އަމިއްލަ ސްކޫލުތަކަށް ޑޭޓާ ދެވޭނެ ގޮތެއް އެބަ ބަލަން: ދިރާގު

މި ހާލަތަށް ބަލައި އިންޓަނޭޝަނަލް ސްކޫލުތަކަށް ޑޭޓާގެ ދެވޭނެ ގޮތްތަކާ ގުޅޭގޮތުން މެނޭޖްމަންޓުން މަޝްވަރާކުރަމުން އަންނަ ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.


އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، މިދިޔަ މާޗު މަހުން ފެށިގެން މި މަހުގެ ނިޔަލަށް އިންޓަނޭޝަނަލް ސްކޫލުތަކަށް ޑޭޓާ އެލަވަންސް ދީފައިވާ ކަމަށެވެ. ނަމަވެސް އެ އެހީ ހުއްޓާލީ، ވިޔަފާރިތައް ހިނގައިގަންނަން ފެށުމުން ކަމަށް ވިދާޅުވި އެވެ.

އަމިއްލަ ސްކޫލުތަކާ އެކު ސަރުކާރުގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ވެސް ޑޭޓާ ދޭން ފެށި އެވެ. ކުރިއެކޭ އެއްގޮތަށް އެ ދަރިވަރުންނަށް ފަސް ޖީބީ ޑޭޓާ ލިބެ އެވެ.

ދިރާގުގެ އޮފިޝަލް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން މިހާރު އޮތް ހާލަތަށް ބަލައި ދެވޭނެ އެހީތަކާ ގުޅޭގޮތުން ދިރާގުގެ މެނޭޖްމަންޓުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެކަމުގައި އަދި ވަކި ގޮތްތަކެއް ނުނިންމާ ކަމަށް ވިދާޅުވި އެވެ.

ސްކޫލުތައް ބަންދުކުރި ފަހުން ޣިޔާސުއްދީން ސްކޫލާއި ބިލަބޮންގް ސްކޫލާއި ބްރައިޓްވޭ ސްކޫލު އަދި އަހުމަދިއްޔާ ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންނަށް ދިރާގުން ވަނީ ހާއްސަ އެލަވަންސް ދީފަ އެވެ. އެކަމަކު އެލަވަންސް ދިނުން މިދިޔަ ހަފުތާގައި ހުއްޓާލާފައިވާ ކަމަށް އެ ސްކޫލުތަކަށް ވަނީ އަންގައިފަ އެވެ.

އޭގެ ތެރެއިން އެއް ސްކޫލަކުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ، ދިރާގުން ދޭ ޑޭޓާ އެލަވަންސް އަށް ބަރޯސާވާ ބައެއް ބެލެނިވެރިން އެބަތިބި ކަމަށެވެ. އެހެންވެ، ޑޭޓާ ދިނުން ހުއްޓާލުމުން އުނދަގޫތަކާ ދިމާވާނެ ކަމަށް ވިދާޅުވި އެވެ.

ޔުނިސެފާ ގުޅިގެން ތައްޔާރުކުރި އެޑިއުކޭޝަން ރެސްޕޮންސް ޕްލޭން (އީއާރުޕީ) ގައިވާ ގޮތުން މިދިޔަ އޭޕްރީލް މަހާ ހަމައަށް ޕްރައިވެޓް ސްކޫލުތަކުގައި 11،173 ދަރިވަރުން ތިއްބެވެ. އެއީ ދަރިވަރުންގެ މުޅި ޖުމްލަ އަދަދުގެ 12 ޕަސެންޓެވެ.

ކޮވިޑުން ރައްކާތެރިވުމަށް މާޗު 12 ގައި ސްކޫލުތައް ބަންދުކުރުމަށްފަހު އަލުން ކިޔަވައިދޭން ފެށީ މިދިޔަ މަހުގެ 1 ވަނަ ދުވަހެވެ. ނަމަވެސް މާލެ ސަރަހައްދުގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުން ދިއުމުގެ ސަބަބުން، މާލެ ސަރަހައްދުގެ ސްކޫލުތައް ވަނީ މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް އަނެއްކާ ވެސް ބަންދުކޮށްފަ އެވެ. އެ ދަރިވަރުން ކިޔަވަމުން އަންނަނީ އޮންލައިންކޮށެވެ.