ކަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ތަމްރީނުކުރުމުގެ މުހިއްމުކަމާ ގުޅޭ ކަންކަން މޯލްޑިވިއަން އޯތޮޕީޑިކް އެސޯސިއޭޝަނުން ނައިބު ރައީސް ފައިސަލް ނަސީމްއާ މިއަދު ހިއްސާކޮށްފި އެވެ.

ކަށީގެ ބަލިތަކަށް ފަރުވާ ހޯދާ ދިވެހިންގެ އަދަދު ގިނަ ކަމަށާއި އެ މީހުންނަށް ފަރުވާ ދޭން އެކަށީގެންވާ ވަރަށް ޑޮކްޓަރުން ނެތް ކަމަށް އެ އެސޯސިއޭޝަންގެ މެމްބަރުން ވަނީ ނައީބު ރައީސާ ހިއްސާކޮށްފަ އެވެ.

މި ދާއިރާއަށް ބޭނުންވާ ދިވެހި ޑޮކްޓަރުން އިތުރުކުރުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ކަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ތަމްރީނުކުރަން ޕްރޮގްރާމެއް، އެ އެސޯސިއޭޝަނާއި ގައުމީ ޔުނިވާސިޓީއާ ގުޅިގެން ތައްޔާރު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

އޯތޮޕީޑިކް އެސޯސިއޭޝަނުން އިސްނަގައިގެން އެ ދާއިރާ އިތުރަށް ތަރައްގީކުރަން މަސައްކަތް ކުރާތީ އުފާފުޅު ކުރައްވާ ކަމަށް ނައިބު ރައީސް ފައިސަލް ވިދާޅުވި އެވެ. އަދި މި ދާއިރާ އަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަކީ ސަރުކާރުން ވެސް އިސްކަންދޭ ކަމެއް ކަމަށް ވިދާޅުވި އެވެ. އެހެންވެ، އެ އެސޯސިއޭޝަންގެ މަސައްކަތަށް ސަރުކާރުގެ ފަރާތުން އެއްބާރުލުން ދެއްވާނެ ކަމަށް އެ މަނިކުފާނު ކަށަވަރުކޮށްދެއްވި އެވެ.