އެޑިޔުކޭޝަން މިނިސްޓްރީން ކުންފުނިތަކަށާއި އާންމު ފަރުދުންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 250 މިލިއަން ރުފިޔާ މިހާރު ދައްކާފައިވާ ކަމަށް މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހު މިނިސްޓަރު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އެޑިއުކޭޝަން މިނިސްޓްރީން އެކި ފަރާތްތަކަށް 287 މިލިއަން ރުފިޔާ ދައްކަން ޖެހިފައި އޮތް ކަމަަށެވެ. މިއީ 2019 އިން 2023 އާ ދެމެދުގެ ބިލްތަކަށް ދައްކަންޖެހޭ ފައިސާ އެވެ.
"މި އަހަރު ވަނީ އޭގެ ތެރެއިން 250 މިލިއަން ދައްކައި ނިންމާފައި. މިހާރު ބާކީ ނުދެއްކި އޮތީ 37 މިލިއަން. އެންމެ ބޮޑު ގޮންޖެހުމަކަށްވީ އެ ފައިސާ ދައްކަމުން، މަސައްކަތްތައް ކުރިއަށް ގެންދިއުން،" އިސްމާއިލް ވިދާޅުވި އެވެ.
ބާކީ އޮތް 37 މިލިއަން ރުފިޔާއަކީ މިނިސްޓްރީން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ދޫކުރަން ހުރި ފައިސާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އެހެން ވިދާޅުވެފައި ވާއިރު، ކުރީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ކަމުގައި ޑރ. އައިޝަތު އަލީ ހުންނެވިއިރު މާލެ ސަރަހައްދުގެ ސްކޫލެއް އަވަހަށް ނިންމަން 16 މިލިއަން ރުފިޔާއަށް ކޮންޓްރެކްޓަރާ ހަވާލުކުރި ކަމުގެ ލިޔެކިޔުންތައް ފެންނަން ނެތް މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
އެނގިފައިވާ ގޮތުގައި އެ ކުންފުންޏާ އެ ކޮންޓްރެކް ހަވާލުކުރި އެއްބަސްވުމުގައި ފައިސާގެ އިތުރުން ކުރިން ވަނީ ވޭރިއޭޝަން ފައިސާ ވެސް ދޫކޮށްފަ އެވެ. އެކަމަކު، މަަސައްކަތް އަވަހަށް ނިންމަން ކަމަށް ބުނެ އިތުރަށް ހޭދަވާ 16 މިލިއަން ރުފިޔާއާ ގުޅުން ހުރި ލިޔެކިޔުން ފެންނަން ނެތިގެން ފައިސާ އޮތީ ދޫނުކޮށެވެ.
އައިޝަތު އަލީގެ ރަސްމީ އީމެއިލްތައް ޑިލީޓް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ ޖުލައި މަހު މިނިސްޓްރީން ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ. ފުލުހުން އެ ތަހުގީގު ފެށި ދުވަހު، އޭނާގެ އެ އީމެއިލް އެކައުންޓަށް މީހަކު ވަންނަން މަސައްކަތް ކޮށްފައިވާ ކަމަށް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައި އެވެ.
އޭނާ ވިދާޅުވީ ވެރިކަން ނިމުނު ދުވަހު ރަސްމީ އީމެއިލް އެކައުންޓް ވާނީ ޑިއެކްޓިވޭޓް ކުރައްވާފައި ކަމަށެވެ.