މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ޕީޖީ ޝަމީމާއި އޭސީސީގެ މެމްބަރުން: ވެންޓިލޭޓަރު މައްސަލައިގައި ދައުވާނުކުރަން ނިންމުމާ ގުޅޭ ގޮތުން ޕީޖީ އާއި އޭސީސީއަށް ގިނަ ސުވާލު އަމާޒުވި. --ފޮޓޯ: އަހްމަދު އައުޝަން/މިހާރު
21 އޮކްޓޯބަރ 2020 - 16:37
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި، ވެންޓިލޭޓަރު މައްސަލައިގައި ރަނގަޅަށް އަމަލުކުރީ ކޮން މުއައްސަސާއަކުންތޯ ބަލަން ސުވާލުކުރަން ފެށުމުން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ދިފާއުގައި ވާހަކަ ދައްކަންޖެހި ހޫނުވެއްޖެ އެވެ.
ކޮމިޓީ މިއަދު ޝެޑިއުލްކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތް ލަސްވާ މައްސަލައިގައި އިދާރާތައް ޖަވާބުދާރީ ކުރުވަން ނަމަވެސް ޕީޖީ އާއި އޭސީސީގެ މެމްބަރުން ތިއްބެވުމުން މެމްބަރުންގެ ގިނަ ސުވާލުތަކެއް ވެންޓިލޭޓަރު މައްސަލައަށް އަމާޒުވި އެވެ. މެމްބަރުންގެ ކަންބޮޑުވުމަކީ، ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި އަދި ވެންޓިލޭޓަރުތައް ނުލިބެނީސް ކުންފުންޏަކަށް 30 މިލިއަން ރުފިޔާ ދޫކޮށް މަންފާވި މައްސަލައިގައި ޒިންމާވާނެ މީހަކު ނެތުމެވެ. ތަހުގީގު ނިންމައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އިސްވެރިންތަކެއްގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަ ޕީޖީން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
އެ މައްސަލައިގައި ދައުވާ ނުކުރެވުނީ އޭސީސީގެ ތަހުގީގުގެ ފެންވަރު ދަށްވެ ހެކި ނެތިގެންތޯ ނުވަތަ އެކަށީގެންވާ ހެކި ހުރެ ދައުވާ ނުކުރީތޯ މެންބަރުން ސުވާލުކުރެއްވި އެވެ.
އޭސީސީގެ ރައީސް ފާތުމަތު ޝިއުނާ ވިދާޅުވީ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ތުހުމަތު ކުރައްވާފައިވާ ގޮތަށް، ވެންޓިލޭޓަރު މައްސަލައަކީ އެއް ދުވަހަކު ހެނދުނު މަޖިލީހަށް އައުމުގެ މަގުމަތީގައި ޕީޖީ އޮފީހަށް ވެއްދި މައްސަލައެއް ނޫން ކަމަށެވެ. އެއީ، ތަހުގީގު ޓީމުގެ ވަރަށް ގިނަ ވަގުތާއި ބުރަ މަސައްކަތް ކަމަށް ވިދާޅުވި އެވެ.
އެ ތަހުގީގަށް 1،600 ޑޮކިއުމެންޓާއި 500 އީމެއިލް ހޯދައި އެތައް ބައެއްގެ ބަޔާން ނަގައި އެކަށިގެންވާ ހެކި ހޯދި ކަމަށް ޝިއުނާ ވިދާޅުވި އެވެ. މައްސަލަ ޕީޖީ އަނބުރާ ފޮނުވާލެއްވީ ކޯޓުގައި ޖިނާއީ ދައުވާއެއް ސާބިތުކުރެވޭނެ ވަރުގެ ހެކި ނެތިގެން ކަމަށް ވިދާޅުވި ވިދާޅުވުން އޭނާ ގަބޫލެއް ނުކުރައްވަ އެވެ.
"އަޅުގަނޑު އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން މިއީ އަޅުގަނޑުމެން އަވަސް އަރުވާލައިގެން ފަރުވާ ކުޑަކޮށް ނިންމި ތަހުގީގެއް ކަމަކަށް،" ޝިއުނާ ވިދާޅުވި އެވެ.
"މިއަދު ވެސް އަޅުގަނޑުގެ ސްޓޭންޑަކީ އަޅުގަނޑުމެންނަށް ގަބޫލުކުރެވެއޭ ދައުވާ އުފުލޭނެ ކަމަށް. އެކަމަކު ޕީޖީ އޮފީހުން ކުރާ މަސައްކަތާ އަޅުގަނޑުމެންގެ މަސައްކަތް ތަފާތު، ހިޔާލުތަފާތުވުން ހުރެދާނެ. މާނަ އަކީ އިތުރަށް މަޝްވަރާކޮށްގެން ކުރިއަށް ނުގެންދެވުމެއް ނޫން،" ޝިއުނާ ވިދާޅުވި އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: އަހްމަދު އައުޝަން/މިހާރު
އޭނާ ވިދާޅުވި ގޮތުގައި ޑިއުޓީ ޕްރޮސިކިއުޝަންގެ ތިން ބައްދަލުވުމެއް ބޭއްވިއިރު ތަހުގީގުގެ ޑްރާފްޓްތަކާ އެއްޗެހި ހިއްސާކޮށްފައިވާނެ އެވެ. އެއާއެކު އެ ތިން ބައްދަލުވުމުގައި ޕްރޮސިކިއުޓަރުން އިސްލާހުކުރަން ފާހަގަކުރި ކަންކަން އިސްލާހު ވެސް ކޮށްފައިވާނެ ކަަމަށް ވިދާޅުވި އެވެ.
ޕީޖީ ޝަމީމް ވިދާޅުވީ ތަހުގީގު އަވަސް އަރުވާލައިގެން އޭސީސީން ނިންމީ ކަމަކަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ. އެ މައްސަލައިގައި ދައުވާ ނުކުރީ ކޯޓެއްގައި ސާބިތުކުރެވޭ ވަރުގެ ހެކި ނެތުމުން ކަމަށް ވިދާޅުވި އެވެ.
ޑިއުޓީ ޕްރޮސިކިއުޝަންގެ ތިން ބައްދަލުވުމެއް ބޭއްވިއިރު ދެ ބައްދަލުވުމުގައި އޭނާ ބައިވެރިވެވަޑައިގަތް ކަމަށާއި އާއްމުކޮށް އަމަލުކުރާ ގޮތަކީ ޕީޖީ އޮފީހުން ހިތްހަމަޖެހޭ ވަަރަށް ލިއުންތައް ލިބުމުން މައްސަލަ ފޮނުވައިދޭން އޭސީސީގައި އެދުން ކަމަށް ވިދާޅުވި އެވެ. އެއީ، ކޯޓަށް ހުށަހެޅޭ ވަރަށް ތައްޔާރުކުރާށެވެ.
"އެ މަރުހަލާ އޮތީ މުޅިން ފުރިހަމަ ނުވެ، ހެނދުނު މައްސަަލަ ފޮނުވާފައި އޮތީ. އާއްމުކޮށް ޕްރޮސެސް ފަށައިފި ނަމަ ނިމެންދެން ކުރިއަށް ގެންގޮސްފައި ފޮނުވަނީ. އެކަމަކު މި މައްސަލައިގައި އަމަލުކުރި ގޮތް ތަފާތު،" ޝަމީމް ވިދާޅުވި އެވެ.
އޭސީސީން ތަހުގީގުކޮށް މައްސަލަތަކުގައި ދައުވާ އުފުލަން ފޮނުވުމުގެ ކުރިން ކުރިއަށް ގެންދާ ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާއާ ގުޅޭ ގޮތުން އެ ކޮމިޝަނާއި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި ހުރި ހިޔާލުތަފާތުވުން ވެސް މިއަދުގެ ކޮމިޓީގައި ހާމަވި އެވެ.
ޑިއުޓީ ޕްރޮސިކިއުޝަން ނުނިންމައި މައްސަލަ ފޮނުވީ ކަމަށް ޕީޖީ ވިދާޅުވުމުން، އެ މަރުހަލާ ނުނިންމާ ނަމަ، ކިތަންމެ ފުރިހަމައަށް ތަހުގީގުކުރިޔަސް މައްސަލަަތަކުގައި ދައުވާ ކުރަން ނުފޮނުވާނީތޯ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވަނީ ސުވާލު އުފައްދަވައިފަ އެވެ. ޕީޖީ ގަބޫލުކުރައްވާ މިންވަރަށް އެ މަރުހަލާ ނުނިމިގެން ދައުވާ ނުކުރުމަކީ އެންމެ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި ޑިއުޓީ ޕްރޮސިކިއުޝަން ކުރިއަށް ގެންދަނީ އެ މަރުހަލާ ނިންމާފައި ނޫނީ މައްސަލައިގައި ދައުވާކުރަން ނުފޮނުވޭ ގޮތަކަށް ނޫނެވެ. އާއްމުކޮށް އަމަލުކުރަމުން އައީ ވާހަކަ ދައްކައިގެން ގޮތެއް ނިންމުން ކަމަށާއި ޑިއުޓީ ޕްރޮސިކިއުޝަން ނުބާއްވައި ވެސް ދައުވާކުރަން ފޮނުވަން ހުރަހެއް ނެތް ކަމަށް ޕީޖީ ވިދާޅުވި އެވެ.
"އާއްމުކޮށް އެގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއައީ. މި މައްސަލައިގައި ދިމާވި ޚާއްސަ ހާލަތެއް ދިމާވެދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އޭސީސީއަށް ފުރުސަތު އޮންނާނެ އެ މަރުހަލާ ނުނިމުނަސް ފޮނުވަން، ދެން ހިޔާލުތަފާތުވަންޏާ މިހާރު ހިޔާލުތަފާތުވެއްޖެއޭ ދެން ފޮނުވަނީއޭ ބުނެ ފޮނުވިޔަސް މައްސަލައެއް ނެތް،" ޝަމީމް ވިދާޅުވި އެވެ.
ޝިއުނާ ވިދާޅުވި ގޮތުގައި ޑިއުޓީ ޕްރޮސިކިއުޝަނަކީ ގާނޫނުން ލާޒިމްކުރާ ކަމެއް ނޫނެވެ. ވެންޓިލޭޓަރު ކޭސްގައި އެ މަރުހަލާ ނުނިންމާ ކަަމަށް ވިދާޅުވާއިރު، އެ މަރުހަލާގައި މި ކޭސްގެ ބައެއް ކަންކަން ލަސްވި ކަމަށް ވިދާޅުވި އެވެ.
"ޑިއުޓީ ޕްރޮސިކިއުޝަންގައި މިހާރު ވެސް 25 ކޭސް އެބައޮތް، މިހެން ގެންދާއިރު ލަސްތަކެއް ވެސް އެބަދިމާވޭ،" ޝިއުނާ ވިދާޅުވި އެވެ.
އޭސީސީން ބުނީ ދައުވާ ކުރަން ފޮނުވަންވީތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ ޕްރޮސިކިއުޓަރުން ނޫން ކަމަށެވެ. ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ ނުނިންމައި ވެސް ތަހުގީގު ފުރިހަމަވެއްޖެ ނަމަ ދައުވާކުރަން ފޮނުވުމަކީ އޭސީސީން އަމަލުކުރާނެ އުސޫލް ކަމަށް ކޮމިޝަންގައި ވާހަކަ ދެކެވިފައިވާ ކަމަށް ވިދާޅުވި އެވެ. ޑިއުޓީ ޕްރޮސިކިއުޝަން ނުނިމެނީސް ދައުވާކުރަން ނުފޮނުވޭ ނަމަ މައްސަލަތަކުގެ ތަހުގީގުގައި ނިމުމެއް ނޯންނާނެ ކަމަށް ޝިއުނާ ވިދާޅުވި އެވެ.
އެހެންވިޔަސް، މިކަމުގައި ހުރި ހިޔާލުތަފާތުވުންތަކާ އެކު އިތުރަށް ރަނގަޅުކުރެވިދާނެ ގޮތްތަކެއް ހޯދަން ޕީޖީއާ އެކު މަޝްވަރާކުރަން ތައްޔާރު ކަމަށް ވިދާޅުވި އެވެ.
ޕީޖީ ޝަމީމް ތަކުރާރުކޮށް ވިދާޅުވަނީ އޭސީސީން ދައުވާކޮށްދޭން އެދުނު 12 ތުހުމަތުގައި، ހެއްކެއް ނެތް ކަމަށެވެ. އެ ތުހުމަތުތަކުގައި ޖިނާއީ ދައުވާއެއްކޮށްދޭން އެދިފައި ވަނީ މީހަކަށް ފޯނުކޮށްގެން ނުވަތަ ވަޒީފާގެ އެއްބަސްވުމުގައިވާ ގޮތުން އަދާކުރަން ޖެހޭ ފަދަ މަސްއޫލިއްޔަތަކާ ގުޅޭ ގޮތުންނެވެ. އެގްޒެކިއުޓާސް އަށް ފަފޯމަންސް ގެރެންޓީއެއް ނެތި ފައިސާ ދޫކުރުން ވެސް މައްސަލައަކަށް ނުވަނީ ޝަމީމް ވިދާޅުވި ގޮތުގައި، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.03 އަށް އޭރު އަމަލުކުރަން ނުޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހުއްދަ ދެއްވާފައި އޮތުމުންނެވެ.
އެކަމަކު އޭސީސީން ވަނީ ޝަމީމްގެ މި ވާހަކައަށް އިންކާރުކޮށް ފިނޭންސް މިނިސްޓަރު ހުއްދަ ދެއްވާފައި ނުވާ ކަމަށް ކޮމިޓީގައި ބުނެފަ އެވެ.
އޭސީސީގެ ނައިބު ރައީސް އަނޫލާ ވިދާޅުވީ ހެލްތު މިނިސްޓްރީ އަށް ވެންޓިލޭޓަރުތައް ހޯދުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ދީފައިވާ ހުއްދަތަކަކީ ވަކިވަކި ކަންކަމާ ގުޅިގެން ދީފައިވާ ހުއްދަތަކެއް ކަމަށެވެ. އެއިން އެއްވެސް ހުއްދައަކީ މުޅި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަމަލުކުރުން ލާޒިމް ނުވާ ގޮތަށް ދީފައިވާ ހުއްދަތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.
އެއްބަސްވުމުގެ އަގަށްވާ 90 ޕަސެންޓްގެ ފައިސާ ބޭންކް ގެރެންޓީއަކާ ނުލައި ހެލްތުން ދޫކުރީ ފިނޭންސްގެ ހުއްދަ ނުހޯދައި ކަމަށް އޭސީސީގެ ދެ މެމްބަރަކު ކޮމިޓީގައި ވިދާޅުވި އެވެ. ފައިސާ ދޫކުރީ ހުއްދަ އޮވެގެން ކަމަށް ޕީޖީ އަށް ފެނިވަޑައިގަތަސް އޭސީސީ މެމްބަރުން ވަނީ، އެއީ ބޮޑު ގޯހެއް ކަމަށާއި ވަކި މީހަކަށް ނާޖާއިޒު ފައިދާ ހޯދައިދެވުން ކަމަށް ކޮމިޓީގައި ވިދާޅުވެފަ އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި މާލިއްޔަތު ގަވާއިދުގެ 10.03 މާއްދާއަކީ ގޯހެއް ކަން އޭނާ ގަބޫލުކުރައްވަ އެވެ. އެ މާއްދާއަށް މިހާރު ބަދަލު ގެނެސްފައި އޮތީ އެ ސަބަބާ ހެދި ކަަމަށާއި ވެންޓިލޭޓަރު މައްސަލައިގައި އެ އޮފީހުގެ ތަރުޖަމާއަކީ އެ މާއްދާއަށް އަމަލުކުރުން އިސްތިސްނާކޮށްފައި އޮތް ހާލަތުގައި، އެހެން މާއްދާތަކަށް އަމަލުކުރުން ލާޒިމްނުވުން ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވި ގޮތުގައި އެއީ، ވެސް ހިޔާލު ތަފާތުވުން ހައްލުކުރެވިދާނެ މައްސަލަ އެކެވެ.
ވެންޓިލޭޓަރު މައްސަލައިގައި ދިފާއުވާން އެއް ބަޔަކު އަނެއް ބަޔަކަށް ދެއްކި ހުއްޖަތުތައް ނިމުނީ "މަޝްވަރާގެ ބައްދަލުވުމަކަށް" އެއް ބައަކު އަނެއް ބަޔަކަށް ދައުވަތު ދެމުންނެވެ. މި މައްސަލައިގައި ދައުވާކުރުމުގެ ދޮރުތައް ބަންދުވީ ނޫން ކަމަށް އޭސީސީ އާއި ޕީޖީ އޮފީހުން ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމާބެ
22 October 2020
ލައްފިލުވާ ބޭހަށް ޕީޖީ ވީމަ ދެން އިތުބާރެއް ނުކުރެވޭނެ! އޭސީސީ އިން ހުށަހެޅި ހެކި ނެތްކަމަށް ޕީޖީ ބުނާއިރު، އޭސީސީ އިން ބުނަނީ އެ ހެކި ހުށަހަޅާފަވާނެކަމަށް، ޕީޖީ މިމައްސަލައިގައި މިހާވަރަށް ދަޢުވާ ނުކުރެވޭ ކޮޅު ދައްކާއިރު، އެހެން މައްސަލަތަކުގައި ދަޢުވާ ކުރެވޭވަރުގެ ހެކި ނެތިގެން ކޯޓުތަކުން މައްސަލަތައް އިބްތިދާއީ އަޑުއެހުމުގައި ބޭރުކޮށްފައިވެސް އެބަހުރި، ލައްފިލުވާ ޖަހަންވީ ކޮރަޕްޝަން ނައްތާލަން، މޫނުމަތި ރީތިކުރާކަށްނޫން.
މޫސަ123
22 October 2020
ރާއްޖޭގަ ހިގާ ހުރިހާ މައްސަލަތަކެއް ބަލާތަނަކަށް މަޖިލިސް ހަދައިގެން ވަގުތުތައް ބޭކާރު ކުރިޔަސް ކުރާނެ ފައިދާއެއް ނޯންނާނެ ތިޔަމަޖިލީހުގަ ނުތިބޭނެ ތަހުގީގު ކުރަން އެގޭމީހަކު އެކަމަށް ކާއްސަވެފައި ތަމްރީނާ އިލްމް ލިބިފައިވާ މުއަސަސާ ތަކާ ހަވާލުކުރަންފެނޭ..
މާކުން
22 October 2020
ސުޕަރ ސްޕްރީމް ކޯރޓް މަޖިލިސް
ކެޔޮނިރު
22 October 2020
މިހާރު ހީވަނީ ތިޔައީ ބަޔަކު ލައްވާ ކުޅުވާ ޑްރާމާއެއްހެން. ވެންޓިލޭޓަރ މައްސަލާގައި ކޮރަޕްޝަންގެ ހިޔަނި މި ދައުރުގައި ސަރުކާރުގެ ބޮލުގައިވެސް އެޅޭނެ. ނޭޅޭނެ އެއްވެސް ގޮތެއްނެތް އެހެންވެ މިކަމުގައި ކޮންމެވެސް މުއައްސަސާއެއް ބަދުނާމުކޮށް ނިންމާލީމަ ނިމުނީ ކަމަށް ފެންނަނީހެން ހީވަނީ. ގިނަ ވާހަކަ ނުދައްކާ ހެކިނެތިގެން މައްސަލަ ނުފޮނުވެންޏާ ޕީޖީ ބައިވެރި ވެގެން އަލުން ތަހުގީގުކުރަން ނިންމީމަ ނިމުނީ
އުފެއްދި މައްސަލަ
21 October 2020
ކޮން ހެއްކެއް ފެންނާނީ އުފަން ކުރިވި މައްސަލައެއްގައި؟ އޭސީސީ އިން ދެން ހެކި އުފައްދަބަލަ އަމީންއާ ދެކޮޅަށް. އޭރުން ތިބޭފުޅުންގެ މަގާމު ނަޝީދު ދިފާއުކޮށްދޭނެ. ދައުވާ ކުރަން ފޮނުވައިގެންވެސް މިހާރު ވަގުތުކޮޅެއް ލިބިއްޖެއެއްނު
ލީޑަރ5
21 October 2020
ޔާމީނުގެ ފަސްއަހަރަކީ ދިވެހިންނަށް ލިބުނު ރަން ފަސްއަހަރު، ތަރައްޤީގެ ފަސްއަހަރު. އެކަމަކު މިވެރިކަމުގެ ފަސްއަހަރުވާނީ އަކުންބަކުން ކުޅޭ ފަސްއަހަރަށް، މިފަސްއަހަރުވާނީ ދިވެހިންނަށް ގެއްލިގެންދާ ބޭކާރު ފަސްއަހަރަށް. ކީއްކުރާނީ
ބީރައް
21 October 2020
ރަގަޅު ހިޔާނާތުގެ ކަން ކަން އެހާ ލުއި ކޮށް ނަގައިގެން ދުވަހަ ކު ވެސް ކަމެއް ރަގަޅު ނުވާނެ. މިހާރު ފެންނާނީ ކަޑަ ކޮށް، މުސްތަގްބަލް ރަގަޅު ކުރެވޭނީ ކޮންމެ ވެސް ބަޔަ ކު މަސައް ކަތް ކޮށްގެން.
އުދުހޭ
21 October 2020
އަޅުގަނޑު ނުދަންނަވާކަން ކަނޑައެޅިގެން ކޮރަޕްޝަނެކޭ. އެހެންނަމަވެސް އެއްވެސް ގެރެންޓީއެއް ނެތި އެޑްވާންސްކޮށް ފައިސާ ދޫކުރުމަކީ އިހުމާލުވުން. އެކަމުގެ ޒިންމާ އުފުލަންޖެހޭނެ.
ހިންދުކޮޅު
21 October 2020
ޢަދި މިމަޖިލިހުންޝަރީއަތްކޮއް ހުކުމްވެސްކުރާނެ މިއޮތީވާސަރުކާރެއް ގެނެވިފަ ހުރިހާކަމެއްވެސް މަޖިލިހުގަ މަޖިލީހުގަތިބީ ހުސް ރޯނުއެދުރުން
ހަކީމް
21 October 2020
ހެލްތްމިނިސްޓްރީއިން ގޯސްހަދާފަ މިހިފަނީ 10.03 ގައި. އެކަމަކު އސސ އިން ސީދާ އެބުނަނީ ފިނޭންސުން ދިން ހުއްދަ ތަކަކީ މުޅި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަމަލުކުރުން ލާޒިމް ނުވާ ގޮތަށް ދީފައިވާ ހުއްދަތަކެއް ނޫން ކަމަށް. ޕޖ އަކަށް މިކަމަކާ ދެކޮޅެއް ނެހެދޭނެ.