ބިދޭސީންގެ މައްސަލައިގެ ކޮމިޓީ މަޝްވަރާ ސިއްރުކޮށްފި

ބިދޭސީންގެ މައްސަަލައާ މެދު ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކާ މަޝްވަރާކޮށް މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީގުޅުންތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ޑިފެންސް މިނިސްޓްރީން އެދިގެން ސިއްރުކޮށްފި އެވެ.


ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން ޑިފެންސް މިނިސްޓްރީން މިއަދު އެދުނު އިރު އެ މައްސަލައިގައި މީގެ ކުރިން ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސްް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ދެއްކެވި ވާހަަކަތަކަށް އާއްމުންގެ ފާޑުކިއުންތައް އަމާޒުވި އެވެ.

މިއަދުގެ ބައްދަލުވުމަށް ދައުވަތު ދިން މިނިސްޓްރީތަކުގެ ތެރެއިން ޓްރާންސްޕޯޓް މިނިސްޓްްރީ ފިޔަވައި އެހެން މިނިސްޓްރީތަކުން ބޭފުޅުން ވަޑައިގެންނެވި އެވެ. ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީން އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

ގައުމީ ސަލާމަަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން މިދިޔަ މަހުގެ 21 ގައި ބޭއްވި ބައްދަލުުވުމުގައި މާރިއާ ވިދާޅުވީ ފަހަކަށް އައިސް ރާއްޖޭގައި ބިދޭސީން ހިންގަމުން އަންނަ ހަމަނުޖެހުންތަކަކީ މުސާރައިގެ މައްސަލައިގައި ހިންގި ހަމަނުޖެހުންތަކެއް ނޫން ކަމަށެވެ. އޭގެ ހެއްކެއްގެ ގޮތުގައި އޭނާ ދެއްކެވީ ހަމަނުޖެހުން ހިންގި ބިދޭސީން ފުލުހުންނަށް ހަމަލާދީފައި ވުމެވެ.

ބިދޭސީން އެންމެ ބޮޑު ހަމަނުޖެހުމެއް ހިންގީ ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅާއި ހުޅުމާލޭގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން ބޮޑުފިނޮޅަށް ގެންގޮސްފައި ތިބި ބިދޭސީން ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާދީ އެ ރަށުގައި ހުރި ޑިވެލޮޕަރުގެ މުދަލަށް ވެސް ގެއްލުން ދިނެވެ. އޭގެ އިތުރުން އެރަށުގައި ތިބި ދިވެހިންގެ ބަޔަކު ރަށުން ފޭބިޔަ ނުދީ ހިފަހައްޓައިގެން ވެސް އުޅުނެވެ. އެމީހުންގެ ޑިމާންޑަކީ މުސާރަ ދިނުމެވެ. އެ މައްސަލައިގައި ހައްޔަރު ކުރި މީހުން ފިޔަވައި އެހެން މީހުން މިހާރު ތިބީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުޅުމާލޭގަ އެވެ.

ހުޅުމާލޭގައި ހަމަނުޖެހުންތައް ހިންގީ ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން އަޅާ ފްލެޓްތަކުގެ މަސައްކަތްކުރާ ތައިލެންޑްގެ ކުންފުނި، އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުންނެވެ. އެމީހުން ވެސް ޑިމާންޑްކުރަމުން ދިޔައީ މުސާރަ ދިނުމަށާއި އަނބުރާ ގައުމަށް ފޮނުވައިދިނުމަށެވެ. އައިލެންޑް އެކްސްޕާޓުން ބުނެފައިވާ ގޮތުގައި އޭގެ ތެރެއިން ބަޔަކު މިހާރު ވަނީ މުސާރަ ދިނުމަށް ފަހު އަނބުރާ ގައުމަށް ފޮނުވައިލައިފަ އެވެ.