ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ކީމޯތެޕަރީ ފަރުވާގެ ފުރަތަމަ މަރުހަލާ ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ މުމްބާއީގެ ކޮކީލާބެން ހޮސްޕިޓަލުން ފަރުވާ ހޯދަމުން އަންނަ އެކްޓަރުގެ ފަރުވާގެ ފުރަތަމަ ބުރު ކާމިޔާބުކަމާ އެކު ނިންމައިލުމާ އެކު، ދެވަނަ ބުރުގެ ފަރުވާ މިއަދު ނޫނީ ބުދަ ދުވަހު ފަށާނެ ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން 61 އަހަރުގެ އެކްޓަރު ހުރީ ކެންސަރުގެ ހަތަރު ވަނަ ސްޓޭޖްގަ އެވެ.
މުމްބާއީގައި ފަރުވާ ހޯދުމަށް ފަހު، އިތުރު ފަރުވާ އަށް ސަންޖޭ ވަރަށް އަވަހަށް އެމެރިކާ އަށް ދާން ވެސް ވަނީ ނިންމައިފަ އެވެ. އެކަމަށްޓަކައި އެ ގައުމުން ފަސް އަހަރުގެ ވިސާ ވެސް ހޯދާފައިވާ ކަމަށް މީޑިއާތަކުން މިދިޔަ މަހު ރިޕޯޓްކޮށްފައިވެ އެވެ.
ސަންޖޭ އަށް ކެންސަރު ޖެހުމާ އެކު އޭނާ ވަނީ ފަރުވާ އަށް ވަގުތު ހުސްކުރުމުގެ ގޮތުން ފިލްމީ މަސައްކަތްތައް ވެސް ހުއްޓާލައިފަ އެވެ. މަސައްކަތްތަކާ ދުރުވި އިރު، ފަސް ފިލްމެއްގެ މަސައްކަތް ނުނިމި އެބައޮތެވެ.
ސަންހޭގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 28 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި "ސަޅަކް 2" އެވެ.