އެނާޖީ ޑްރިންކްސްގެ ޑިއުޓީ ވެސް ދެ ގުނަ ބޮޑުކުރަން ފާސްކޮށްފި

އެނާޖީ ޑްރިންކްސްގެ ބާވަތްތަކުން ނަގާ ޑިއުޓީ ދެ ގުނައާ ގާތްކުރާ އަދަދަކަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުގައި އެނާޖީ ޑްރިންކްސްގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރަން ހުށަހަޅާފައެއް ނުވެ އެވެ. ސަރުކާރުން ހަމައެކަނި ހުށަހެޅީ ސޮފްޓް ޑްރިންކްސްގެ ބާވަތްތަކުން ނަގާ ޑިއުޓީ ލިޓަރަކުން އަށް ރުފިޔާ އަށް ބޮޑު ކުރުމަށެވެ.

އެނަޖީ ޑްރިންކްސްގެ ޑިއުޓީ ވެސް ބޮޑުކޮށް، ލިޓަރަކަށް މިހާރު ނަގަމުންދާ 33 ރުފިޔާގެ ބަދަލުގައި 60 ރުފިޔާ ނަގަން ހުށަހެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ. މަޖިލީހުން މިއަދު އެ ބިލް ފާސްކުރީ އެ އިސްލާހު ވެސް ހިމަނައިގެންނެވެ.

ކޮމިޓީ މަރުހަލާގައި ބިލް ފާސް ކުރިއިރު، ސަރަހައްދީ ކަނޑުގެ ބަނދަރުތަކުގެ ޑިއުޓީ އަށް ލުއި ދޭން ނިންމި ގޮތުން ދުންފަތާއި އެނަޖީ ޑްރިންކްސްގެ ޑިއުޓީ ވެސް ކުޑަވާތީ ފާޑުކިޔުންތައް ކުރިން އަމާޒުވުމުން މަޖިލީހުން މިއަދު ބިލް ފާސްކުރީ އެ ދެ ބާވަތަށް ޑިއުޓީ ލުއި އެއްވެސް ގޮތަކަށް ނުލިބޭ ގޮތަށެވެ. ބަނގުރަލާއި އޫރުމަހުން ވެސް ޑިއުޓީ ލުއި ނުދެވޭ ގޮތަށް ވަނީ ފާސްކޮށްފަ އެވެ.

މީގެ އިތުރުން، ދުންފަތުން ނަގާ ޑިއުޓީގެ ވަކި ޕަސެންޓެއް ވެސް ޚާއްސަ ފަންޑަކަށް ޖަމާކުރަން ޖެހޭ ގޮތަށް ވެސް ފާސްކުރި އެވެ.

ކޮމިޓީ މަރުހަލާ އަށް ފަހު، މަޖިިލީހުގެ ތަޅުމުގައި ވެސް ގިނަ އިސްލާހުތަކެއް އެ ބިލަށް ހުށަހަޅައި، ގިނަ ބާވަތްތަކުގެ ޑިއުޓީއަށް ވަނީ ބަދަލު ގެނެސްފަ އެވެ. އޭގެ ތެރޭގައި ކާރާއި ވޭނާއި ސެންޓާއި ލަގްޒަރީ ކޮސްމެޓިކްސް ވެސް ހިމެނެ އެވެ.