އެޗްޕީއޭގެ އެންގުމާ ހިލާފުވެ އެއްވުންތައް ބާއްވާ ނަމަ ފިޔަވަޅުއަޅާނަން: ޕޮލިސް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް އެއްވުންތައް ބާއްވާ ނަމަ އެ ބަޔަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން މިއަދު ދީފި އެވެ.


ފުލުހުން ކުރި ޓްވީޓެއްގައި ބުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، އާންމު ތަންތަނުގައި އެއްފަހަރާ ގިނަ މީހުން އެއް ނުވުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައި ވަނިކޮށް އެ އެންގުމާ ހިލާފަށް ބައެއް ފަރާތްތަކުން އެއްވުންތައް ބާއްވަން އުޅޭ ކަމުގެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްނުވުމަށާއި، އެންމެހާ ލޮބުވެތި ރައްކާތެރިކަން ކުރިއަށް ނެރެ، ހުރިހާ ބޭފުޅުން ވެސް، އެޗްޕީއޭ އިން ނެރެފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސްކުރަމެވެ،" ފުލުހުން ކުރި ޓްވީޓްގައިވެ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން މީގެ ކުރިން ވަނީ "ގައުމު ވިއްކާލުމާ ދެކޮޅަށް" ކަމަށް ބުނެ މާލޭގައި ސައިކަލް ބުރެއް ބާއްވައިފަ އެވެ. އަދި މިއަދުވެސް މީގެ ސައިކަލް ބުރެއް ބާއްވަން ނިންމައި ސޯޝަލް މީޑިއާގައި ވެސް އަންނަނީ ކެމްޕޭނުކުރަމުންނެވެ.

ކުރިން ބޭއްވި ސައިކަލް ބުރުގައި ބައިވެރިވެވަޑައިގެންނެވި ޕާޓީގެ އިސް ބައެއް ބޭފުޅުން އެޗްޕީއޭގެ އެންގުންތަކާ ހިލާފުވެވަޑައިގެންފައި ވާތީ ފުލުހުން ވަނީ އެ ބޭފުޅުން ހާޒިރުކޮށް ޖޫރިމަނާ ވެސް ކޮށްފަ އެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އަމަލުކުރަން އެޗްޕީއޭ އިން އަންގާފައިވާ އެންގުންތަކުގައިވާ ގޮތުން އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނައިން އެއްކޮށް އުޅުމަކީ މަނާކަމެކެވެ. އަދި ބޭރުގައި އުޅޭ އިރު މާސްކް އެޅުން ވެސް ވަނީ މަޖުބޫރުކޮށްފަ އެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ބާރު ލިބިގެން މި ފިޔަވަޅުތައް އަޅާފައި ވާއިރު ނުރައްކަލުގެ ހާލަތުގެ މުއްދަތު އެންމެ ފަހުން ވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.