ގާނޫނާ ހިލާފުވެގެން އެމްޑީއޭ ބައިލައްކަ ރުފިޔާއިން ޖޫރިމަނާ

ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފުވެގެން ތިން ޕާޓީއަކާ މެދު ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ނިންމައިފި އެވެ. އޭގެ ތެރެއިން، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ވަނީ ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމައިފަ އެވެ.


އެމްޑީއޭގެ އިތުރުން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކްސް (އެމްޓީޑީ)އާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އީސީން ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ލީޑަރުކަން ކުރައްވާ އެމްޑީއޭއާ މެދު ފިޔަވަޅު އަޅަން އީސީން މި ނިންމީ، އެ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ގައުމީ ބައްދަލުވުން ބާއްވާފައި ނުވާތީ އެވެ. އެ ކޮމިޝަނުން ބުނިގޮތުގައި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ، 50،000 ރުފިޔާ، މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ދުވަހުން ފެށިގެން އެއް މަސް ތެރޭގައި ދައްކަން ޖެހޭނެ އެވެ. އަދި އެ ބައްދަލުވުން ވެސް، ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ އެކު ވީ އެންމެ އަވަހަކަށް ބޭއްވުމަށް ވަނީ އަންގައިފަ އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައިގެން އުފެއްދި އެމްޓީޑީ ވެސް ޖޫރިމަނާ ކުރީ ޕާޓީގެ ގައުމީ ބައްދަލުވުން ނުބާއްވައިގެންނެވެ. އެ ޕާޓީ ޖޫރިމަނާ ކުރީ 30،000 ރުފިޔާ އިންނެވެ.

މި ފައިސާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ދުވަހުން ފެށިގެން އެއް މަސް ތެރޭގައި ދައްކަން އެ ޕާޓީއަށް ވެސް އީސީން ވަނީ އަންގައިފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ލީޑަރަކަށް ހުންނެވި ޑީއާރުޕީއާ މެދު ފިޔަވަޅު އަޅަން އީސީން ނިންމީ، ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ޕާޓީގެ އަސާސީގެ ގިނަ ކަންކަމާ ހިލާފުވެފައިވާތީ އެވެ. އެގޮތުން ގާނޫނާއި ގަވައިދުތަކާ ހިލާފުވެގެން 2016 ވަނަ އަހަރާއި މިދިޔަ އަހަރު ކުރި ޖޫރިމަނާގެ ފައިސާ އެ ޕާޓީން އަދިވެސް ނުދެއްކުމާއި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ހުށަނޭޅުން އޭގެ ތެރޭގައި ހިމެނެ އެވެ.

އީސީން ބުނިގޮތުގައި ގާނޫނުގައިވާ ގިނަކަންކަމާ ހިލާފުވެފައިވާތީ އެ ޕާޓީއަށް އެކި ފަހަރު މަތިން ވަނީ ނަސޭހަތާއި އިންޒާރުދީ އަދި ފިޔަވަޅު ވެސް އަޅައިފަ އެވެ.

އީސީން މިއަދު ވަނީ، އެ ޕާޓީއާ މެދު އިތުރަށް އަޅަން އޮތް އެންމެ ފަހު ފިޔަވަޅާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޑީއާރުޕީއާ ބައްދަލުކުރުމަށް ނިންމައިފަ އެވެ.