މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހެދި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި އެތަނުގައި ކުނި މެނޭޖްކުރާނެ ގޮތް ދައްކާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
10 ޖޫން 2025 - 10:45
މާލެ ސަރަހައްދުން މިދިޔަ އަހަރު 922 ޓަނުގެ ޕްލާސްޓިކް ކުނި ބޭރުކޮށްފައިވާކަން ވެމްކޯގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ވެމްކޯއާ ހަވާލާދީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި، މާލެ ސަރަހައްދުން މިދިޔަ އަހަރު 922 ޓަނުގެ ޕްލާސްޓިކް ކުނި ބޭރުކޮށްފައިވެ އެވެ. އެންމެ ގިނައިން ޕްލާސްޓިކް ކުނި ބޭރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެއީ 135 ޓަނުގެ ޕްލާސްޓިކް ކުންޏެވެ.
• 131،713 ޓަނުގެ މިކްސްޑް ވޭސްޓް
• 44،684 ޓަނުގެ ތެތް ކުނި
• 22،124 ޓަނުގެ ގާކުނޑި
• 11،592 ޓަނުގެ ގޭގެއިން ބޭރުކުރާ ބޮޑެތި ކުނި
• 10،385 ޓަނުގެ ލަކުޑި ކުންޏާއި ފަތްކުނޑި
• 4،948 ޓަނުގެ ކަރުދާހާއި ކާޑުބޯޑު ކުނި
• 861 ޓަނުގެ މެޑިކަލް ވޭސްޓް
ރާއްޖޭގައި ޕްލާސްޓިކް ކުނި އުފެދޭ ވަރު މަދުކުރުމަށް ސަރުކާރުން ވަނީ މީގެ ކުރިން ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެކި ފިޔަވަހިތަކަކަށް ބަހާލައިގެން އަންނަނީ ޕްލާސްޓިކްގެ އެކި ބާވަތްތައް މަނާކުރަމުންނެވެ. ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކް މަނާކުރުމުގެ ލިސްޓުގެ ދަށުން މަނާކުރާ އެންމެ ފަހު ބާވަތް ކަމަށްވާ ޕްލާސްޓިކް ކުދި ފެންފުޅި އަންނަ އަހަރުގެ މާޗު އެކަކުން ފެށިގެން މަނާވާނެ އެވެ.
ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ، އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓެއް އެކުލަވާލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެވެ. އޭގެ ދަށުން އެކި ތާރީހުތަކަށް ބަހާލައިގެން ޖުމްލަ 13 ބާވަތެއްގެ ޕްލާސްޓިކް މިހާތަނަށް ވަނީ މަނާކޮށްފަ އެވެ.
މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޕްލާސްޓިކް ކުނީގެ ނުރައްކަލާއި ރާއްޖޭގެ ކަނޑުތަކުގައި އޮޔާދާ ކުނީގެ ނުރައްކަލަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ނޭދެވޭ އެތައް އަސަރެއް ކުރާ ގައުމީ ބޮޑު މައްސަލައެކެވެ.
ސްޓެޓިސްޓިކްސް ބިއުރޯ އިން ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްްއޭ)އާ ހަވާލާދީ ބުނީ އެ އޮތޯރިޓީއަށް މިދިޔަ އަހަރު އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ވާރޭވެހިގެން ފެންބޮޑުވުމުގެ ހާދިސާތައް ކަމަށެވެ.
ވާރޭވެހިގެން ފެންބޮޑުވުމުގެ 93 ހާދިސާއެއް އެންޑީއެމްއޭ އަށް މިދިޔަ އަހަރު ރިޕޯޓްކޮށްފައިވެ އެވެ. ދެންމެ އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ އަލިފާނުގެ ހާދިސާތަކެވެ. އެއީ 83 ހާދިސާއެކެވެ. ގަދައަށް ވައިޖެހިގެން ގެއްލުން ލިބިގެން 57 ހާދިސާއެއް ވެސް ރިޕޯޓްކޮށްފައިވެ އެވެ.
ސްޓެޓިސްޓިކްސް ބިއުރޯ އިން ސްޓެލްކޯގެ ތަފާސްހިސާބުތަކާ ހަވާލާދީ ބުނީ އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ދިނުމަށް އުފައްދާ ހަކަތައިގެ 98 ޕަސެންޓަކީ ތެލުން އުފައްދާ ހަކަތަ ކަމަށެވެ. އަމިއްލަ ގޭގޭގައި ސޯލާ ޕަވާ ސިސްޓަމްތައް ހަރުކޮށްގެން 1.4 ޕަސެންޓް އިޔާދަކުރަނިވި ހަކަތަ އުފައްދަ އެވެ. އަދި ސީދާ އެ ކުންފުނީގެ ބެލުމުގެ ދަށުން އުފައްދަނީ އެންމެ 0.3 ޕަސެންޓް އިޔާދަކުރަނިވި ހަކަތަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަފު ކުޑޭ
10 June 2025
މާލޭގައި ހުރިި ޕުލާސްޓިކުތަކަށް ބަލާ އިރު ތި އެތި ކޮޅު އެކަނިއުތަ ބޭރުކޮށްގެން އަތްޖަހަނީ.
އުޒައިރު
10 June 2025
ޓީމޫއާއެކު ތިއަދަދު 2000 އަށް އަރަން ދެން ނަގާނީ ދެތިން އަހަރު
ކުނިސިޓީ
10 June 2025
މާލެ ސަރަހައްދުގެ އާބާދީއަށް ބަލާފަ މިއީ ވަރަށް ބޮޑު އަދަދެއް. ދުނިޔޭގަ އަހަރަކަށް އެވްރެޖްކޮށް މީހަކު 250 ކިލޯގެ ކުނި އުފައްދާ، (އެންމެ ގިނައިން) އެމެރިކާގަ މިއަދަދު 800 ކިލޯއަށް އަރާ. މާލެ ސަރަހައްދުގެ 2 ލައްކަ މީހުންނަށް މިއީ މީހަކަށް 1 ޓަނު. އިސްރާފު ބޮޑު ކަމަށް ލަފާކުރެވޭ.