ދުވާފަރުގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހި ފަށައިފި

ރ. ދުވާފަރުގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަަތް މިއަދު ފަށައިފި އެވެ.


ދުވާފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި މަސައްކަތާ ހަވާލުވެފައިވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ދެވަނަ ފިޔަވަހީގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ނިމޭނެ ކަމަށެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތާ ހަވާލުވެ، ސޮއިކުރީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހެވެ.

"ދެވަނަ ފިޔަވަހީގައި އަޅުގަނޑުމެންނާ ހަވާލުކުރެވިފައި މި ވަނީ ހަތް މަގެއްގެ މަސައްކަތެެއް،" އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީ އިން މިއަދު ކުރި ޓްވީޓެއް

މި ރަސްމިއްޔާތުގައި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދާއި ދުވާފަރު ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރުގެ އިތުރުން ނެޝަނަލް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް ބައިވެރިވަޑައިގަތެވެ.

ދުވާފަރުގެ މަގުތައް ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން އެމްޓީސީސީއާ ހަވާލުކުރެވުނު 12 މަގުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ބެލެވޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަދައްކަވަނީ -- ފޮޓޯ: އެމްޓީސީސީ

"12 މަގުގައި ތާރު އެޅުމުގެ މަސައްކަތް މި މަސް ތެރޭ ނިންމާ، ރޯޑް މާކިން ޑިސެމްބަރު މަހު ތެރޭ ނިންމާނަން. ނަމަވެސް [ފުރަތަމަ ފިޔަވަހީގެ] ތާރު އެޅުމުގެ މަސައްކަތް ނިމުނީމަ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާނަން،” އާޒިމް ވިދާޅުވި އެވެ.

މި މަޝްރޫގެ ފުރަތަމަ ފިޔަވައްސަށް ނެޝަނަލް ޕްލޭނިން މިނިސްޓްރީން 47 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައި ވާ އިރު ދެވަނަ ފިޔަވައްސަށް ހަމަޖައްސާފައި ވަނީ 37 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އާޒިމް ވިދާޅުވީ މަގުތަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ތިމާވެއްޓާ ރައްޓެހިކޮށް ކަމަށެވެ. ވާރޭ ވެހުމުން ރަށުގައި ފެންބޮޑު ނުވެ، ފަސޭހައިން ފެންގަނޑު ހިނދިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދުވާފަރުގެ ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީގެ މުވައްޒަފުންތަކެއް ކުރަނީ -- ފޮޓޯ: އެމްޓީސީސީ

މި ދެ ފިޔަވަހީގެ މަސައްކަތް ނިމިގެން ދާއިރު ދުއްވޭ ގޮތަށް 60،493 އަކަ މީޓަރުގެ ސަރަހައްދެއް އޮންނާނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ. އަދި ހިނގޭ ގޮތަށް 11،773 އަކަ މީޓަރުގެ ސަރަހައްދެއް ވެސް ހަދާނެ އެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ޔުޓިލިޓީ ކުންފުނިތަކާ ގުޅިގެން ކަމަށާއި މި މަސައްކަތުގެ ތެރޭގައި ކޭބަލް ހޮޅި ވަޅުލުމާއި މަގު ބައްތި ހަރުކުރުން ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

މި މަސައްކަތުގައި ބައިވެރިވިި ހުރިހާ ފަރާތްތަކަށް ދުވާފަރުގެ ކައުންސިލްގެ ރައީސް ޝުކުރު އަދާ ކުރެއްވި އެވެ.

"މިއަދުގެ މި ސަރުކާރަށް ދުވާފަރުގެ ތަރައްގީއަށް ކުރަމުން ގެންދާ މަސައްކަތަށް ދުވާފަރގެ ހުރިހާ ރައްޔިތުންގެ ނަމުގައި ހިފެހެއްޓުމެއް ނެތި މިއަދުގެ ސަރުކާރަށް ޝުކުރު ދަންނަވަން،" އޭނާ އިބްރާހިމް ވިދާޅުވި އެވެ.