މިދިޔަ ވީކެންޑްގައި ބެލުނު އެންމެ ރީތި ފިލްމަކަށްވީ ބޮލީވުޑްގެ އެންމެފަހުގެ ރިލީޒް "ގުލާބޯ ސިޓާބޯ" އެވެ. މިއީ ޖޫހީ ޗަތުރްވޭދީގެ ސްކްރީންޕްލެއަކަށް، ޝޫޖިތު ސިރްކާރް ޑައިރެކްޓުކޮށް ގެނެސްދިން ކޮމެޑީ ޑްރާމާއެކެވެ. އަމީތާބް ބައްޗަން އާއި އަޔުޝަމަން ކުރާނާ ލީޑު ކުޅުނު މި ފިލްމު ބަލަމުން ދިޔައިރު، ހަމަ ޖޫހީގެ ކުރީގެ ކޮމެޑީ ޑްރާމާ "ޕީކޫ" ބެލިިއިރު ކުރެވުނު ކަހަލަ އިހުސާސެއްވި އެވެ. އެކަމަކު މިއީ އެއާ މުޅިން ތަފާތު ވާހަކައެކެވެ.

މިހާރު ފިލްމީ ދުނިޔޭގެ ގިނަ މަސައްކަތްތައް ހުއްޓިފައި އޮތް ނަމަވެސް، ތަފާތު ސްޓްރީމިން ޕްލެޓްފޯމްތައް މެދުވެރިކޮށް މުޅިން އާ ފިލްމުތަކާއި ސީރީޒްތައް އަންނަނީ ނިކުންނަމުންނެވެ. މީގެ ތެރޭގައި ހެސްކިޔާފަ ސަޅި މަސައްކަތްތައް ވެސް އެބަހުއްޓެވެ. އަދި ލޮކްޑައުންގެ ލުޔާ އެކު ބައެއް ގައުމުތަކުން ސިނަމާތައް އަލުން ހުޅުވުމަށް ތައްޔާރުވާއިރު، ފިލްމުތައް އަޅުވާނެ ތާރިހުތައް ވެސް ވަނީ އިއުލާންކުރަން ފަށައިފަ އެވެ. އަދި ކުރިއަށް އަންނަން ހުރި ބައެއް ފިލްމާއި ސީރީޒްތަކުގެ ޓްރެއިލާތައް ވެސް ވަނީ ނިކުމެފަ އެވެ.

މި ލިސްޓް ކުރަނީ މި ފަހުން ރިލީޒްކުރި ބައެއް ޓްރެއިލާތަކާ އެކު މިހާރު އަހަރެން އެންމެ އިންތިޒާރުކުރާ ބައެއް ފިލްމުތަކެވެ.

ކޭންޑީމޭން

ޖޯޑަން ޕީލޭ، ވިން ރޯޒެންފެލްޑް އަދި ނިއާ ޑަކޯސްޓާ ލިޔެފައިވާ މި ސުޕަނެޗުރަލް ސްލެޝާ ފިލްމަކީ 1992 ވަނަ އަހަރު ހަމަ މި ނަމުގައި ނިކުތް ފިލްމެއްގެ ސީކުއެލް އެކެވެ. ޔުނިވާސަލް ޕިކްޗާސް އިން ގެނެސްދޭ، ޑަކޯސްޓާ ޑައިރެކްޓްކުރާ މި ފިލްމަކީ "ކޭންޑީމޭން" ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމެވެ.

ސެޕްޓެމްބަރު 24 ގައި ރިލީޒްކުރާ މި ފިލްމުގެ އާ ޓީޒާއެއް ޑަކޯސްޓާ ވަނީ ވަރަށް ފަހުން ޓުވިޓާ މެދުވެރިކޮށް ދައްކާލައިފަ އެވެ.

ޕެނިންސުލާ

ސައުތު ކޮރެއާގެ ޒޮމްބީ ތުރިލާ "ޓްރެއިން ޓު ބުޝާން" ގެ ސީކުއެލް ފިލްމެވެ. މޮޅު ޕްރޮޑަކްޝަން މަސައްކަތެއް ކޮށްފައި އޮތް މި ފިލްމުގައި ދެއްކި ޒޮމްބީތަކަށް އެކަނި ވެސް ކްރިޓިކުން ވަނީ ލައްކަ ތައުރީފުކޮށްފަ އެވެ. އެހެންވެ، ދެ ވަނަ ފިލްމަށް ކުރާ އުއްމީދު އަދި މާ ފޮންޏެވެ. މި ސީކުއެލްގައި ދައްކާނީ ކުރީ ފިލްމުގައި ހިނގި ކަންތައްތަކުގެ ހަތަރު އަހަރު ފަހެވެ. މި ފިލްމު ސިނަމާގައި ދައްކަން ފަށާނީ އަންނަ މަހު 30 ގަ އެވެ.

ޕާމް ސްޕްރިންގް

ހުލޫގެ އޮރިޖިނަލް ރޮމޭންޓިކް ކޮމެޑީ އެކެވެ. މިއަހަރު ކުރީ ކޮޅު ބޭއްވި ސުންޑޭސް ފިލްމު ފެސްޓިވަލުގައި އަޅުވައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރިކޯޑް ވެސް ގާއިމްކުރި އެވެ. މި ފިލްމުގެ ލީޑު ކުޅުނީ، ސިޓްކޮމް ސީރީޒް "ބްރޫކްލިން ނައިން-ނައިން" އިން މަޝްހޫރުވި އެކްޓަރު އޭންޑީ ސަމްބާގް އެވެ. އަދި އޭނާއާ އެކު ކްރިސްޓިން މިލިއޯޓީ އެވެ. އަންނަ މަހު 10 ގައި ސްޓްރީމިނަށް ދޫކޮށްލާ މި ފިލްމުގައި ދައްކަނީ ދެ ލޯބިވެރިންގެ އެއް ދުވަސް، ހާލަތަށް އަންނަ ބަދަލާ އެކު، ތަފާތު ވެދާނެ އެކި ގޮތްތަކެވެ.

ބުލްބުލް

ނެޓްފްލިކްސް އިން މާދަމާ ސްޓްރީމިންނަށް ދޫކޮށްލާ މި ފިލްމަށް އިންތިޒާރު ކުރަނީ، ބޮލީވުޑްގެ އެކްޓްރެސް އަނުޝްކާ ޝަރުމާ ޕްރޮޑިއުސްކުރާތީވެ އެވެ. އަނުޝްކާ އޭނާގެ އަމިއްލަ ޕްރޮޑަކްޝަނުން މިހާތަނަށް ގެނެސްދިން ފިލްމާއި ސީރީޒްތައް ވަރަށް ކާމިޔާބެވެ. އެކަމަކު ބޮލީވުޑްގެ މިފަހުން ނިކުތް ގިނަ ބިރުވެރި ފިލްމުތަކަކީ ވަރަށް ކަމުނުދާ ފިލްމުތަކަށް ވީމަ، މި ފިލްމަށް ވެސް އެ ބިރުވެރިކަން އެބަ އޮތެވެ. އަނުޝްކާ ކުރިން ގެނެސްދިން ބިރުވެރި ފިލްމު "ޕަރީ" އަށް ލިބުނު ތަރުހީބާ އެއް ވަރަށް، ކަމުނުދާ ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ.

މި ލިސްޓަށް އިތުރުކޮށްލާނީ ...

- މާދަމާ ނެޓްފްލިކްސް އަށް އަންނަ "ނޯބޮޑީ ނޯސް އައިމް ހިއާ"

- ސެޕްޓެމްބަރު 18 ގައި އަޅުވާ ތުރިލާ "ދި ނެސްޓް"

- އަންނަ މަހު 24 ގައި އަޅުވާ ބިރުވެރި ފިލްމު "ދި ރެންޓަލް"