ދީޕިކާ: ޑިޕްރެޝަންގެ ސަބަބުން ހިތްދަތި ތަޖުރިބާތަކެއް ކޮށްފައިވޭ
08 އޮކްޓޯބަރ 2017 - 06:36
ދީޕިކާ ޕަދުކޯން، އޭނާއަށް ކުރިމަތިވި ޑިޕްރެޝަންގެ ވާހަކަ ވަރަށް ގިނައިން މީޑިއާއާ ހިއްސާކުރެ އެވެ. ޑިޕްރެޝަންގެ ސަބަބުން އޭނާގެ ހަޔާތަށް އައި ބަދަލުތަކާއި އެއްވެސް ހިތްހަމަޖެހުމެއް ނުލިިބިގެން އުޅުނު ގޮތް އޭނާ ވަރަށް އަސަރާއެކު ކިޔައިދީފައިވެ އެވެ.
"ލިވް، ލަވް، ލާފް ފައުންޑޭޝަން" ކިޔާ ފައުންްޑޭޝަނެއް އުފައްދައި، ޑިޕްރެޝަންގެ މައްސަލަތައް ހުންނަ މީހުންނަށް މި ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދީޕިކާ ފެށި މައިގަނޑު ސަބަބަކީ ޑިޕްރެޝަންގެ ސަބަބުން އޭނާއަށް ކުރެވުނު ބިރުވެރި ތަޖުރިބާ އެވެ.
ދީޕިކާ ސިފަ ކުރި ގޮތުގައި އެއީ ވަރަށް ހިތްދަތި ތަޖުރިބާއެކެވެ. އަދި ޑިޕްރެޝަން އެނބުރި އަތުވެދާނެތީ އޭނާގެ ހިތުގައި އަބަދުވެސް ބިރުވެރިކަން އޮވެ އެވެ.
އިންޑިއާ އިކޮނޮމިކް ސަމިޓްގައި ބައިވެރިވި މީހުންނާ ވާހަކަ ދައްކަމުން ދީޕިކާ، 31، ބުނީ ޑިޕްރެޝަންގެ މައްސަލަތަކުން މުޅިން އަރައިގަނެވިފައިވާ ކަމަށް ބުނަން މިހާރުވެސް އޭނާއަކަށް ނުކެރޭނެ އެވެ. އަދިވެސް އެ މައްސަލަ އަލުން ކުރިމަތިވެދާނެކަމުގެ ބިރު އޭނާގެ ހިތުގައި އެބައޮތެވެ.
ޑިޕްރެޝަންގެ މައްސަލަތައް އާއްމުންނާ ހިއްސާކުރަން ބޭނުންވި ސަބަބު ކިޔައިދެމުން ދީޕިކާ ބުނީ އެކަމުން ނުކުމެދާނެ ނަތީޖާއަކަށް އޭނާ ނުބަލާ ކަމަށެވެ. އޭނާ ބޭނުންވީ ނަފްސާނީ ބަލިތަކާ މެދު އިންޑިޔާއިން، ޚާއްސަކޮށް މުޅި ދުނިޔެ ދެކޭ ގޮތް ބަދަލުކުރުމެވެ.
ޑިޕްރެޝަންގެ ސަބަބުން އޭނާގެ ކެރިއަރަށް ކުރި އަސަރުތައް ވެސް ދީޕިކާ ކިޔައިދިނެވެ. ވަރަށް ގިނަ ފިލްމުތައް އޭނާއަށް ގެއްލުނުކަން ހާމަކުރަމުން ދީޕިކާ ބުނީ މިހާރުވެސް ބައެއް ޕްރޮޑިއުސަރުން އެ ސަބަބާ ހެދި އޭނާއަށް ފިލްމު ދޭން ބޭނުން ނުވާހެން ހީވާ ކަމަށެވެ.
"މިހާރުވެސް އަހަރެންނަށް ފިލްމުތައް ހުށަނާޅާ ވަރަށް ގިނަ ޕްރޮޑިއުސަރުން އެބަތިބި. ވެދާނެ އެއީ އަހަރެން ޑިޕްރެޝަން އަށް ގޮސްގެން ރަނގަޅަށް އެކްޓް ނުކުރެވިދާނެހެން ހީވާތީ ކަމަށް ވެސް. ނަމަވެސް އަހަރެން މިހިރީ ހިތްހަމަޖެހޭ މަގާމެއްގައި. ސަބަބަކީ އަހަރެން އެކްޓްކުރަން ބޭނުންވާ ފިލްމުތައް އިޚްތިޔާރު ކުރުމުގެ ފުރުސަތު ލިބިފައި ވާތީ. އަހަންނަކަށް ހިއެއް ނުވޭ ކޮންމެ ކޮންމެ މީހަކަށް އެމީހަކު ހިތް އެދޭ ތަނެއްގައި ހިތް އެދޭ ގޮތަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެހެނެއް،" ދީޕިކާ ބުންޏެވެ.
ދާދިފަހުން "ޕަދްމާވަތީ"ގެ ޝޫޓިންގައި ވެސް ދީޕިކާ އަށް ކުޅެން ޖެހުނު ދެރަވާ މަންޒަރުތަކަކާ ހެދި އޭނާއަށް ވަރަށް ބޮޑަށް އަަސަރުކޮށްގެން އުޅުނު ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގެދާނޯމޮސް
08 October 2017
މީނަގެ ރީތިކަމާ ހެދި މިދައްކާ ވާހަކައިން ބުނާއެއްޗެއް ނުވިސްނިފަ މިއިނދެވެނީ ....!
ލުގުމާނުގެ ބައްޕަ
08 October 2017
ދީޕިިކާ ހާދަ ލޯތްބޭ.ނަމްބަރު ލިބިދާނެތަ؟