ޕީޕީއެމަށް އަލުން ސޮއިކޮށް، އެސްޖީ ކަމަށް މަތީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ޕާޓީއެއް އުފެއްދުމަށް ހަރަކާތްތައް ހުއްޓާލާފައި އޮތް ޕީޕީއެމަށް އާ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަތީން މިރޭ ހަމަޖައްސައިފި އެވެ.


ޕީޕީއެމުން ވަކިވެވަޑައިގަތުމަށް ފަހު އަލުން އޭނާ ޕީޕީއެމަށް ސޮއި ކުރެއްވައި ޔާމީނާ ފޯމު ހަވާލު ކުރެއްވީ ވެސް މިރެ އެވެ.

މަތީން، ޕީޕީއެމަށް ސޮއި މި ކުރެއްވީ ޕީޕީއެމްގެ ކުއްލި ކައުންސިލް ބައްދަލުވުމެއް މިރޭ ބާއްވަން ނިންމާފައި ވަނިކޮށެވެ. ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް އެ ޕާޓީން ވަކިވެ އާ ޕާޓީ ޕީޕަލްސް ނެޝަނަލް ޕާޓީ (ޕީއެންސީއާ) އަށް ސޮއިކޮށްފައިވާތީ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގެ ކޯރަމް ހަމަވެދާނެ ކަމުގެ ވެސް ބިރު އޮތެވެ.

ޕީޕީއެމްގެ އެސްޖީ ކަމަށް ސޮއި ކުރެއްވުމާ އެކު މަތީން ވެސް ކައުންސިލްގައި ހިމެނިވަޑައިގަންނަވާނެ އެވެ.

މަތީން މިރޭ ޕީޕީއެމަށް އަލުން ސޮއި ކުރެއްވި އިރު އޭނާ މިދިޔަ ހަފުތާގައި ޕީޕީއެމްގެ ލީޑަޝިޕުން އަލަށް އުފެއްދި ޕީއެންސީ އަށް ސޮއި ވެސް ކުރެއްވި އެވެ. އެކަމަކު މިހާރު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.

ޕީޕީއެމްގެ އެސްޖީ އަކަށް މީގެ ކުރިން ހުންނެވީ މުުހައްމަދު ހުސެއިން ޝަރީފް (މުންދު) އެވެ. އޭނާ އިސްތިއުފާ ދެއްވީ ޕީއެންސީއާ ގުޅިވަޑައިގަތުމަށެވެ. މީގެއިތުރުން ވެސް އެ ޕާޓީގެ ލީޑަޝިޕްގެ ގިނަ އަދަދެއްގެ ބޭފުޅުން ވަނީ ޕީއެންސީ އަށް ސޮއިކުރައްވައިފަ އެވެ.

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް މިރޭ ބޭއްވި އިރު އެ ޕާޓީގެ މިލްކުވެރިކަމާ މެދު ސުޕްރީމް ކޯޓަށް ވައްދާފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދު ވަނީ ބާއްވައިފަ އެވެ. އެ މައްސަލައިގެ ތެރެއަށް ތަދައްޚުލް ވުމަށް އެ ޕާޓީގެ އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ވަނީ ހުށަހަޅުއްވައިފަ އެވެ.