ކޮވިޑް-19 ގެ ފަރުވާ އަށް ބޭނުންވި ވެންޓިލޭޓަރުތަކާ ގުޅިގެން ހިނގި ކޮރަޕްޝަން ތަހުގީގު ކުރުމަށްޓަކައި މައްސަލައިގައި ހިމެނޭ ބައެއް މީހުން ފޯން ކޯލް އަޑު އެހުމަށް ކޯޓު އަމުރެއް ހޯދަން އުޅުނު ނަމަވެސް އެ އަމުރު ލިބިފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއެއްގައި މިއަދު ބުނެފި އެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލަ ބަލަމުން އަންނަ ޖުޑިޝަރީ ކޮމިޓީއަށް އޭސީސީގެ މެންބަރުން މިއަދު ހާޒިރުކޮށް ސުވާލު ކުރި އެވެ.
އެ ކޮމިޓީގައި ބައިވެރިވެވަޑައިގަތް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ އޭސީސީން ބައެއްގެ ކޯލް ރެކޯޑުތައް އަޑުއެހުމަށް ކޯޓު އަމުރެއް ހޯދުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެކަން ނާކާމިޔާބުވެފައިވާ ޚަބަރު ލިބިވައިގެންފައިވާ ކަމަށެވެ.
އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ އެކަމާ ބެހޭ މައުލޫމާތު ހާމަ ކުރެވޭނީ ކޮމިޓީ ސިއްރުކޮށްގެން ކަމަށެވެ. ނަމަވެސް އެ މައުލޫމާތު ހާމަ ކުރުމަށް މެންބަރުން ބާރު އެޅުމާ ގުޅިގެން ޝިއުނާ ވަނީ އެއީ ހަގީގަތެއް ކަމަަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން އެކަމަށް ކްރިމިނަލް ކޯޓުގައި އެދުނިން. ނަމަވެސް އަމުރެއް ނުލިބޭ،" ޝިއުނާ ވިދާޅުވި އެވެ.
އޭސީސީން އަޑުއަހަން ބޭނުންވީ ކާކުގެ ފޯން ކޯލްތަކެއް ކަމެއް ޝިއުނާ ވިދާޅެއް ނުވެ އެވެ.
ވެންޓިލޭޓަރު މައްސަލައިގައި ފައިސާ ދައުރުވެފައިވާ ގޮތް ތަހުގީގު ކުރުމަށްޓަކައި އެ މައްސަލައިގައި ޝާމިލްވާ 31 ފަރާތެއްގެ ބެންކް ސްޓޭޓްމަންޓް ނަގާފައިވާ ކަމަށް ޝިއުނާ ވިދާޅުވި އެވެ. ވެންޓިލޭޓަރަށް ދައުލަތުން ދެއްކި ފައިސާ ފުރަތަމަ ވެސް ދިޔައީ ދުބާއީގެ ކުންފުންޏަށް ކަން ކަށަވަރު ކުރެވޭ ކަމަށާއި އެ މައްސަލައިގައި ޝާމިލްވާ އެހެން އެއްވެސް ފަރާތެއްގެ އެކައުންޓުން މި މައްސަލައާ ގުޅޭ ޝައްކު އުފެދޭ ކަމެއް ހިނގާފައި ނުވާ ކަމަށް ޝިއުނާ ވިދާޅުވި އެވެ.
"ވެންޓިލޭޓަރު މައްސަލައާ ގުޅޭ ޝަސްޕިޝަސް ޓްރާންސެކްޝަނެއް ނުހިނގާ. ނަމަވެސް މި ކޭސްއާ ނުގުޅުނަސް ސަސްޕިޝަސް ކަންތައްތަކެއް އެބަހުރި އަޅުގަނޑުމެން ވަކިން ބަލަން ޖެހޭ،" ޝިއުނާ ވިދާޅުވި އެވެ.
މި މައްސަލާގައި ޝާމިލްވާ ފަރާތްތަކުގެ ބެންކް ސްޓޭޓްމަންޓް ނެގި ނަމަވެސް އެ ފަރާތްތަކުގެ އާއިލާ އެއްވެސް މީހެއްގެ ސްޓޭޓްމަންޓް ބަލާފައި ނުވާ ކަމަށް އޭސީސީން ބުންޏެވެ.
ދުބާއީގެ އެގްޒެކިއުޓާ ޖެނަރަލް ޓްރޭޑިންއަށް ވެންޓިލޭޓަރު ގަތުމަށް ހަވާލު ކުރަން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއަށް ރެކަމެންޑު ކުރެއްވީ ޑަބްލިއުއެޗްއޯގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ރެޕްރެޒެންޓޭޓަރު ޑރ. އަރްވިންމާތުރަ ކަމަށް ޝިއުނާ ވިދާޅުވި އެވެ.
ނަމަވެސް އޭސީސީގެ ތަހުގީގުތަކުން ދައްކާ ގޮތުގައި އެއީ ރަސްމީ ރެކަމެންޑޭޝަނެއް ނޫނެވެ. އަދި އަރްވިންމާތުރަ ދީފައި ވަނީ ހަމައެކަނި އެ ފަރާތްތަކުގެ ކޮންޓެކްޓެއް ކަމަށް ތަހުގީގަށް ވަނީ ފާހަގަ ކުރެވިފަ އެވެ.
އެ މައްސަލައިގެ ތަފްސީލާ ބެހޭ ގޮތުން ސުވާލު ކުރުމުން ޝިއުނާ ވިދާޅުވީ ޑރ. އަރްވިންމާތުރަގެ އެކައުންޓް ތަފްސީލާއި އޭނާގެ ބަޔާން މި މައްސަލާގައި ނަގަން މަސައްކަތް ކުރި ނަމަވެސް އެކަން ފޮރިން މިނިސްޓްރީން ހުއްޓުވާފައިވާ ކަމަށެވެ. ސަބަބަކީ ޑިޕްލޮމެޓިކް އިމިއުނިޓީގެ އޮތް ބޭފުޅަކަށް ވާތީ ޖުރިސްޑިކްޝަނުން ބޭރުވާ ކަމަށް ފޮރިން މިނިސްޓްރީން އެންގި ކަމަށް ޝިއުނާ ވިދާޅުވި އެވެ.
ދިވެހި ސަރުކާރުން ދުބާއީގެ ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. އޭގެ ތެރެއިން މިހާތަނަށް ރާއްޖެ ފޮނުވީ 15 ވެންޓިލޭޓަރެވެ. މީގެ ތެރެއިން ފަހުން ފޮނުވި ފަސް ވެންޓިލޭޓަރުގެ ބައެއް އާލާތްތައް މަދެވެ. އެއްބަސްވުމުގައި ބުނާ ގޮތުން ނަމަ ރާއްޖެ އަށް އަދިވެސް 60 ވެންޓިލޭޓަރު ފޮނުވަން ޖެހެ އެވެ.
އެގްޒެކިއުޓާސްއަކީ ވެންޓިލޭޓަރުތައް އެންމެ ބޮޑު އަގުގައި ގަތުމަށް ހަވާލުކުރި ކުންފުންޏެވެ. އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވަން 34 މިލިއަން ރުފިޔާ ހުށަހެޅުމުން މާލިއްޔަތު ގަވާއިދާ ޚިލާފަށް 30 މިލިއަން ރުފިޔާ އެއްފަހަރާ ވަނީ ދީފަ އެވެ. މި ފައިސާ ދޫކުރީ އެއްބަސްވުމުގައި ސޮއި ވެސް ނުކޮށެވެ.
މި އެއްބަސްވުމުން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ބުނެ ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީގެ އޮފީހަށް ފޮނުވީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީ ހިމެނޭ ގޮތުން 12 މީހެއްގެ މައްޗަށެވެ.