ކަނޑިންމަ ރިސޯޓުން މަރުވި މުވައްޒަފުގެ ބޭސްފަރުވާގައި އިހުމާލުވި ކަމުގެ ތުހުމަތާ އެކު އޭނާ އަށް އިންސާފު ހޯދައިދޭން ގޮވާލައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށައިފި އެވެ.
ކަނޑިންމައިގައި މަސައްކަތްކުރި، ދ. މާއެނބޫދޫ، އާދަމް ނަސީރު، 60، މަރުވީ ކޮވިޑް-19ގެ އަލާމަތްތަކާ އެކު، ބަލިވެ އުޅޭތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ، ހާލު ގޯސްވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް މަރުވި ފަހުން، ކޮވިޑަށް ޓެސްޓް ކުރުމުންނެވެ.
އެކަމަކު، ހުން އައުމާ އެކު އާދަމް ނަސީރު ފަރުވާ އަށް ފޮނުވައިދޭން ރިސޯޓުގައި ތަކުރާރުކޮށް އެދުމުން ވެސް އެ އިންތިޒާމު ހަމަޖައްސައި ނުދީ އިހުމާލުވި ކަމުގެ ތުހުމަތު އާއިލާ އާއި އޭނާ އެކު މަސައްކަތް ކުރާ ބައެއް މުވައްޒަފުން ކުރެ އެވެ. މި ތުހުމަތު ރިސޯޓުން ވަނީ ދޮގުކޮށްފަ އެވެ.
އިންސާފު ހޯދަން ގޮވާލައި ޓުވިޓާގައި ކުރިއަށް ގެންދާ ކެމްޕެއިންގައި، ބައެއް މީހުން ދަނީ ބޭސްފަރުވާގައި އިހުމާލުވެ "މިއަދު މަރުވީ އިހުމާލުން އާދަމް ނަސީރު (އާދަމްބެ) ކަމަށާއި މާދަމާ ކާކުތޯ" ސުވާލު އުފައްދަމުންނެވެ. އެ ކެމްޕެއިންގެ ޕޯސްޓަރުގައި ހިމަނާފައި ވަނީ ރިސޯޓުގެ މުވައްޒަފުންގެ ގާތު އާދަމް ނަސީރު ކުރި ޝަކުވާއެކެވެ.
އެއީ، ފަރުވާ އަށް އެދި ފޮނުވައިދޭން އާދޭސް ކުރުމުން ވެސް އަޅައޮނުލީ ކަމަށް އާދަމް ނަސީރު ބައެއް މުވައްޒަފުން ގާތު ބުނި ވާހަކަ އެކެވެ.
ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުން ކުރިއަށް ގެންދާ މި ކެމްޕޭނަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން ވެސް އެއްބާރުލުން ދެ އެވެ.
އެ ޖަމިއްޔާ އިން ވެސް ވަނީ، އާދަމް ނަސީރާ މެދު އިހުމާލުވީ ކަމުގެ ތުހުމަތާ އެކު އެކަން ކުށްވެރިކޮށްފަ އެވެ. ކަނޑިންމަ ރިސޯޓުން 100 އަށް ވުރެ ގިނަ މުވައްޒަފުންނަށް ކޮވިޑު ޖެހި އެކަކު މަރުވުން ބަލައި ނުގަނެވޭ ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ.
ގައުމުގެ އިގްތިސާދަށްޓަކައި ކުޑަ މުސާރައިގައި ރިސޯޓް މުވައްޒަފުން ގުރުބާން ވާއިރު ސަރުކާރުން މަސައްކަތު މީހާ ސަލާމަތް ކަމަށް ވުރެ ބޮޑަން ބަލަނީ ވިޔަފާރި ވެރިން ސަލާމަތް ކުރެވޭތޯ ކަމަށް ބުނެ ވެސް ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"އާއްމުކޮށް ރިސޯޓްތަކުގައި މުވައްޒަފުންނަށް ބޭސްފަރުވާ ފޯރުކޮށްދިނުމަށް އިހުމާލުވޭ. ކަނޑިންމަ ރިސޯޓުން ކޮވިޑްޖެހިގެން ނިޔާވި މުވައްޒަފާއި އެހެން މުވައްޒަފުންނަށް ސިއްހީފަރުވާ ފޯރުކޮށްދިނުމުގައި ވަނީ އިހުމާލުވެފައި. މައްސަލަ ބަލައި އިންސާފު ހޯދައިދޭންޖެހޭ،" ޓީމުގެ ފޭސްބުކްގައި ލިއެފައިވެ އެވެ.
ކަނޑިންމަ ރިސޯޓުގެ މުވައްޒަފު މަރުވި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އާދަމް ނަސީރުގެ މަރަށް ފަހު، ކަނޑިންމަ ރިސޯޓުގެ މުވައްޒަފުން ކޮވިޑަށް ޓެސްޓްކުރިއިރު ވަރަށް ގިނަ މުވައްޒަފުންނަށް ބަލި ޖެހިފައި ތިބި ކަން އެނގުމުން ހެލްތު މިނިސްޓްރީ އާއި އެޗްއީއޯސީން ވަނީ ރިސޯޓަށް ގޮސް ބައެއް ކަންކަން ބަލައިފަ އެވެ.
އެ ޓީމަށް ފާހަގަވި ކަންކަން ތަހުގީގު ކޮށްދޭން ފުލުހުންނަށް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި އާދަމް ނަސީރު ދ. އަތޮޅު ހޮސްޕިޓަލަށް އިމަޖެންސީގައި ފޮނުވައިލައި، ރިސޯޓުގެ ޑޮކްޓަރު ރިފަރަލް ލެޓާ ދީފައި ނެތުމާއި ރިސޯޓުގައި ބަލިމީހާ އަށް ދިނީ ކޮން ފަރުވާއެއް ކަން އެނގެން ނެތުން ހިމެނެ އެވެ.
ރިސޯޓުގައި ވަޒީފާ އަދާކުރާ ޕާކިސްތާނުގެ ޑޮކްޓަރު، އާދަމް ނަސީރުއާ ގުޅޭ ގޮތުން ދ. އަތޮޅު ހޮސްޕިޓަލަށާއި އެޗްއީއޯސީ އަށް ދިން މައުލޫމާތު ތަފާތުވި މައްސަލަ ވެސް ބަލައިދޭން އެދުނެވެ.
އެޗްއީއޯސީގެ ރިޕޯޓުގައިވާ ގޮތުގައި، ރިސޯޓުގެ މެޑިކަލް ސެންޓަރަށް ދެއްކި މީހުންގެ އަދަދު މިދިޔަ މަހުގެ 25 ގައި ކުއްލިއަކަށް ވަނީ އިތުރުވެފަ އެވެ. އެކަމަކު ރިސޯޓުން އަދި ޑޮކްޓަރު ވެސް އެކަމުގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަަން ރިޕޯޓުން އެނގެ އެވެ. ދ. އަތޮޅު ހޮސްޕިޓަލުން އެކަން ސާފުކުރަން ގުޅުމުން ވެސް ބައްޔަށް ޝައްކު ކުރެވޭ މީހަކު ނެތް ކަމަށް މައުލޫމާތު ދީފައިވާ ކަމަށް އެޗްއީއޯސީގެ ރިޕޯޓުގައިވެ އެވެ.
ގައިޑްލައިނާ އެއްގޮތަށް ރިސޯޓުން އަމަލުކޮށްފައި ނުވާ މައްސަލައިގައި ކަނޑިންމައިގެ ހުއްދަ ވަގުތީ ގޮތުން ވަނީ ބާތިލްކޮށްފަ އެވެ. އެ ރިސޯޓުގެ 70 އަށް ވުރެން ގިނަ މުވައްޒަފުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، ގިނަ މުވައްޒަފުން ތިބީ ކަރަންޓީނުގަ އެވެ.