ބޮޑުފިނޮޅުން ހައްޔަރުކުރި ބިދޭސީން ދޫކޮށްލައިފި

މުސާރައިގެ މައްސަލައިގައި ބ. ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުންތަކަށްފަހު ހައްޔަރުކުރި ބިދޭސީން ރޭ ދޫކޮށްލައިފި އެވެ.


ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ރަށުގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ނުލިބިގެން ނުރުހުން ފާޅުކޮށް، 13 ދިވެއްސަކު ރަހީނުކޮށް ހިންހި ހަމަނުޖެހުންތަކާ ގުޅިގެން މިދިޔަ މަހުގެ ތިން ވަނަ ދުވަހު 19 މީހަކު ހައްޔަރުކުރި އެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން 15 ދުވަސް ޖަހާފައި ވެ އެވެ. އެ މުއްދަތު ހަމަވާތީ ކްރިމިނަލް ކޯޓަށް ގެންދިއުމުން މިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ އަނެއްކާ ވެސް ބަންދަށް އިތުރު 15 ދުވަސް ޖަހައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބަންދުން އެ މީހުން ދޫކޮށްލުމަށްފަހު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމަކު އެ މީހުންނަށް ތުހުމަތުކުރާ މައްސަލަތަކުގެ ތަހުގީގު ކުރިއަށް އެބަދެ އެވެ.

ސީލް މޯލްޑިވްސް އިން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮޑުފިނޮޅުގެ ކޮންޓްރެކްޓަރަކީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކޮމްޕެނީ އެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ރިޒް ކުންފުނީގެ 203 މުވައްޒަފަކު އެ ރަށުގެ ދިވެހި މުވައްޒަފުން ރަށުން ފޭބިޔަ ނުދީ ހުރަސް އެޅުމުން ފުލުހުންނަށް އެންމެ ފުރަތަމަ ރިޕޯޓުކުރީ މިދިޔަ މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 9:30 ކަމަށް ފުލުހުން ބުންޏެވެ. ފަހުން ފުލުހުން ގޮސް، ރަހީނުކުރި ދިވެހިން ސަލާމަތްކޮށް ގެއްލުންދިން ކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހައްޔަރުކުރި އެވެ. އެ ރަށުގައި ބާކީ ތިބި ބިދޭސީން ވެސް ބޮޑުފިނޮޅުން ބާލުވައި، ހުޅުމާލެއަށް ގެންގޮސްފަ އެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މުސާރައިގެ މައްސަލަތައް ހައްލުވަންދެން އެ މީހުން ތިބޭނީ އެ ފެސިލިޓީގައި ކަމަށެވެ.

އެތައް މަހެއް ވަންދެން މުސާރަ ނުދީ ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި 200 އަށް ވުރެ ގިނަ ބިދޭސީންގެ ތެރެއިން ގަވާއިދާ އެއްގޮތަށް އުޅެނީ 48 މީހަކު ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެ މައްސަލައާ ގުޅިގެން ބޮޑެތި ތުހުމަތުތަކެއް ކޮށް، މެމްބަރު އަލީ ރިޒާގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އޭނާގެ ކުންފުންޏަށް ހިއުމަން ޓްރެފިކިންގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެ އެވެ.