ކަނޑިންމަ މޯލްޑިވްސް ރިސޯޓްގައި ހުއްޓާ ކޮވިޑް ޖެހިގެން ދ.އަތޮޅުހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް މަރުވި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަަލައެއް ހުށަހަޅައިފި އެވެ.
ރައްްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދ.މާއެނބޫދޫ އާދަމް ނަސީރު، 60 ގެ މަރާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ކަމަށެވެ. ނަމަވެސް މިއަދުގެ ޖަލްސާ އަކީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅާ ޖަލްސާ ކަމަށް ވާތީ މިއަދު އެ މައްސަލަ އެޖެންޑާ ކުރެއްވެން ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެހެންވެ މާދަމާ އަށް އެ މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށެވެެ.
"މާއެނބޫދޫއާ ޖެހިގެން އޮންނަ ފަޅުރަށެއްގައި އޮންނަަނީ ރެޒޯޓެއް އަޅާފައި. ދެން ދިލްބަހާރުގޭ އާދަމް ނަސީރު އުޅެނީ އެތާނގައި. އާދަމް ނަސީރު އެތާނގައި އުޅޭތާ ކިތަންމެ ދުވަހެއް. އުޅެނިކޮށް އާދަމް ނަަސީރު ބަލިވީ. އާދަމް ނަސީރަށް ރަށަށް ދެވޭ ގޮތް ނުވެ އާދަމް ނަސީރު ނިޔާވީ، އެކަމާ ގުޅޭ ކުއްލި މައްސަލަ ހުށަހަޅުއްވާފައި އެ ވަނީ،" ނަޝީދު ވިދާޅުވި އެވެ.
އާދަމް ނަސީރާ އެކު ރިސޯޓްގައި އުޅުނު ބައެއް މީހުން، "މިހާރު"އަށް ކުރިން ބުނެފައިވާ ގޮތުގައި އޭނާ ބަލިވެ، ހާލުބޮޑުވެގެން ކުޑަހުވަދުއަށް ގެންދިޔައީ ބަލިވެ އުޅޭތީ ރަށަށް ނުވަތަ މާލެއަށް ފޮނުވައިދިނުމަށް އެދޭތާ 10 ވަރަކަށް ދުވަސް ފަހުންނެވެ.
ހުންއައުމުގެ އިތުރުން ވަސް ނުދުވުމާއި ރަހަ ނުލުން ފަދަ، ކޮވިޑުގެ ބައެއް އަލާމާތްތައް ފެންނަން ފެށުމުން، ފަރުވާ އަށް މާލެ ފޮނުވައިދޭން އޭނާ އާދޭސްކުރި ކަމަށް އާއިލާ އިން ބުންޏެވެ. އެކަމަކު، ރިސޯޓުން މި ވާހަކަ ދޮގުކުރަމުން ބުނެފައި ވަނީ ފަރުވާގައި އިހުމާލުވެފައި ނުވާނެ ކަމަށެވެ.
އެކަމަކު އޭނާ ހުން އައުމުން އެކަހެރިނުކޮށް، ލަސްވި ކަމަށް ކަނޑިންމަ އިން އެއްބަސްވެ އެވެ. އެއީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާއްމުކޮށް، ރިސޯޓްތަކުން އަމަލުކުރަން އަންގާފައިވާ ގައިޑްލައިނާ ޚިލާފު ކަމެކެވެ.
ނަސީރު އެކަހެރި ނުކުރުމުން، އޭނާއެކު އެއް ކޮޓަރިއެއްގައި އުޅުނު މީހާއާ އެކު ގިނަ ބަޔަކު ޕޮޒިޓިވްވި އެވެ. އެ މީހުން މިހާރު އައިސޮލޭޓްކޮށް ރިސޯޓް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.
ނަސީރަށް ފަރުވާދިނުމުގައި ރިސޯޓުން އިހުމާލުވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ.