ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ރަނގަޅަށް ދެނެގަތުމަށް ހަދާ އެންޓިބޮޑީ ސާވޭ އަށް ސާމްޕަލް ދިނުމަށް ބައެއް މީހުން ދެކޮޅު ހަދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

ބަލި ފެތުރިފައިވާ ވަރު ދެނެގަތުމަށް އެމްއެންޔޫއާ ގުޅިގެން ހަދާ ސާވޭ އަކަށް އެންޓިބޮޑީ ޓެސްޓް ހެދުމުގެ މަސައްކަތް އެޗްޕީއޭ އިން ފެށީ މީގެ ހަފްތާއެއްހާ ދުވަސްކުރިންނެވެ. އޭރު ޓެސްޓުކުރަން ފެށިީ 18 އަހަރުން ދަށުގެ ސްކޫލް އުމުރުފުރާގެ ކުދިންނެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންގެ ޓެސްޓު ހަދަން ވެސް މިހާރު ފަށާފައިވާ ކަމަށެވެ. ޓެސްޓު ހަދާނެ މީހުން ހޮވަނީ ރެންޑަމްކޮށް ކަމަށާއި އެގޮތަށް ހޮވާ މީހުންނަށް މެސެޖެއް ދާނެ ކަމަށް ވިދާޅުވި އެވެ.

"ނަމަވެސް އަޅުގަނޑުމެނަށް ފާހަގަކުރެވޭ 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ސާމްޕްލިން އަށް ހޮވިފައިވާ މީހުންނަށް މެސެޖު ފޮނުވީމަ އޭގެ ތެރެއިން ވަރަށް މަދު ބައެއް މި އަންނަނީ. ގާތްގަނޑަކަށް ތިންބައި ކުޅަ އެއްބައި މިހާތަނަށް ސާމްޕަލް ނަގާ ތަނަށް ގަޑިއަށް ވަޑައިގެންނެވީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވިގޮތުގައި އެކި އުމުރުފުރާގެ މެދުގައި ބަލި ޖެހިފައިވާ ވަރު ދެނެގަތުމަށް ހަދާ އެ ސާވޭ އަކީ ވަރަށް މުހިންމު ސާވޭ އެކެވެ. އަދި އޭގެ ސަބަބުން ކުރިއަށް އޮތްތަނުގައި ބަލި ފެތުރެން ފަށައިފި ނަމަ ފިޔަވަޅުތައް އަޅާނެ ގޮތް ކަނޑައެޅުމަށް ވެސް ފަސޭހަ ވެގެންދާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ސްކޫލްތަކުގައި އަދި ކުޅިވަރުތައް ފަދަ ކަންކަމަށް ލުއި ދިނުމުގައި ރަނގަޅު ނިންމުން ނިންމުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އިތުރު މައުލޫމާތަކަށް ވެގެންދާނެ ރަނގަޅަށް މި ޑިޒިޝަންތައް ނެގުމުގައި އެންޓިބޮޑީ ސާވޭގެ ރިޒަލްޓްސް އަޅުގަނޑުމެންނަށް ލިބިއްޖެ ކަމަށް ވަންޏާ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މީގެ ކުރިން ފްރަންޓްލައިން މީހުންގެ އެންޓިބޮޑީ ޓެސްޓުތައް އޭޑީކޭ އިން ހަދާފައިވާއިރު އޭގެ ނަތީޖާތައް ދައްކާގޮތުން ޓެސްޓު ހެދި 3،000 މީހުންގެ ތެރެއިން 125 މީހުން ވަނީ އެންޓިބޮޑީ އަށް ޕޮޒިޓިވްވެފަ އެވެ.

ހަށިގަނޑުގައި އެންޓިބޮޑީ ހުރުމުގެ މާނަ އަކީ ވައިރަސް ހުރެ އެއާ ދެކޮޅަށް ހަށިގަނޑު މަސައްކަތް ކޮށްފައި ވުމެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން ނޭނގޭ މީހަކު އެންޓިބޮޑީ އަށް ޕޮޒިޓިވްވި ނަމަ އެއީ ބަލީގެ އަލާމާތް ނުފެނި ބަލިޖެހި ރަނގަޅުވެފައި ހުރި މީހަކަށް ވެދާނެ އެވެ.