ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަމަލުކުރަން ކަނޑައަޅާފައިވާ ޑައިޑްލައިންތަކުގައި، ބައެއް ތަންތަނަށް ދާއިރު މާސްކް އަޅަންޖެހޭ ގޮތަށް އޮތް ނަމަވެސް އެގޮތަށް އަމަލު ނުކުރާކަން ފާހަގަވާ ކަމަށާއި އެކަމަކު މާސްކް އެޅުން މަޖުބޫރުކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.
ކޮވިޑް-19 ގެ ހާލަތާ ބެހޭ ގޮތުން ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު އަދި އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ބައެއް ކަންތައްތައް މަޖުބޫރުކުރާއިރު ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުންނަ ކަމަށެވެ.
ބަލީގެ ހާލަތު އިތުރަށް ގޯސްވެގެން ދިޔަ ނުދިނުމަށް ފިޔަވަޅުތައް ހަރުކަށިކޮށް، މާސްކް އެޅުން މަޖުބޫރުކުރުން ފަދަ ކަމެއް ނުކުރާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ނަޒްލާ ވިދާޅުވީ މާސްކް އެޅުން މަޖުބޫރުކުރުމަށް ފަހު ދެން ނާޅާ އުޅޭ އެންމެ ހޯދޭނެތޯ އާއި އެ މީހުންނާ ދޭތެރޭ ފިޔަވަޅު އެޅޭނެތޯ އެއީ ވެސް ސުވާލެއް ކަމަށެވެ.
"މިހާރުވެސް މާސްކާ ނާޅައި ނުވަދެވޭ ވަރަށް ގިނަ ތަންތަން އެބަހުރި. މިސާލަކަށް، ފިހާރައެއްގެ ތެރެއަށް، ބަންދުކުރެވިފައި ހުރި އެއްވެސް ތަނަކަށް ވަންނައިރުގައި މި އޮންނަނީ މާސްކް އަޅަން،" އަމަލުކުރަންޖެހޭ އުސޫލުތަކަށް އިޝާރާތްކުރައްވަމުން ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިރިއުޅުމުގައި މިކަހަލަ ބޮޑު ބަދަލެއް ކުއްލިއަކަށް ގެނައުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. އެހެންވެ ދިރިއުޅުމުގެ ވައްޓަފާޅި އަށް މި ބަދަލު މަޑުމަޑުން ގެންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ހަމައެކަނި ގަވައިދަކުން އެކަން މެންޑޭޓަރީ [މަޖުބޫރު] ކުރުމަކުން އަދި އެ މައްސަލަ ހައްލެއް ވެސް ނުވޭ. ގަވައިދާ ހިލާފުވާ ހުރިހާ ފަރާތްތައް ހުރިހާ ވަގުތެއްގައި ހޯދައި އެންމެ މާސްކް އަޅާތޯ ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ވެސް އެހާ ފަސޭހަކަމަކަށެއް ވެސް ނުވާނެ،" ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިކަމުގައި އޮންނާނީ މިއީ މުހިންމު ކަމެއްކަން ދަނެގެން އެންމެން ވެސް މި ފިޔަވަޅުތައް އަޅައިގެން އުޅުން ކަމަށެވެ.
"މި ވަގުތަކާ ހަމައަކަށް ނެތް މާސްކް މެންޑޭޓަރީ ކުރުމުގެ ވިސްނުމެއް. އެހެންނަމަވެސް މި ދަންނަވަނީ ކުރިއަށް އޮތްތާ މުޅިން އެހެންނަކުން ނުވާނެއެކޭ ނޫން،" ރާއްޖެ އާއި އެހެން ގައުމުތަކުގައި ކަންތައް ވަމުންދާ ގޮތް ބަލައި އެ ކަންކަމާ މެދު މަޝްވަރާކުރަމުންދާނެކަން ފާހަގަކުރައްވަމުން ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާސްކް އެޅުން މަޖުބޫރުކޮށްފައި ނެތް ނަމަވެސް މިހާރު ހުރި ގައިޑްލައިންސްތަކަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ. ފިޔަވަޅުތައް އަޅަނީ އެންމެންގެ ރައްކަލަކަށް ކަމަށާއި އެއީ މީހުންނަށް އަދަބު ދިނުމުގެ ގޮތުން ކުރާ ކަންތައްތަކެއް ނޫން ކަމަށެވެ.
މި ވަގުތަކާ ހަމައަކަށް ނެތް މާސްކް މެންޑޭޓަރީ ކުރުމުގެ ވިސްނުމެއް. އެހެންނަމަވެސް މި ދަންނަވަނީ ކުރިއަށް އޮތްތާ މުޅިން އެހެންނަކުން ނުވާނެއެކޭ ނޫން: ޑރ. ނަޒްލާ
އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ސިއްހީ ބައެއް ސަބަބުތަކާ ހެދި ބައެއް މީހުންނަކީ އަބަދު މާސްކް އަޅައިގެން އުޅެން އުނދަގޫ މީހުންނަށް ވެދާނެ ކަމަށާއި އެހެންވެ އެންމެ މުހިންމު ކަމަކީ މަގުމަތީ އުޅޭ އިރަށްވުރެ ބޮޑަށް، ނުރައްކަލަށް ހުށަހެޅޭ ވަގުތު މާސްކް އަޅައިގެން ހުރުން ކަމަށެވެ.
"މާނަ އަކީ އޭނާ ފިހާރައަކަށް ވަންނައިރު، [ބަންދުކޮށް ހުންނަ] ހިދުމަތްދޭ ތަނަކަށް ވަންނައިރު، ފިހާރައެއްގެ ބޭރުގައި ކިއޫގައި މަޑުކުރާއިރު ނޫނިއްޔާ ކައިރީގައި ދެ މީހަކު ވާހަކަ ދައްކަން މަޑުކޮށްލާއިރު. މާނައަކީ، ރިސްކަށް ހުށަހެޅޭ ވަގުތު އެ ދަނޑިވަޅު މާސްކް އެޅުމޭ އެންމެ މުހިންމުވަނީ،" އަފްޒަލް ވިދާޅުވި އެވެ.
ފިހާރަތަކަށް ވަނުމުގެ ހުއްދަ މިހާރު އޮންނަނީ މާސްކް އަޅައިގެން ކަމަށް ވިޔަސް ފިހާރާގައި ތިބޭ މީހުންނާ ދިމާލަށް "އެއްޗެހި ކިޔާލާފައި" މާސްކް ނާޅައި ފިހާރަޔަށް ވަންނަ މީހުން އުޅޭކަން ފާހަގަކުރައްވަމުން އަފްޒަލް ވިދާޅުވީ އެފަދަ ކޮންމެ ތަނެއްގައި މީހުން ބައިތިއްބައިގެން، ކޮންޓްރޯލެއް ނުވާނެ ކަމަށެވެ. އޭނާ ވިދާުޅުވީ މާސްކް އެޅުމަށް ކޮންމެ މީހަކު ވެސް ހިތްވަރުދީ އެކަކު އަނެކަކާ އެ ވާހަކަ ދައްކަންވީ ކަމަށެވެ.
މިރޭގެ ޕްރެސްގައި އަފްޒަލް ވަނީ މިސްކިތަށް ދާއިރު މާސްކް އެޅުމަށާއި ގެއިން ވުޟޫކޮށްގެން ދިއުމަށާއި މުސައްލަ ހިފައިގެން ދިއުމަށް އެޗްޕީއޭގެ ގައިޑްލައިންގައި ބުނެފައި ވިޔަސް ގިނަ ބަޔަކު އެކަމަށް އަމަލު ނުކުރާކަން ވެސް ފާހަގަކުރައްވައިފަ އެވެ.
އެޗްޕީއޭގެ އިރުޝާދުތަކަށް ތަބާނުވާ މީހުން އުޅުނަސް ގިނަ ބަޔަކު ރަނގަޅަށް އަމަލުކުރާކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ޝުކުރު އަދާކުރެއްވި އެވެ.
ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގައި އިއުލާނުކުރި ލޮކްޑައުން ލުއިކޮށްލި ފަހުން ދިވެހިންނަށް ބަލިޖެހޭ އަދަދު އިތުރުވަމުން އަންނަ ކަމަށާއި ބަލި ޖެހޭ މީހުންގެ ކޮންޓެކްޓްސް ވެސް އިތުރުވަމުން އަންނަކަން މިރޭ ޑޮކްޓަރުން ފާހަގަކުރެއްވި އެވެ. އެހެންވެ، ހާލަތު ގޯސްވިޔަ ނުދޭން އެންމެން ވެސް އިރުޝާދުތަކަށް އަމަލުކުރަން އިލްތިމާސްކުރެއްވި އެވެ.