މަތީ ފާސްތަކާއި އަދަބީ ހަރަކާތްތަކުން ލިބުނު މޮޅު ނަތީޖާތަކާ އެކު އަހުމަދު ޝައްފާން މުހައްމަދު ސްކޫލު ދައުރު ނިންމާލީ ވަރަށް ކާމިޔާބު ދަރިވަރެއްގެ ގޮތުގަ އެވެ. ނަމަވެސް 25 އަހަރުގެ ޒުވާނާއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ގާނޫނީ ދާއިރާއިން ޕީއެޗް.ޑީ ހަދަން އޮކްސްފޯޑް ޔުނިވާސިޓީއަށް ވަދެވުމެވެ. މިއީ ވަރަށް މަތީ ނަތީޖާ ހޯދައިގެން ނޫނީ ޖާގަ ނުލިބޭ ޔުނިވަސިޓީން ޕީއެޗް.ޑީ ހަދާ ދިވެހި ފުރަތަމަ ދަރިވަރެވެ.
ކޮޕީރައިޓް ގާނޫނުގައި ހިމެނޭ ޖިނާއީ ފިޔަވަޅުތަކުގެ ގާނޫނީ އަސާސް؛ އަދި އެފަދަ ފިޔަވަޅުތައް ތަތުބީގުކުރެވޭނެ ގާނޫނީ ދާއިރާއިން، ޕީއެޗް.ޑީ ހަދަމުން އަންނަ ޝައްފާން ވަނީ، ކޯހުގައި ދޭ އެންމެ މަތީ ގްރޭޑާ އެކު މާސްޓާސް ނިންމައި މިިދިޔަ ހޯމަދުވަހު ޕީއެޗްޑީ ފަށައިފަ އެވެ. ޖާގަ ލިބުނީ 319 ދަރިވަރުންނާ ވާދަކޮށްގެންނެވެ.
"ކިޔެވުމުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ މި ކޯހަށް ވަދެވުން. ޕީއެޗް.ޑީގެ މި ޕްރޮގްރާމް، ޝައްފާނާ އެކު 39 ދަރިވަރުން މިހާރު މި ވަނީ ފަށާފައި،" އޭ ލެވެލް އިން ރާއްޖެއިން އެއް ވަނަ ހޯދައި ރައީސްގެ ސްކޮލަޝިޕުގައި މީގެ ފަސް އަހަރު ކުރިން ލަންޑަނަށް ދިޔަ ދަރިވަރު ބުންޏެވެ.
ދުނިޔޭގެ ފެންވަރުގެ ކާމިޔާބީތައް ހާސިލްކުރުމަށް ފަހު ކިންގްސް ކޮލެޖް ލަންޑަނުން ޑިގްރީ ނިންމާލީ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނިގެންނެވެ. އެއަށް ފަހު މާސްޓާސް ނިންމީ އޮކްސްފޯޑް ޔުނިވާސިޓީގަ އެވެ.
އޭނާ ތިން އަހަރުގެ ޕީއެޗް.ޑީ ހަދަމުން އަންނަނީ އޮކްސްފޯޑް ލޯ ފެކަލްޓީން ހަރަދުގެ އެއް ބައި ދޭ ސްކޮލަޝިޕެއްގަ އެވެ. އެއިން ލިބެނީ "ޔޫކޭ/އީޔޫ-ލެވެލް"ގެ ހަރަދުތަކެވެ. އެހެންކަމުން އޭނާއަކީ އެ ސަރަހައްދުން ބޭރު ގައުމެއްގެ ދަރިވަރަކަށް ވުމުން އިތުރަށް ކުރަން ޖެހޭ ހަރަދުތައް ހަމަޖައްސަނީ އަމިއްލައަށެވެ.
ޝައްފާން ބުނީ ރާއްޖޭގައި ކޮޕީރައިޓް އަދި އެކަމާ ގުޅިގެން އެހެނިހެން ހައްގުތަކުގެ ގާނޫނުގައި ވެސް ޖިނާއީ ފިޔަވަޅުތަކުގެ ވާހަކަ ލިޔެފައި އެބަހުރި ކަމަށެވެ. އެކަމަކު ގާނޫނަށް އަމަލުކުރަން ފެށިތާ 10 އަހަރު ވީއިރު، އެ ގާނޫނުގެ ދަށުން މިހާތަނަށް ޖިނާއީ އެއްވެސް ފިޔަވަޅެއް އަޅާފައެއް ނެތެވެ. އެއީ ހަމައެކަނި ގާނޫނުގައި ލިޔެފައި ހުރި ފިޔަވަޅުތަކެއް ކަމަށާއި އެކަންކަން ތަންފީޒުކުރުމުގައި ދިމާވާ އެއް ގޮންޖެހުމަކީ ޖިނާއީ ފިޔަވަޅުތަކާ ގުޅޭ މާއްދާ މާ ބޮޑަށް ފުޅާވުން ކަމަށް ވެސް އޭނާ ބުންޏެވެ.
"ދިވެހިރާއްޖޭގެ ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނުގައިވާ ޖިނާއީ ފިޔަވަޅުތައް ތަންފީޒުކުރަން އުނދަގޫވާ އެއް ސަބަބަކީ ޖިނާއީ ފިޔަވަޅުތަކާ ގުޅޭ މާއްދާ މާ ފުޅާވުން. އެއީ ކޮޕީރައިޓަށް އަރައިގަތުމުގެ ހަމަ ކޮންމެ އަމަލެއް މި ދެންނެވި ޖިނާއީ މާއްދާގެ ދާއިރާއަށް ވަންނާތީ. އޭގެ ބަދަލުގައި ވިޔަފާރިކުރުން ފަދަ މާސް-ސްކޭލް ކޮޕީރައިޓް އިންފްރިންޖްމަންޓްތަކަށް އެ މާއްދާ ހަނިކޮށްފި ނަމަ، އެ މާއްދާ ތަންފީޒުކުރަން ފަސޭހަވާނެ،" އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގުގެ ދަރިފުޅު ބުންޏެވެ. އޭނާ ބުނާ ގޮތުން ކޮޕީރައިޓް ފަދަ ފިކުރީ މުދަލުގެ ހައްގުތަކާ ގުޅޭ ޖިނާއީ ފިޔަވަޅުތައް ވަރުގަދަކޮށް ތަންފީޒުކުރުމަކީ މި ވަގުތަށް ވެސް ރާއްޖޭގެ މުޖުތަމައަށާއި އިގުތިސޯދަށް މުހިއްމު ކަމެކެވެ.
ޕީއެޗް.ޑީ ނިންމުމަށް ފަހު ޝައްފާން މަސައްކަތްކުރަން ބޭނުންވަނީ ރާއްޖޭގަ އެވެ. ނަމަވެސް ވަކި ގޮތެއް ނިންމާނީ ކިޔެވުން ފުރިހަމަކުރާ އިރު ރާއްޖޭގެ ގާނޫނީ ދާއިރާ އޮތް ހާލަތާއި އެނޫން ވެސް ކަންކަމަށް ބެލުމަށް ފަހުގަ އެވެ. ގައުމުގައި ނޫޅުނަސް، ގައުމަށް ހިދުމަތްކުރެވޭކަން، ކޮވިޑް-19ގެ ތެރޭގައި އޭނާ ވަނީ ދައްކައިދީފަ އެވެ.
ފަހުން ގެންނަ އިސްލާހުތަކާ އެކު ރާއްޖޭގެ ގާނޫނުތައް ބަލައިލެވޭ އަދި ހުކުމްތަކާއި އެ ހުކުމްތަކުގެ އެންމެ ފަހުގެ ސްޓޭޓަސް ވެސް ފެންނަ ގޮތަށް "ނެވިލެކްސް"ގެ ނަމުގައި ޑޭޓާބޭހެއް އޮގަސްޓް 20ގައި ލޯންޗުކުރުމަކީ އޭގެ ހެއްކެކެވެ. އެއީ ޝައްފާންގެ ކޮވިޑު-19ގެ ލޮކްޑައުން ޕްރޮޖެކްޓެވެ.
"މިހާރު ވެސް އެ ޑޭޓާބޭހަށް ގާނޫނާއި ހުކުމްތައް އިތުރުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. ކޮންމެ ތަނެއްގައި މަސައްކަތްކުރިޔަސް އެފަދަ ގޮތްގޮތަށް ރާއްޖެއަށް ހިދުމަތްކުރާނަން،" ޝައްފާން ބުންޏެވެ.