ޖުލައި 1 ގައި އެންއީއޯސީ އުވާލައި އާ މަރުހަލާއެއް ފަށާނެ: ރައީސް

ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމަށް އުފެއްދި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ޖުލައި 1 ގައި އުވާލައި އެ ތަނުގެ މަސައްކަތްތައް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށް އާ މަރުހަލާއެއް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އުފެއްދި އެންއީއޯސީ ހިންގާ ދަރުބާރުގެ އަށް ޒިޔާރަތްކުރައްވައި އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތައް އަންނަ ބުދަ ދުވަހުން ފެށިގެން އާ މަރުހަލާއަކަށް ބަދަލުކުރައްވާނެ ކަމަށެވެ. އެއާއެކު އެންއީއޯސީގެ މަސައްކަތްތައް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވާނެ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅޭ މައުލޫމާތު ހިއްސާކުރަން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް އެންއީއޯސީން މީޑިއާ ބްރީފިން ބާއްވަ އެވެ. ބައްޔާ ދެކޮޅަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާއި މުހިއްމު މައުލޫމާތުތައް އޭގައި ހިއްސާކުރެ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ ދެކޮޅަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅެވެ. އެކަމުގައި އެހީތެރިކަމާއި އެއްބާރުލުން ދިން ހުރިހާ އެންމެންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

އެހެން ބައެއް ގައުމުތައް ދިޔަ ފަދަ ގޯސް ހާލަތަކަށް ނުގޮސް ރާއްޖެ މިހާރު އޮތް ހާލަތަށް އާދެވުނީ ސިއްހީ މާހިރުން، ރައްޔިތުންނަށް ދިން އިރުޝާދާއި މައުލޫމާތުތަކުގެ ސަބަބުންކަން ފާހަގަކުރައްވައި އެ ބޭފުޅުންނަށް ވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

އާ މަރުހަލާއާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެ ބަދަލަކީ އާއްމު ދިރިއުޅުމަށް ރުޖޫއަވާން ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ. އަދި ވެސް އެކަން ކުރިއަށް ގެންދިއުމުގައި އެންމެންގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ކުރި މަސައްކަތަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރި މިފަދަ އެންމެ ބޮޑު މަސައްކަތްކަން ފާހަގަކުރައްވައި، މިގޮތަށް މި މަސައްކަތްކުރެވުނީ އެންއީއޯސީގެ ހުރިހާ ބޭފުޅުންގެ އެހީތެރިކަމާއި ކަމާގުޅޭ އިސްވެރިން ކުރެއްވި ފުރިހަމަ މަސައްކަތުންކަން ފާހަގަކުރައްވައި ރައީސް ޝުކުރު އަދާކުރެއްވި އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 2،324 މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފަ އެވެ.

އެ ބަލީގެ މީހަކު މާލެއިން ފެނުނު ފުރަތަމަ ދުވަސް، އޭޕްރީލް 15 އިން ފެށިގެން މުޅި މާލެ ސަރަހައްދު ވަނީ ލޮޮކްޑައުންކޮށްފަ އެވެ. ނަމަވެސް އެ ހަރުކަށި ފިޔަވަޅުތަކަށް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ ލުއިދޭން ފަށައިފަ އެވެ. ބަލީގެ ހާލަތު ގޯސް ނުވާ ނަމަ ޖުލައި 1 ގައި ރާއްޖޭގެ ބޯޑަރު ހުޅުވައި ރާއްޖޭގެ ޓޫރިޒަމް ވެސް އަލުން ފަށަން ވަނީ ނިންމައިފަ އެވެ.