ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި ސަރުކާރުން އަނިޔާ ކުރަމުންދާ ކަމަށް ބުނެ އެ ކަންބޮޑުވުންތައް އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަންއާ، އިދިކޮޅުން މިއަދު ހިއްސާކޮށްފި އެވެ.
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު އިސްކޮށް ހުންނަވައިގެން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ޓީމެއް މިއަދު ވަނީ ވަރްދަންއާ ބައްދަލުކޮށްފަ އެވެ. މާލޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަންގައި ބޭއްވި އެ ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ޕާޓީގެ އެހެން އިސް ބޭފުޅުން ވެސް ބައިވެރިވަޑައިގަތެވެ.
ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ފޮރިން ސެކްރެޓަރީއާ އެކު ބޭއްވި އެ ބައްދަލުވުމުގައި އިދިކޮޅުގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ހިއްސާކުރީ ޕީޕިއެމްގެ ރައީސް ޔާމީން ޖަލުގައި ހުންނެވުމެވެ. މަނީ ލޯންޑަރިންގެ ތުހުމަތުގައި އެ މަނިކުފާނު ޖަލުގައި ހުންނަވާތާ މި މަހު އަހަރެއް ފުރޭއިރު، ސަރުކާރުން އެ މައްސަލައިގައި އަމަލު ކުރައްވަނީ ވަރަށް ނާއިންސާފުން ކަމަށާއި އެ މަނިކުފާނުގެ މައްޗަށް ކުރެއްވީ ގާނޫނީ ގޮތުން ފުށޫއަރާ ޝަރީއަތެއް ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.
އޭގެ އިތުރުން ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވަމުން އަންނަ ކަމަށާއި ޖުޑިޝަލް ސާވިލް ކޮމިޝަންގެ ނުފޫޒު، އެ ދާއިރާގައި ބޮޑުކަމަށް ވިދާޅުވި އެވެ.
"ރައީސް ޔާމީން އަކީ ރާއްޖޭގެ ގިނަ ބައެއްގެ ތާއީދު އޮތް ލީޑަރެއް. އެހެންވެ، އެ މަނިކުފާނު ޖަލުގައި ހައްޔަރުކޮށްގެން ސަރުކާރުން އަމަލު ކުރަމުން ދާ ގޮތާއި ދޭ އަނިޔާގެ ސަބަބުން، ސަރުކާރުން ޑިމޮކްރަސީއަށް އިހުތިރާމް ނެތްކަން ދޭހަވާ ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވޭ،" ޕީޕީއެމްގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރިއާ ޕީޕީއެމުން ބައްދަލުކުރިއިރު، މި ސަރުކާރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާ މިންވަރަށް އިންޑިއާއާ ގާތް ގުޅުމެއް ބާއްވާތީ އިދިކޮޅުން ދަނީ ފާޑުކިޔަމުންނެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅު ހަދައި، އެކި މަޝްރޫއުތަކުގައި އިންޑިއާ އަށް ބަރޯސާވުމަކީ ވެސް އިދިކޮޅުގެ ހިތްހަމަނުޖެހުމެވެ.
ޕީޕީއެމްގެ ވެރިކަމުގައި، ޚާރިޖީ ސިޔާސަތު ޗައިނާކޮޅަށް ބުރަވެ، އިންޑިއާއާ އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ. މި ވެރިކަމުގައި ޗައިނާ އަށް ވުރެން ގާތްކޮށްފައި ވަނީ އިންޑިއާއެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަތީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދައުވަތަކަށެވެ. މި ދަތުރުގައި އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުންނާއި މިދިޔަ ޑިސެމްބަރު މަހު ނިއު ދިއްލީގައި ބޭއްވި ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ ނިންމުންތަކާ ބެހޭ ގޮތުން ފޮރިން ސެކެޓްރީއާ މަޝްވަރާކުރައްވާފައި ވެ އެވެ.