ރަށްރަށުން ޖަލްސާ އަށް އައި މީހުންނަށް ފައިސާ ދިން ކަމަށް ވިދާޅުވެއްޖެ!

ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް "އަސްލު"ގެ ނަމުގައި ރޭ ކާނިވަލުގައި ބޭއްވި ޖަލްސާ އަށް ރަށްރަށުން އައި މީހުންނަށް ފައިސާ ދިން ކަމަށް އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މަތީން މިއަދު ވިދާޅުވެއްޖެ އެވެ.


ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ބޭއްވި މި ޖަލްސާ އަށް މީހުން ގެނެސް ކޮންމެ މީހަކަށް، ސިޓީ އުރައެއްގައި 500ރ. ދީފައިވާތީ އެކަމަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެއީ އެ ފެކްޝަނުން ކުރި ކަމެއް ކަމަށް ދޭހަވާ ގޮތަށް މަތީން ވަނީ މިއަދު ޓުވީޓެއް ކުރައްވައިފަ އެވެ.

ސިޓީ އުރައެއްގެ ތެރޭގައި 500ރ. ފެންނަ ގޮތަށް އޮތް ފޮޓޯއަކާ އެކު ކުރެއްވި ޓުވީޓެއްގައި މަތީން ވިދާޅުވީ "އަސްލު" ޖަލްސާގެ އިންތިޒާމްތައް ރަނގަޅު ކަމަށެވެ. ދުރު ރަށްރަށުން މާލެ އައި މީހުން ބިކަވިޔަ ނުދޭން ފިޔަވަޅު އެޅި ކަމަށް އޭނާ ވިދާޅުވި އެވެ.

މަތީން ކުރެއްވި ޓުވީޓް.

ޖަލްސާގައި ބައިވެރިވުމަށް މާލެ އަންނަން، ދެކޮޅު ޓިކެޓާއި ފައިސާ ދީފައިވާއިރު، މިއީ ކިހިނެއް ހޯދާފައިވާ ފައިސާއެއް ކަމެއް ރައީސް ޔާމީންގެ ފެކްޝަނުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ޖަލްސާ އަށް އައްޑޫން މީހުން އުފުލުމަށް މޯލްޑިވިއަންގެ އެއާބަސްގެ ދެ ދަތުރު ބޭއްވި އެވެ. ހަމައެއާ އެކު އެހެން ރަށްތަކުން އައި މީހުންގެ ދަތުރު ހަރަދު ވެސް ހަމަޖައްސައިދީފައިވެ އެވެ.

ޖަލްސާ އަށް ދިޔަ ބައެއް މީހުންނަށް ފައިސާ ދިން ކަން އެނގޭއިރު، އެ ޖަލްސާ އަށް ސަރުކާރުގެ ބައެއް މިނިސްޓްރީތަކާއި ކުންފުނިތަކުގެ މުވައްޒަފުން ގެންދިޔައީ، މަޖުބޫރުކޮށްގެން ކަމަށް އެ މުވައްޒަފުން ބުނެފައިވެ އެވެ. ބައެއް ކުންފުނިތަކުން ވަނީ ޖަލްސާގައި ބައިވެރިވި މުވައްޒަފުންގެ ހާޒިރީ ވެސް ބެލި އެވެ. އަދި ރޭގެ ޖަލްސާއަށް ނުދާ މީހުން މެޑިކަލް ސެޓްފިކެޓް އޮފީހަށް ގެންދިއުމަށް ވެސް ބައެއް ކުންފުނިތަކުން މުވައްޒަފުންނަށް އެންގި އެވެ.

ރައީސް ޔާމީން ފެކްޝަނުން ބުނެފައިވާ ގޮތުގައި ރޭގެ ޖަލްސާގައި 12،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ. އޭގެ ތެރެއިން 4،000 އަށް ވުރެ ގިނައީ ރަށްރަށުން ސީދާ ޖަލްސާ އަށް ގެނައި މީހުން ކަމަށް އެ ފެކްޝަނުން ބުނެފައިވެ އެވެ. އަދި އެއީ މިހާތަނަށް ސިޔާސީ ޕާޓީއަކުން މާލޭގައި ބޭއްވި އެންމެ ބޮޑު ޖަލްސާ ކަމަށް ވެސް ރައީސް ޔާމީންގެ ފެކްޝަނުން ބުނެ އެވެ.