މައުލޫމާތު ދޭން އެމްއެންޔޫގެ "ވާޗުއަލް އޯޕަންޑޭ" މާދަމާ ރޭ ބާއްވަނީ

މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މާދަމާ ރޭ "ވާޗުއަލް އޯޕަންޑޭ" އެއް ބާއްވަން ނިންމައިފި އެވެ.


އެ ޔުނިވާސިޓީން ބުނީ މާދަމާ ރޭ 9:00-10:30 އަށް ބާއްވާ އޯޕަންޑޭ، ގައުމީ ޔުނިވާސިޓީގެ ފޭސްބުކް ޕޭޖުން ލައިވްކުރާނެ ކަމަށެވެ. އޭގައި އެމްއެންޔޫގެ ހުރިހާ ފެކަލްޓީތަކާއި ކެމްޕަސްތަކުން ބައިވެރިވާނެ އެވެ.

މާލޭގެ އިތުރުން ޔުނިވާސިޓީގެ ކެމްޕަސްތައް ރާއްޖޭގެ ހަތަރު ރަށެއްގައި ހުރެ އެވެ. އެއީ ހދ. ކުޅުދުއްފުށީ، ގދ. ތިނަދޫ، ލ. ގަން އަދި ސ. ހިތަދޫ އެވެ.

މި ވެބިނާގައި ޔުނިވާސިޓީގެ ފެކަލްޓީތަކުން ދޭ ހިދުމަތާއި ކިޔަވައިދޭ ކޯސްތަކާއި މަތީ ތައުލީމް ހާސިލްކުރަން ހުޅުވާލާފައިވާ ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދޭނެ އެވެ. އަންނަ މަހު ފަށާ ކޯސްތަކުގެ ތެރެއިން ޖާގަހުރި ކޯސްތަކަށް ރަޖިސްޓްރީވާނެ ގޮތާއި ސްކޮލަޝިޕްގެ ފުރުސަތުގެ މައުލޫމާތު ދިނުމުގެ އިތުރުން ދަރިވަރުންގެ އަދި އާއްމުންގެ ސުވާލުތަކަށް ޖަވާބުދޭނެ އެވެ.

އަންނަ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ.

އެމްއެންޔޫގައި އެޑްވާންސްޑް ސެޓްފިކެޓް އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔަވައިދެ އެވެ. އެ ކޯސްތަކުގެ ތެރޭގައި އެޑިއުކޭޝަނާއި އިންޖީނިއަރިންނާއި ހެލްތު ސައިންސަސް އާއި ޓޫރިޒަމް ސްޓަޑީޒް އަދި ލޯ ކޯސްތައް ހިމެނެ އެވެ. އަންނަ މަހުގެ އަށެއްގައި ފަށާ، މި އަހަރުގެ ދެ ވަނަ އިންޓޭކުގައި 104 ކޯހެއް ކިޔަވައިދޭނެ އެވެ.