ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުމާލޭން ދޫކޮށްފައިވާ ބިމާއި ރޯހައުސް އާއި ފްލެޓްތަކާއި ވިޔަފާރި ޔުނިޓު އަދި ސިނާއީ ބިންތަކުން ދައްކަން ޖެހޭ ކުލި ނުވަތަ އިންސްޓޯލްމެންޓް ފައިސާގެ ބައެއް ދެއްކުން އަންނަ މަހުގެ ނިޔަލަށް ފަސްކޮށްފި އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މި ލުއި ވަނީ، މިހާރު އެޗްޑީސީގެ ބައެއްގެ ގޮތުގައި ހިމެނޭ ތިލަފުއްޓާއި ގުޅީފަޅުން ކުއްޔަށް ދީފައިވާ ވިޔަފާރި ޔުނިޓްތަކާއި ސިނާއީ ބިންތަކަށް ވެސް ދީފަ އެވެ.

އެ ތަންތަނަށް ދައްކަން ޖެހޭ ކުލި ނުވަތަ އިންސްޓޯލްމަންޓްގެ 30 ޕަސެންޓް ފައިސާ، މިދިޔަ އޭޕްރީލް މަހުން ފެށިގެން ވަނީ ފަސްކޮށްފަ އެވެ. އެޗްޑީސީން މިއަދު ނިންމީ، އެކަން އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ދިގު ދަންމާލާށެވެ.

އެޗްޑީސީން ނެރުނުު އިއުލާނެއްގައި ބުނީ އޭޕްރީލް މަހުން ފެށިގެން ކުލި/އިންސްޓޯލްމެންޓްގެ ފައިސާ ފަސް ކުރަން ބޭނުންވާ މީހުން، އެކަމަށް އެދި އަންނަ މަހުގެ 31ގެ ނިޔަލަށް ފޯމު ހުށަހެޅޭނެ ކަމަށެވެ. އެކަމަކު އެގޮތަށް އެކަން ކުރެވޭނީ މިދިޔަ މާޗު މަހުގެ ނިޔަލަށް، ގަވައިދުން ފައިސާ ދައްކާފައިވާ ފަރާތްތަކަށް ކަމަށް އިއުލާނުގައި ވެ އެވެ. އަދި އެއާއެކު، ކޮންމެ މަހަކު ދައްކަން ޖެހޭ ކުއްޔާއި އިންސްޓޯލްމެންޓްގެ 70 ޕަސެންޓްގެ ފައިސާ އެ ކޯޕަރޭޝަނަށް ދައްކާ ހަލާސް ކުރުމުގެ ފުރުސަތު އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް ދީފައިވާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އޭގެ އިތުރުން، ޑައިރެކްޓް ޑެބިޓް އުސޫލުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ފްލެޓް، ގޯތި އަދި ރޯހައުސްއަށް އިންސްޓޯލްމަންޓް ފައިސާ ދައްކާ މީހުންގެ ތެރެއިން އިންސްޓޯލްމަންޓް ދެއްކުން ފަސްކުރުމަށް މިހާރު ފޯމު ހުށަހަޅާފައިވާ މީހުން، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިންސްޓޯލްމަންޓްގެ 30 ޕަސެންޓް ރީފަންޑް ކުރަން ބޭނުން ނަމަ އެކަން އެންގުމުން ހަމަޖައްސައިދޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ކުއްޔަށް ލުއި ދިން މަސްތަކުގެ ފައިސާ އަނބުރާ ދައްކަން އެއް އަހަރަށް ވުރެން ދިގު ނޫން މުއްދަތެއް ދޭނެ ކަމަށް ވެސް އެތަނުން ބުންޏެވެ. ފައިސާ ދައްކަން ފަށަން ޖެހޭނީ އަންނަ އަހަރުގެ ފެބުރުއަރީން ފެށިގެންނެވެ.

"މީގެ އިތުރުން، އެއްބަސްވުމުގެ ދަށުން މި ކޯޕަރޭޝަނަށް ފައިސާ ދައްކަން ޖެހޭ ފަރާތްތަކުގެ ތެރެއިން، އެކި ސަބަބުތަކާ ހުރެ ގަވައިދުން ފައިސާ ނުދެއްކިފައިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުން، މިތަނުގެ ޑެޓް ކަލެކްޝަން ޕޮލިސީއާ އެއްގޮތަށް، ފައިސާ ދެއްކުމުގައި ލުއިތަކެއް ހަމަޖައްސައިދޭނެ އެވެ." އެޗްޑީސީގެ އިއުލާނުގައި ބުނެފައި ވެ އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ސަބަބުން އާއްމުންނަށް ލުއި ގޮތްތައް ހޯދައިދިނުމަށް ސަރުކާރާއި ކުންފުނިތަކުން ވަނީ މި ފަދަ ގިނަ ސްކީމްތަކެއް ތައާރަފްކޮށްފަ އެވެ.