ތަކެތި ގަތުމުގައި ކޮރަޕްޝަނެއް ނުހިންގާ: އައިޖީއެމްއެޗް

އައިޖީއެމްއެޗަށް ބޭނުންވާ މެޑިކަލް އިކުއިޕްމެންޓްސް ގަތުމުގައި މުވައްޒަފުން މެދުވެރިވެ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް އަމަލުކުރަމުންދާ ކަމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެ ހޮސްޕިޓަލުން މިއަދު ދޮގުކޮށްފި އެވެ.


ރާއްޖޭގެ އާބާދީގެ ބޮޑު ޕަސެންޓެއް ބަރޯސާވެފައިވާ ސަރުކާރުގެ މައި ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި އެ ހޮސްޕިޓަލުގެ އިސް މުވައްޒަފެއް މެދުވެރިވެ ކޮރަޕްޝަން ހިންގާ ކަމުގެ ތުހުމަތުތަކެއްކޮށް، ފޮޓޯއާ އެކު އިއްޔެ ވަނީ ސޯޝަލްމީޑިއާގައ އާއްމުކޮށްފަ އެވެ. މިކަން ކުށްވެރިކޮށް، ނެރުނު ބަޔާނުގައި އައިޖީއެމްއެޗުން ބުނީ މުވައްޒަފުންގެ ފޮޓޯ ޖަހައި ފަތުރަމުންދާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ.

އެއީ، ވަރަށް ހިތާމަވެރި އަދި ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި މެޑިކަލް އިކުއިޕްމެންޓްސް އާއި ކޮންސިއުމަބްލްސް ހޯދުމުގައި އަމަލުކުރަމުން އަންނަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށެވެ. މި ނޫން ގޮތަކަށް ކަމެއް ހިނގާ ނަމަ އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ ކޮރަޕްޝަން ހުއްޓުވާ މުއައްސަސާތަކަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނަ ކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"ވީމާ މި ހޮސްޕިޓަލްގައި ވެސް ހިނގާ އެއްވެސް މަޝްރޫއެއް ނުވަތަ ހޮސްޕިޓަލަށް ގަންނަ އެއްޗެއް ގަތުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް އެއްވެސް ފަރާތަކަށް ތުހުމަތު ކުރެވޭ ނަމަ އެ މައްސަލައެއް އޭސީސީ އަށް ހުށަހެޅުމަކީ މި ހޮސްޕިޓަލުން އަބަދުވެސް މަރުހަބާ ކިޔާ ކަމެއް ކަމުގައި ދެންނެވީމެވެ،" އައިޖީއެމްއެޗުގެ ބަޔާނުގައިވެ އެވެ.

ހޮސްޕިޓަލްގެ ބަހެއް ނެތި، ކޮރަޕްޝަންގެ ތުހުމަތުކޮށް ނޫސްތަކުން ޚަބަރު ރިޕޯޓް ކުރަމުންދާ ކަމުގެ ކަންބޮޑުވުން ވެސް އައިޖީއެމްއެޗުން ފާޅުކޮށްފައިވެ އެވެ.

އައިޖީއެމްއެޗަށް ބޭނުންވާ ސާމާނު ގިނައިން ހޯދަނީ އެސްޓީއޯ މެދުވެރިކޮށެވެ. ބައެއް އަމިއްލަ ކުންފުނިތައް މެދުވެރިކޮށް ވެސް ބައެއް ސާމާނު ހޯދަ އެވެ.