މިދިޔަ ހޯމަ ވިލޭރޭ އައްޑޫ ހިތަދޫގައި ހިންގި ބޮޑު މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ ހިތަދޫގެ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރު ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ ޒުވާނަކު ކަމަށެވެ. އެކަމަކު އޭނާއާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.
ހޯމަމ ވިލޭރޭ ދަންވަރު 12:30 ހާއިރު ހިތަދޫ ފްލެޓް ސަރަހައްދުގައި ހިންގި މާރާމާރީގައި ތޫނު އެއްޗަކުން 22 އަހަރުގެ މީހަކު ވަނީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފަ އެވެ. އެ ހާދިސާގައި އޭނާގެ ވާތުގެ އިނގިލިތަކެއް ވެސް ބުރިކޮށްލާފައިވާ އިރު ކޮނޑާއި ބުރަކައްޓާއި އުނގަނޑުގެ އިތުރުން ވެސް ހަށިގަނޑުގެ އެކި ތަންތަން ވަނީ ކަތިވަޅިއެއް ކަހަލަ އެއްޗަކުން ހަމަލާދީ "ކޮށާލައިފަ" އެވެ.
އޭނާ އަށް އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ފަރުވާ ދެމުން އަންނަ އިރު ހާލު މިހާރު ރަނގަޅު ކަމަށް އެތަނުން ބުންޏެވެ.