ރީޖަނަލް އެއާޕޯޓުތައް ހިންގުމަށް، ސަރުކާރުން މިއަދު ކުންފުންޏެއް އުފައްދައިފި އެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެ ކުންފުނި އުފެއްދެވި އިރު، ކުރިން އެއާޕޯޓުތައް ބަލަހައްޓަމުން އައީ އެ ނަމުގައި ހިންގަމުން އައި އޮތޯރިޓީއަކުންނެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި ކުންފުނީގެ މަގްސަދަކީ، ސަރުކާރުން ހިންގާ ސަރަހައްދީ އެއާޕޯޓްތައް ވިޔަފާރީގެ އުސޫލުން ހިންގައި، އެ އެއާޕޯޓުތައް މެދުވެރިކޮށް ސަރުކާރުން ހިންގާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތުގައި ތަރައްގީ ކުރުމެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި 16 އެއާޕޯޓެއް އެބަ އޮތެވެ. އޭގެ ތެރެއިން ބައެއް ތަންތަން އަމިއްލަ ކުންފުނިތަކުން މެނޭޖް ކުރާއިރު، ގިނަ އެއާޕޯޓުތައް ހިންގަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ.
ސަރުކާރުން މިއަހަރު ވަނީ ހަތަރު އެއާޕޯޓެއް ހުޅުވާފަ އެވެ. އެއީ ހޯރަފުށީ އެއާޕޯޓާއި ށ. ފުނަދޫ އެއާޕޯޓާއި ޅ. މަޑިވަރު އެއާޕޯޓުގެ އިތުރުން ގދ. މާވާރުލު އެއާޕޯޓެވެ. އެކަމަކު ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެއްވެސް އިންޓަނޭޝަނަލް އެއާޕޯޓެއް މިއަހަރު ނުހުޅުވަ އެވެ.