ވަކި ތަނަަކުން ފޮތް ލިސްޓަށް ފޮތް ނެގުމުން ބޮޑެތި އިނާމުތައް ލިބޭ ޕްރޮމޯޝަންތައް ހިންގުން އެޑިއުކޭޝަން މިނިސްޓްރީން މަނާކޮށް، އެކަން ބުކްޝޮޕްތަކަށް އަންގައިފި އެވެ.
ކޮންމެ އަހަރެއްގެ ވެސް ސްކޫލުތަކުގެ ކިޔެވުން ފެށޭ ދުވަސްވަރާ ދިމާކޮށް އާއްމުކޮށް ހުރިހާ ބުކްޝޮޕްތަކެއްގައި ހެން ބޮޑެތި ޕްރޮމޯޝަންތައް ހިންގަ އެވެ. އޭގެ ތެރޭގައި ފައިސާގެ ބޮޑެތި އިނާމުތަކާއި އުމުރާ ދަތުރުތަކާއި އެނޫން ވެސް އަގުހުރި ހަދިޔާ ހިމެނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އެގޮތަށް އެންގީ، ބުކްޝޮޕްތަކުގެ ވެރިންނާ އެކު މިދިޔަ އޮގަސްޓު މަހު ބޭއްވި ބައްދަލުވުމެއްގަ އެވެ.
މިކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ނުލިބުނު ނަމަވެސް "މިހާރު"އާ ވާހަކަ ދެއްކި ބުކްޝޮޕެއްގެ އިސް ވެރިއަކު ވިދާޅުވީ އެޑިއުކޭޝަނުން އެގޮތަށް ނިންމީ ބައެއް ވިޔަފާރިވެރިން ވެސް އެދިގެން ކަމަށެވެ.
"ބައެއް ބުކްޝޮޕްތަކުން ވިޔަފާރިކުރަން ވެގެން ވަރަށް ބޮޑެތި ޕްރޮމޯޝަންތައް އެބަ ހިންގާ. އެކަމަކު އެ ވިއްކާ އެއްޗެހީގެ ކޮލިޓީ ވަރަށް ދަށް. އެހެންވެ، މިއީ ދަރިވަރުންގެ ތައުލީމާ ގުޅުން ހުރި ކަމަކަށް ވާތީ މިހެން މިކަން ދޫކޮށްލެވޭކަށް ނެތް،" އޭނާ ވިދާޅުވި އެވެ.
އެ ވިޔަފާރިވެރިޔާ ވިދާޅުވީ ބައެއް ޕްރޮމޯޝަންތަކުގައި ފެންވަރު ދަށް ތަކެތި ވިއްކާތީ، ރަނގަޅަށް ޕްރޮމޯޝަންތައް ހިންގާ ބުކްޝޮޕްތަކަށް ވެސް ގެއްލުން ލިބޭ ކަމަށެވެ. އެހެންވެ، ގިނަ ބުކްޝޮޕްތަކުގެ އެދުމާ އެއްގޮތަށް، ޕްރޮމޯޝަންތައް ހިންގުން އެޑިއުކޭޝަނުން މަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި ދަރިވަރުންނަށް ޓެކްސްޓް ފޮތްތަކާއި ކިޔަވަން ބޭނުންވާ އަސާސީ ހުރިހާ އެއްޗެއް ހިލޭ ފޯރުކޮށްދެނީ ސަރުކާރުންނެވެ. އެ އެއްޗެހި ލިބެނީ އެޑިޔުކޭޝަން މިނިސްޓްރީން ދޫކުރާ ވައުޗަރަކަށް ފޮތް ފިހާރަތަކުންނެވެ.