މޯލްޑިވިން އައިޑޮލް އިން ވިދައިލި ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމާއި ޝިފާ އިބްރާހިމް މިއަދު ކައިވެނިކޮށްފި އެވެ.
ޝަލަބީ، 23، ކައިވެނިކޮށްފައި ވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދޮޅު އަހަރެއްހާ ދުވަސްވެފައިވާ ޝިފާ، 21، އާ އެވެ. އައްޑޫ ހިތަދު އަށް އުފަން ޝިފާ އަކީ ވެސް މޯލްޑިވިއަން އައިޑޮލްގައި ވާދަކުރި ބައިވެރިއެކެވެ.
ޝަލަބީ އާއި ޝިފާ ކައިވެނިކުރީ ފެމިލީ ކޯޓުން މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ޒޫމް ވީޑިއޯ ކޮންފަރެންސް ކޯލެއް މެދުވެރިކޮށެވެ. އެ ދެ މީހުންގެ ކައިވެނީގެ ރަނަކީ 1،234.56ރ. އެވެ.
ދިވެހިވަންތަކޮށް ބޭއްވި ކައިވެނީގެ ކުޑަކުޑަ ހަފުލާގައި ބައިވެރިވީ ޝަލަބީ އާއި ޝިފާގެ އާއިލާގެ މީހުންނެވެ.
މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުގައި ވާދަކޮށް، ދައްކައިލި ހުނަރާ އެކު ޝަލަބީވެގެން ގޮސްފައި ވަނީ ރާއްޖޭގެ މިއުޒިކް ދާއިރާގައި މިހާރު އެންމެ މަގުބޫލު އެއް ފަންނާށެވެ. އޭނާ އަކީ މިހާރު ފިލްމުތަކަށް ވެސް ލަވައިކިޔައިދޭ، އަދި އަމިއްލަ އަށް ވެސް ލަވަ އާއި މަދަހަ ނެރޭ ފަންނާނެކެވެ.