ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކްލަބް ޒެފްރޯލާއި ކްލަބް ގްރީން ސްޓްރީޓް ބައްދަލުކުރަން ޖެހިއްޖެ އެވެ.

ފައިނަލުގެ ފުރަތަމަ ޖާގަ ޒެފްރޯލުން ހޯދީ އިއްޔެ ކުޅުނު ފުރަތަމަ ސެމީ ފައިނަލުގައި ދަ ގޭންގްއާ ވާދަކޮށް 1-0 އިން މޮޅުވެގެންނެވެ. ފުރަތަމަ ޑިވިޝަނުގައި ކުޅެފައި ތިބި ކުޅުންތެރިން ހިމެނޭ ޒެފްރޯލްގެ ކޯޗަކީ ނިއު ރޭޑިއަންޓުގެ ކުރީގެ ކެޕްޓަން އަދި ޓީސީގެ މިޑްފީލްޑަރު އަހުމަދު މުހައްމަދު (އައްމަޑޭ) އެވެ.

ގްރީން ސްޓްރީޓުން ފައިނަލުގެ ފަހު ޖާގަ ހޯދީ މިއަދު ކުޅުނު ދެ ވަނަ ސެމީ ފައިނަލުގައި މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މަހިބަދޫ އަތުން 4-1 އިން މޮޅުވެގެންނެވެ. ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާހު މުހައްމަދު (ސޮބާ)ގެ ކޯޗުކަމުގައި ކުޅެމުން އަންނަ ގްރީން ސްޓްރީޓަކީ މިފަހަރުގެ މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމެވެ.

ދެ ވަނަ ޑިވިޝަންގައި މިއަދު މަހިބަދޫ އާއި ގްރީން ސްޓްރީޓް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ދެ ވަނަ ޑިވިޝަންގައި މިއަދު މަހިބަދޫ އާއި ގްރީން ސްޓްރީޓް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދުގެ މެޗުގައި ގްރީން ސްޓްރީޓުގެ މަރަތު ގުވްޒެވް ދެ ލަނޑު ޖެހި އެވެ. އަނެއް ލަނޑު ޖެހީ ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ އަބޫ ޑެސްމަން މަންސާރޭ އެވެ. ފަހު ލަނޑަކީ މަހިބަދޫ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މަހިބަދޫގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އަލީ ޝަފީއު އެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެރޭ ގަލޮޅު ދަނޑުގަ އެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފުރަތަމަ ޑިވިޝަންގެ ސީދާ ޖާގައެއް ލިބޭއިރު، ބަލިވާ ޓީމެއް ޖެހޭނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ އަށްދާ ޓީމާ ދެކޮޅަށް ޕްލޭއޮފްގައި ކުޅޭށެވެ.

މި ފަހަރުގެ މުބާރާތުން ތިން ވަނަ ޑިވިޝަނަށް ރެލިގޭޓްވީ ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރި އޯލްޔޫތު ލިންކޭޖް (އޭވައިއެލް) އާއި ދިވެހި ސިފައިންގެ ކްލަބާއި ސްޓެލްކޯ އާއި ވެލޯޒިޔާ އެވެ.