މާލެ ސަރަހައްދުގެ ގޭގެ އިން ކުނި ނަގާ ގަޑި އަންނަ ޖެނުއަރީ މަހުން ފެށިގެން ރޭގަނޑަށް ބަދަލުކުރާ ގޮތަށް ވެމްކޯ އިން ހަމަޖައްސައިފި އެވެ.

ވެމްކޯގެ މުވައްޒަފުން މިހާރު ގޭގެ އިން ކުނި ނަގަނީ ދުވާލުގެ ވަގުތުތަކުގައި ކަމަށް ވިޔަސް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު "މިހާރު" އަށް މިއަދު ވިދާޅުވީ، އަންނަ ޖެނުއަރީ މަހުގެ ކުރީކޮޅުން ފެށިގެން އެކަން ރޭގަނޑަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

ގޭގެ އިން މިހާރު ކުނި ނަގަނީ މެންދުރު 2:30 ގެ ފަހުންނެވެ.

އާދަމް ވިދާޅުވީ، ގޭގެ އިން ކުނި ނެގުން ރޭގަނޑަށް ބަދަލުކުރަނީ އަންނަ މަހު އަލުން ސްކޫލުތައް ހުޅުވުމާ އެކު، މާލޭގެ މަގުތަކުގެ ޓްރެފިކް ކުޑަކުރުމުގެ ބޭނުމުގައި ކަމަށެވެ.

"ސްކޫލުތައް ފަށާއިރު މާލޭގެ މަގުތައް ތޮއްޖެހުމާ އެކު ވެހިކަލްތަކަށް މޫވްކުރަން އުނދަގޫވާނޭ. އެހެންވީމާ އަޅުގަނޑުމެން މިހާރު މި މަޝްވަރާ ކުރަނީ ރޭގަނޑު 10:00 އިން 12:00 އަށް ކުނި އުފުލުމުގެ މަސައްކަތް ކުރިއަށް ގެންދަން،" އޭނާ ވިދާޅުވި އެވެ.

އާދަމް ވިދާޅުވިގޮތުގައި، ކުނި އުފުލުމުގައި ވެމްކޯ އިން 30 ވަރަކަށް އުޅަނދު ބޭނުން ކުރާއިރު އެވްރެޖްކޮށް 140 ޑަސްބިން މަގުތަކުގައި ގެންގުޅެ އެވެ. މިއާ އެކު މަގުތައް ތޮއްޖެހި، ވެހިކަލްތައް ދުއްވުމަށް އުނދަގޫތަކާ ކުރިމަތިވެ އެވެ.

ކޮވިޑް-19 މާލެ އަށް ފެތުރިފައިވާތީ، ވެމްކޯ އިން މިހާރު ގޭގެ އިން ކުނި ނަގަނީ ގްރައުންޑް ފްލޯ އިންނެވެ. ވެމްކޯގެ މުވައްޒަފުން ކުނި ނަގަން ދާންވާއިރަށް ކުނި ތިރިއަށް ބޭލުމަށް ވެމްކޯ އިން އޮތީ ކުރިއްސުރެ އެދިފަ އެވެ. ކޮވިޑާ ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އުވާލަންދެން މިގޮތުގައި ކުރިއަށް ގެންދަން ވެމްކޯ އިން ވަނީ ނިންމައިފަ އެވެ.