ބޯހިޔާވަހިކަމެއް ނެތި، މާލޭގެ މަގުތަކާއި އާއްމު ތަންތަނުގައި ނިދާ މީހުންނަށް ގުޅިފަޅުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑު ބައްދަލުވުމަށް ފަހު، އެ ބޯޑުގެ ޗެއާމަން، އަބްދުލް ހަމީދު މިއަދު ވިދާޅުވީ ވަންނާނެ ތަނެއް ނެތް މީހުން އެންމެ ފުރަތަމަ ގެންދާނީ ގުޅިފަޅަށް ކަމަށެވެ. އެ މީހުން އެސެސްކުރާނީ ގުޅިފަޅަށް ގެންދިއުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމީދު ވިދާޅުވި ގޮތުގައި އެ ގޮތަށް އެސެސްކޮށް، މަސްތުވާތަކެއްޗާ ގުޅުން ހުރި މީހުންނަށް ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ ވަގުތީ ޑިޓޮކްސް ކޭމްޕުން ފަރުވާ ދޭނެ އެވެ.

ވަންނާނެ ތަނެއް ނެތުމުން މާލޭގެ އެކި ތަންތަނުގައި ނިދާ މީހުންގެ އަދަދު މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް މަތިވެފަ އެވެ. އޭގެ ތެރޭގައި ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލި ހާލުގައި ޖެހުނު މީހުންނާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ވެސް ހިމެނެ އެވެ.

ފަރުކޮޅުފުށީގައި ހުރި ޑިޓޮކްސް ކޭމްޕަށް ރޭ ހަތަރު މީހަކު ގެންދިޔަ އެވެ. އެ ފަރުވާއަށް ފަހު، ރަނގަޅުވުމުން އެ މީހުން އަނބުރާ ރަށަށް ދާން ބޭނުންވާ ނަމަ ސަރުކާރުން އެކަން ފަހިކޮށްދޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

އެންޑީއޭގެ ބޯޑުގައި ޖެންޑާ މިނިސްޓްރީ ތަމްސީލުކުރައްވާ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ރަޝީދު ވިދާޅުވީ ގުޅިފަޅަށް ގެންދާނީ ވަންނާނެ ތަނެއް ނެތި މަގުތަކުގައި އުޅޭ މީހުންގެ ވެސް ރުހުމާ އެކު ކަމަށެވެ. ގުޅިފަޅުގައި ކުރިން ހަދާފައިވާ ހުރި ބައެއް އިމާރާތްތަކުން އެވަރަށް ޖާގަ ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ މިހާރު ހަމަ ރަނގަޅަށް ހުރި ފެސިލިޓީއެއް. އެތާ ތިބޭއިރު، އެ މީހުންނާ އެކު މަސައްކަތްކޮށްފައި އެ މީހުންނަށް ބޭނުންވާ ހުނަރުތަކަށް ފަހު ކުންފުނިތަކާ އެކު އެ މީހުންނަށް ކުރެވިދާނެ މަސައްކަތްތަކަށް އެ މީހުން ރެޑީވީމަ އެއާ ގުޅުވައިދޭނެ،" އައިޝަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަނގަޅުވެގެން ނުކުންނަ މީހުންނަށް ކުންފުނިތަކުން ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމާ ބެހޭ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމާ އެކު އިއްޔެ ވަނީ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.