އައިޖީއެމްއެޗުގެ ލެބޯޓްރީގައި ދެ ޓެކްނޮލޮޖިސްޓަކު މަސައްކަތުގައި: އެ ހޮސްޕިޓަލުން ބަޔަކު ޕޮޒިޓިވްވުމުން މިހާރު އަންނަނީ ކޮންޓެކްޓް ޓްރޭސިން ހަދަމުން.
05 ޖުލައި 2020 - 12:10
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ކޮވިޑް-19 ފެތުރުނީ އެޑްމިޓްވާ އެންމެން ޓެސްޓް ކުރަމުން އައި އުސޫލަށް ގެނައި ކުއްލި ބަދަލަކާ އެކު ޓެސްޓްކުރުމެއް ނެތި ފަރުވާ ކުރިއަށް ގެންދަން ނިންމުމުން ކަމަށް "މިހާރު"އަށް އެނގިއްޖެ އެވެ.
ކޮންމެ ދުވަހަކު ގިނަ ބަޔަކު ޚިދުމަތް ހޯދާ ހޮސްޕިޓަލުގައި، ބަލި މީހުންނާއި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ގޮތުން 11 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވީ އިންފެކްޝަން ކޮންޓްރޯލްކުރަން ކުރިން ވެސް ފިޔަވަޅުތައް އަޅައި، ޚާއްސަ އުސޫލްތަކަކަށް އަމަލުކުރަމުން ދަނިކޮށެވެ. ހޮސްޕިޓަލުގައި ބަލި ފެތުރުމަކީ އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެން މުވައްޒަފުންނާއި ބަލި މީހުންނާއި ބަލި މީހުންގެ އާއިލާތަކާއި ފަރުވާ ހޯދަން ދާ މީހުންނާއި ހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުން ބައްޔަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަކަށް ވާތީ މިހާރު އަންނަނީ އަނެއްކާވެސް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ކޮވިޑް-19 އިން ރައްކާތެރިވާން އެ ހޮސްޕިޓަލްގައި ކުރިން އަމަލުކުރަމުން އައި ގޮތަކީ، އެޑްމިޓްކުރާ އެންމެން ކޮވިޑަށް ޓެސްޓް ކުރުމެވެ. މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށުމާ އެކު އަމަލުކުރަން ފެށި މި އުސޫލު ސާކިއުލާއަކުން ލުއިކޮށްލީ، އެނގިފައިވާ ގޮތުގައި، ކޮވިޑް ޓެސްޓްކޮށް ނަތީޖާ ލިބެންދެން ކުޑަކުއްޖެއްގެ ސާޖަރީއެއް ހެދުން މަޑުޖައްސާލުމުން، އެ ކުއްޖާގެ ގުނަވަނެއް ނަގަން ޖެހުނު ހާދިސާއާ ގުޅިގެންނެވެ.
އެ ސާކިއުލާގައި އެންގީ ސީރިއަސް ނޫން ހާލަތްތަކުގައި ވެސް ކޮވިޑަށް ޓެސްޓްނުކޮށް، ފަރުވާ އާއި އެޑްމިޓްކުރުން ވެސް ކުރިއަށް ގެންދާށެވެ.
ކުޅިވަރުގައި މަޝްހޫރު، ހުސެއިން ހަލީމް (ކުޑަ ހުސެން)ގެ ދަރިފުޅުގެ ގުނަވަނެއް ނެގުމުގައި ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް ކުރި ތުހުމަތު ހޮސްޕިޓަލުން ދޮގުކުރެ އެވެ. އެއާ އެކު ވެސް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން ގެނައި ބަދަލާ އެކު، އެޑްމިޓްވުމުގެ ކުރިން ޓެސްޓް ކުރަން އޮންނަ އުސޫލް ދޫކޮށްލީ އެވެ. މިއީ، ބައެއް ޑޮކްޓަރުންނާއި ނަރުހުންގެ ކަންބޮޑުވުން އޭރު ވެސް އޮތް މައްސަލައެކެވެ.
އުސޫލް ލުއިކޮށްލި ފަހުން ދިމާވި ހާދިސާއަކުން ހޮސްޕިޓަލުގެ ތެރޭގައި ކޮވިޑް-19 ފެތުރި މިހާތަނަށް ވަނީ 11 ޕޮޒިޓިވް ކޭސް ފެނިފަ އެވެ. އެއީ، ފަސް ބަލި މީހުންނާއި ހަތަރު ސްޓާފުން ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އޭގެ ތެރޭގައި، ސްޕެޝަލައިޒްވާން ބޭރުގައި ހުރެފައި، ކޮވިޑާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭން އައި އައިޖީއެމްއެޗުގެ އޮންކޮލޮޖިސްޓެއް ވެސް ހިމެނެ އެވެ. ގިނަ އަދަދެއްގެ ނަރުހުން ހިމެނޭ ގޮތުން ގާތްގަނޑކަށް 27 މުވައްޒަފުން ވަނީ ހޯމް ކަރަންޓީންކޮށްފަ އެވެ.
އައިޖީއެމްއެޗުގައި ކޮވިޑް-19 ފެތުރުނުކަން އެނގުނީ، އެ ހޮސްޕިޓަލްގެ އައިސީޔޫގައި ކެންސަރު ބައްޔަށް ފަރުވާދެމުން ދިޔަ އިންޑޮނޭޝިއާގެ ފިރިހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ އެކު، އެހެން ބައެއް މީހުންގެ ޓެސްޓުތައް ހެދުމުންނެވެ. އުމުރުން 39 އަހަރުގެ އެ މީހާ އެ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ މިދިޔަ ބުރާސްފަތި ދުވަހު އޭނާ މަރުވި ފަހުންނެވެ. ކެންސަރު ބަލީގައި ދެވަނަ ސާޖަރީއެއް ހަދަން އެ މީހާ ކޮވިޑް-19 އަށް ޓެސްޓު ކުރި ނަމަވެސް ނަތީޖާ ލިބުމުގެ ކުރިން އޭނާ މަރުވީ އެވެ.
އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ބަލި މީހުންނާއި މުވައްޒަފުން ވަނީ ކޮންޓެކްޓް ޓްރޭސިން ހަދައިފަ އެވެ. މީގެ ތެރެއިން ބަލި މީހުން ޕޮޒިޓިވްވީ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު ވޯޑަށް ބަދަލުކޮށްފައި ވަނިކޮށެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން (އެޗްއޯސީ)ގައި ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ އެ ހޮސްޕިޓަލުގެ ވޯޑުތަކުގައި ތިބި ބަލި މީހުން ކޮވިޑަށް ޓެސްޓް ކުރުން އަދިވެސް ކުރިއަށް އެބަ ގެންދާ ކަމަށެވެ.
"ކޮންމެވެސް ވަރަކަށް އެކްސްޕޯޝާވެފައި ތިބި ރިލޭޓިވްސް ވެސް ޓެސްކުރަމުން އެބަދޭ. މުވައްޒަފުން ވެސް ޓެސްޓް ކުރަމުން އެބަދޭ،" ޑރ. ނަޒީމް ވިދާޅުވި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އިރުޝާދާ އެކު އައިޖީއެމްއެޗްގެ ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޝަނާ ގުޅިގެން މިހާރު އަންނަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެޗުއީއޯސީގެ ރޭގެ މީޑިއާ ބްރީފިންގައި ޑރ. އަލީ ނަޒީމް އޮންލައިންކޮށް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
ޑރ. ނަޒީމް ވިދާޅުވި ގޮތުގައި އެއް ކަމަކަށް، އައިސީޔޫ އަށް މީހުން ވެއްދުމުގެ ބަދަލުގައި ހާލު ބޮޑު ބަލި މީހުން އެޑްމިޓްކުރަނީ ރެސްޕިރޭޓަރީ ޔުނިޓުގަ އެވެ. އިންޑޮނީޝިއާގެ ބަލިމީހާ ޕޮޒިޓިވްވި އިރު އައިސީޔޫގައި ފަރުވާދެމުން އައި ހަ މީހުންގެ ޓެސްޓް ނަތީޖާ ދެއްކީ ނެގެޓިވްކޮށެވެ.
އެކަމަކު ކޮވިޑަށް މީހުން ޕޮޒިޓިވްވި ވޯޑެއްގައި ފަރުވާ ދޭ ބަލި މީހަކު ގެއަށް ދޫކޮށްލަން ޖެހުނު ނަމަވެސް އެ މީހަކު ލާނީ ހޯމް ކަރަންޓީނަށް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ޑރ. ނަޒީމް ވިދާޅުވީ ބޮޑެތި އޮޕަރޭޝަންތަކާއި އެޑްމިޓްކުރާ މީހުން ޓެސްޓް ކުރަމުން ދިޔައިރު ވެސް އެ ވަގުތު ނަތީޖާ ނެގެޓިވް ވިޔަސް ދެތިން ދުވަސް ފަހުން ޕޮޒިޓިވްވުމުގެ ފުރުސަތު ވެސް އޮންނަ ކަމަށެވެ.
"ނަމަވެސް މިހާރު އަޅުގަނޑުމެން ގެނައި ބަދަލަކީ ހުރިހާ އެޑްމިޝަންސްތައް [ކުރިއެކޭ އެއްގޮތަށް] ޓެސްޓްކުރަމުން ގެންދާނަން މި ވަގުތަށް. އެއީ މިހާރު އެތެރޭގައި ތިބި ޕޭޝަންޓުންނާއި އެޑްމިޓް ކުރެވޭ ޕޭޝަންޓުންގެ ރައްކާތެރިކަމަށް. މިހާރު މި ދިމާވެފައިވާ ކޮންޓިންޖެންސީގައި ސްޓާފުން ވެސް މަދުވަމުން ދިއުމާ އެކީގައި، އިތުރަށް ހަރުދަނާ ކުރުމުގެ އުސޫލެއްގެ ގޮތުން އެކަން މިކުރީ،" ޑރ. ނަޒީމް ވިދާޅުވި އެވެ.
"އިތުރަށް ބަލަމުން މިގެންދަނީ އަޅުގަނޑުމެންގެ ޕްރޮސެސްތަކާއި ޕްރެކްޓިސްތަކާއި ޕްރޮޓޮކޯލްސްތައް ހަރުދަނާ ކުރެވޭނެ ގޮތްތަކެއް ޑޮކްޓަރުންނާއި ނަރުހުންނާ ގުޅިގެން."
އައިޖީއެމްއެޗުގެ ގިނަ ޚިދުމަތްތަކެއް މި ހަފުތާގައި ފުޅާކުރަން ނިންމާފައި އޮތް ނަމަވެސް، ކޮވިޑަށް ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ޚިދުމަތްތައް ފެށުމުން މިހާރު އޮތީ މަޑުޖައްސާލައިފަ އެވެ. އެއީ ކޮންޓެކްޓްސްތައް މަދުކުރުމުގެ ގޮތުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަދޫ
06 July 2020
ކޮވިޑް-19 އިން ރައްކާތެރިވުމަށް ހޮސްޕިޓަލްގައި ޢަމަލުކުރަމުން އައި އުޞޫލު ލުއިކުރަންޖެހޭނީ، ނުރައްކަލަށް އެހެން މީހުން ހުށަނޭޅޭނެ ގޮތަށް ވިސްނައިގެން. މީހަކަށް އިމަޖެންސީކޮށް ފަރުވާދޭން ޖެހިއްޖެނަމަ ކޯވިޑް-19ގެ ސާމްޕަލް ނަގައި އޭގެ ނަތީޖާ ނުލިބުނަސް ރައްކާތެރި ކަމުގެ ފިޔަވަޅު ލުއިނުކޮށް ފަރުވާދެވޭނޭ އުޞޫލެއް ޤާއިމު ކުރެވެންވާނެ. މިކަހަލަ ނުރައްކާތެރި ކަންކަން މިވަނީ އެނބުރޭ ވަހުތާނެއްހެން ސިކުނޑި އެނބުރޭތީ
ތުއްތު
06 July 2020
މާބޮޑަށް ނޯމަލް ވެވުނީ.. މިއަދުވެސް ފޮރިންމިނިސްޓަރީ ގައި ވެސް މާސްކް ވެސް ނައަޅާ އޮފީސްތެރޭ އެކިއެކި ބައްދަލުވުންތައް ބޭއްވި މަންޒަރު ފެނިގެންދިޔައީ.. މިސާލު ދައްކަން ތިބި ވެރިން އަދި އެއްމެބޮޑަށް ކޮވިޑް ގެ ކަންތައް އެނގިފަ އޮންނަން ޖެހޭ މުވައްސަސާ މިކަމުގައި ފަރުވާ ކުޑަކުރަނީ ގަސްތުގައި ރާވައިގެން 2ވަނަ ރާޅުވެސް ބިންދާލާތޯ އުތަ؟ އޭރުންތާ އެކިނަންނަމުގައި ޤައުމަށް ލިބިފައި ހުރި ލޯނާއި/އެހީ ގެ ފައިސާ ތަޅާ / ކާލާ / ބުރުވާލެވެނީ
ދަގަނޑުދަހަނާ
06 July 2020
ރާނަންވީމާ ވެސް އެނގެނީ އެމީހާ އަށް. ވަޑާން ކުރަން ވެސް އެނގެނީ އެމީހާ އަށް. ބޭސް ސިޓީ ދެނީ ވެސް އެމީހާ. ޕްރޮފެޝަނަލް ކޮށް ކުރަންޖެހޭ މަސައްކަތަށް ދަނޑިބޭނުން ހުއްޓާލާ! އާދޭސް މިކުރަނީ! ދެފައިގަހިފާފަ! މާތްކަލާކޮއްޓަކާ!
ޚިޔާލު
05 July 2020
ހުސެން ޖެއްސީ ރަގަޅު މައްސަލައެއް. ކޮވިޑްގެ ޓެސްޓުގެ ނަތީޖާ ލިބެންދެން މަޑުކުރަން ހަދައިގެން ފަރުވާނުދެވި ލަސްވުމުން އޭނާގެ ދަރިފުޅަށް ބޮޑު ގެއްލުމެއް ލިބުނީ. ދެން އެސްއޯޕީއަށް ގެނައި ބަދަލަކީ ޓެސްޓް ނުކުރުން ކަމަށްވާނަމަ ތިތާގައި ތިބި މީހުންނަށް އެސްއޯޕީ ހަދަން ނޭގޭކަން ޔަގީން. އަޅައިފި އަތަކަށް މަރު. މިހާރު އެތައް ބަޔަކަށް ކޮވިޑް ޖެހިއްޖެ. ރައީސް އޮފީހުގެ މިނިސްޓަރެއްގެ ދަށުން ހޮސްޕިޓަލް ހިންގަނީ ކީއްވެ؟ ކޮބާ ހިކުމަތަކީ؟
ސުމުއްވުލް
06 July 2020
ހިކުމަތް އެނގިވަޑައިގަންނަވާނީ މި ވަގުތު ޖަލުގައި އޮތް ރައީސަށް. 2014 ވަނަ އަހަރު ވަކި ގަވަނިން ބޯޑެއް ހަދާ ރައީސް އޮފީހުގެ ބެލުމުގެ ދަށަށް އައިޖީއެމްއެޗް ގެނައީ ޔާމީނު
ޚިޔާލު
06 July 2020
ޔާމީން ޖަލުގައި އޮންނަވައިގެންތަ އަދިވެސް ތިތަން ހިންގަނީ؟ ޔާމީންގެ ދައުރުގެ އަނިޔާއާއި ނާއިންސާފު ގޯސްވެގެންނެއް ނޫންތަ ރައްޔިތުން ވޯޓުދީގެން އާ ސަރުކާރެް
ޚިޔާލު
06 July 2020
ޔާމީން ޖަލުގައި އޮންނަވައިގެންތަ އަދިވެސް ތިތަން ހިންގަނީ؟ ބަލަ ޔާމީންގެ ދައުރުގެ އަނިޔާއާއި ނާއިންސާފު ކަމު ނުގޮސްގެންނެއް ނޫންތަ ރައްޔިތުން އާ ސަރުކާރެއް އިންތިހާބު ކުރީ؟ އާ ސަރުކާރަށް ދެއަހަރު ވާން އުޅޭއިރު އަދިވެސް ތިވަރުގެ ކަމެއްވެސް ރަގަޅު ނުކޮށް ހުރީ.
ނަން
05 July 2020
ތިގެނައި ބަދަލު އަވަހަށް ޔޫރަޕަށް ކިޔައިދީ. ކުރިންވެސް ރާއްޖެއިން އޮތީ ޔޫރަޕަށް ކޮރޯނާ ކިޔަވަދީފައެންނު.
ހާމަ
05 July 2020
ކުޑަ ހުސެން ބުނެދިނީ އޭނާގެ ވާހަކަ. އެވާހަކަ ބުނެދީ ވީގޮތް ބަލާ މައްސަލަ ޖައްސާ ހެދުން އެއީ އޭނާގެ ހައްގެއް. އެހެނެކޭ ކިޔާފަ ހޮސްޕިޓަލުގެ ޕްރޮޓޮކޯލް ބަދަލު ކޮއް މިކަހަލަ މިސްޓޭކެއް ހަދާކަށް ނުޖެހޭ. ހޮސްޕިޓަލަށް ދާ މީހުން މާސްކް ނާޅާ ހޮސްޕިޓަލުގައި އުޅެނީ ވެސް ކުޑަ ހުސެން ބުނެގެންތޯ. މާސްކް ނާޅާ މީހުން ވޯޑުން ނުނެރެވެނީ ކުޑަ ހުސެއިން ބުނެގެންތޯ؟ އެެކަން ކަން ތަންފީޒު ނުވަނީ ކީއްވެެގެންތޯ؟ އެތައް ކުޑަ ކުދިންނެއް ނުރައްކަލަށް ހުށައެޅުނީ ކީއްވެގެން؟
ބޮޑު ހުސެން
05 July 2020
ކަމެއްވާއިރަށް ހޭބޯ ނާރާ ސޯޝަލް މީޑިއާގަ ދެފައިތެޅާފަ ބޮޑާތަ ހާކަންވީ. ކުށްވެރި ނުކުރާކަށް މީހެއް ނެތް. ކަމުދާ އުސޫލެއް އޮތްކަމުގައެއްނުވި. މިހާރު އެނގިފަ އޮންނާނި އުސޫލު އެހެން އޮތީ ކީއްވެކަން. މީހުން މާސްކް ނާލާ އުޅޭވާހަކަ އާ ވާޑަށްވައްދާ ނެރޭ ވާހަކަ މިތަނަކު ނުދައްކާ. ހާލަތަށް ބަލާފަ ޓެސްޓު ކޮށްފަ ފަރުވާދޭން މަޑުކުރަން ބުނީމަ އެކަން ކަމުނުގޮސްގެން އެކަމުގެ ރުޅި ބޭލި މީހެއް ވާހަކަ މި ދައްކަނި. މާސްކް ނާޅާގެން އުފެދުނު ކްލަސްޓަރ އެއްނޫން މީ.
ސިޔޔަމމު
05 July 2020
އުސޫލަކަށް ނުވާ އުސޫލުތަ ތިތާ ގެންގުޅެނީ މީހަކު ސޯޝަލް މީޑިއާ އަށް އެއްޗެއް ލާ އިރަށް ތިޔަ ބަދަލުވަނީ.
ސުއި
05 July 2020
މިކަމުގެ ޒިންމާވާނީ ކާކުހޭ.... ޒިންމާވާނީ ކާކުހޭ
ސަޕް ޑޫޑް
05 July 2020
އުސޫލު ލުއިކުރިއަސް އެޑް މިޓު ކުރެވޭ ވަގުތު ސާ މްޕަލް ނަގާ ކޮވިޑް އަށް ޓެސްޓު ކުރެވެން ވާނެ ނު؟ އެހެންވީރު ނިއާވި ބުރާސްފަތި ދުވަހުގެ ކުރިން އޭނާ ހޮސްޕިޓަލްގައި އޮވެ 2 ހަފުތާ ވީރު ޕޮޒިޓިވް ތޯ ބެލިފަ ނެތީ ކީއްވެ؟ މިކަން މިހެން ހިނގާނީ އިތުރު އިހު މާލެއްވެސް ވެވުނީ މަ. ތަކުރާރު ވިޔަ ނުދޭން މިސަބަބުތައް ވެސް ހޯދަން ޖެހޭ
ސިޔާމމް
05 July 2020
ކުޑަ ހުސައިނު ހަޅޭލަވައިގަތީމަ ސިއްސައިގެން ދާ އެސް އޯޕީ ތަކެއް ވީމަ ވީގޮތް. ކުޑަ ހުސައިނު އޗްޕީއޭ ގެ ޑިރެކްޓަރ ޖެނެރަލް އަށް ވުރެ މަތިވީތާ އެވެ.