ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުކުރާ މީހުންނާ މެދު، ގާނޫނުން މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޖެންޑާ މިނިސްޓްރީން ދީފި އެވެ.
ކުޑަކުދިން ކުރާ އުމުރާ ނުގުޅޭ ކަންކަމާއި އަޚުލާގީ މައްސަލަތައް ވީޑިއޯކޮށް އާއްމުކުރުމާއި ޖިންސީ ގޯނާ ލިބޭ ކުދިން އެނގޭ ގޮތަށް ޒާތީ މައުލޫމާތު އާއްމުކުރުމަކީ ކުޑަކުދިންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެކެވެ.
ކުޑަ ދެ ކުއްޖެއްގެ އުމުރާ ނުގުޅޭ އަމަލެއް ހިންގާ މަންޒަރުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މިއީ ކަމާގުޅޭ އިދާރާތަކުން ބަލަމުން އަންނަ މައްސަލައެއް ކަން ފާހަގަކޮށް، އެ ވީޑިއޯ ވައިރަލްކުރަމުންދާތީ ޖެންޑާ މިނިސްޓްރީން ވަނީ ހިތްހަމަނުޖެހުންފާޅުކޮށް ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައި ބުނީ ކުޑަކުދިންނާ ގުޅޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި އެ ގޮތަށް ދައުރުވުމުން ކުޑަކުދިންގެ މަސްލަހަތާއި އެ ކުދިންގެ ކަރާމާތާއި ހެދިބޮޑުވުމަށް ނޭދެވޭ އަސަރު ފޯރާނެ ކަމަށެވެ. އެފަދަ ވީޑިއޯތައް ދައުރުކުރުމަކީ އެ މިނިސްޓްރީ އަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
"...ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ މައުލޫމާތު، ފޮޓޯ އަދި ވީޑިއޯ ސޯޝަލްމީޑިއާގައި އާއްމުކުރާ ނަމަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާ އިން މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުގައި އެކި ކުށްތަކުގައި ތުހުމަތު ކުރެވޭ ކުދިންނާއި ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެ ނޫން ސަަބަބުތަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި އެޑްރެހާއި ތައުލީމް ހާސިލްކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ސީދާގޮތުން ނުވަތަ ނުސީދާ ގޮތުން ވެސް އާއްމެއް ނުކުރެވޭނެ އެވެ.
ކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އާއްމުކުރާ މައުލޫމާތުތަކާ ގުޅިގެން ފިޔަވަޅު އަޅަން ގާނޫނު ލާޒިމްކޮށްފައިވެ އެވެ.
ކުޑަކުދިން ނުރައްކަލަކަށް ހުށަހަޅޭ ފަދަ އަމަލުތަކާއި އަނިޔާ ދިނުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގާނޫނުގައި، އާއިލާ އާއި ބެލެނިވެރިންނާއި މުޖުތަމައު އާއި ދައުލަތަކަށް ޒިންމާތަކެއް މަތިކޮށްފައިވެ އެވެ. އެހީތެރިކަން ބޭނުންވާ ކުދިންނަށް ރައްކާތެރި މާހައުލު ކަށަވަރު ކޮށްދޭން ވެސް ލާޒިމް ކަން ވެސް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.