓްވީޓެއްގައި ބުނީ ނަފްނާސީ މައްސަލަތަކުގެ ތެރޭގައި އުޅެން ޖެހިފައިވާ މީހެއްގެ ހާލަތު އޭނާ އަށް ވަރަށް ރަނގަޅަށް އިހުސާސްކުރެވޭ ކަމަށެވެ.
އެހެންވެ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކައި، އެހީ ހޯދުން ވަރަށް މުހިއްމު ކަމަށް ބުންޏެވެ.
އެކްޓަރު ރަންވީރު ސިންގްގެ އަންހެނުންގެ ޓްވީޓްގައި ވަނީ އެއްވެސް މީހަކީ އެކަނި ހުރި މީހެއް ނޫން ކަމަށާއި މިފަދަ މައްސަލަތަކުގައި އެންމެން ވާންޖެހެނީ އެކީގައި ކަމަށެވެ. އަދި ކޮންމެ ކަމެއްގައި ވެސް އުންމީދެއް އޮތުން ވަރަށް މުހިއްމު ކަމަށް ބުންޏެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ ދީޕިކާ އަކީ ދުވަސްތަކެއް ވަންދެން ޑިޕްރެޝަންގެ ވޭން ތަޖުރިބާކޮށް، އެ ވާހަކަ 2016 ވަނަ އަހަރު ވަރަށް ފާޅުގައި މީޑިއާތަކުގައި ހިއްސާކުރި ބަތަލާއެކެވެ. އަދި ފަހުން އޭނާ ވަނީ ނަފުސާނީ މައްސަލަތައް ހުންނަ މީހުންނަށް ހިލޭ ސާބަހަށް އެހީތެރިކަން ފޯރިކޮށް ދިނުމަށް "ލިވް، ލަވް، ލާފް" ގެ ނަމުގައި އަމިއްލަ ފައުންޑޭޝަނެއް ވެސް އުފައްދައިފަ އެވެ.