އެމެރިކާގެ ރިއާސީ އިންތިހާބަށް ދެ ދުވަހަށް ވެފައިވާ އިރު، އެމެރިކާގެ އާންމު ރައްޔިތުންގެ ކުރިމަތީގައި މާ ގިނަ އިޚްތިޔާރުތަކެއް ނެތެވެ. ކުރިއަށް އޮތް ހަތަރު އަހަރު އެ ގައުމުގެ އެންމެ މަތީ ވެރިޔާގެ މަގާމު ދޭން ހުރީ ރިޕަބްލިކަން ޕާޓީގެ ޑޮނަލްޑް ޓްރަޕް ނުވަތަ ޑިމޮކްރެޓިކް ޕާޓީގެ ހިލަރީ ކްލިންޓަން އެވެ. އެމެރިކާ ރައްޔިތުން ދެކޭ ގޮތުގައި، އެ ގައުމުގެ ރައީސަކީ ހަމައެކަނި އެމެރިކާގެ ރައީސެއް ނޫނެވެ. އެއީ ބައިނަލްއަގްވާމީ ސިޔާސީ މައިދާނުގެ ރަސްގެފާނެވެ.
އެހެންކަމުން އެ މަގާމަށް މީހަކު ހޮވާއިރު، "އަލީ ރަސްގެފާނެކޭ އަނދިރި ރަސްގެފާނެކޭ" އެއްވަރޭ ކިޔާފައި ނިންމައިލެވެން ނޯންނާނެ ކަމަށް އެމެރިކާ ރައްޔިތުން ގަބޫލު ކުރެ އެވެ. ރައީސްގެ މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު އިޚްތިޔާރު ކުރާ އިރު، އެތައް ގޮތަކަށް ހިސާބު ޖަހަން ޖެހެނީ އެހެންވެގެންނެވެ. އަދި އަމުދުން ޕާޓީ ނިޒާމުން ވެރިކަން ކުރިޔަސް، ޕާޓީގެ ކެންޑިޑޭޓަށް ވީތީ "އެންމެ ފުރިހަމަ" މީހަކީ އެއީ ކަމަށް ގަބޫލު ނުކުރަނީ ވެސް އެ ސަބަބަށްޓަކަ އެވެ.
އެމެރިކާގެ ރިއާސީ އިންތިހާބުގެ ވޯޓު ލުން، އަންނަ އަންގާރަ ދުވަހު އޮންނަ އިރު، މިހާތަނަށް ނެގި ޚިޔާލު ހޯދުމުގެ ވޯޓުތަކަށް ބަލާއިރު އާންމު ރައްޔިތުންގެ ގިނަ ބައެއްގެ މެދުގައި އެންމެ މަގުބޫލު ބޭފުޅަކީ ހިލަރީ އެވެ. އަދި ސިޔާސީ ބޭފުޅުންގެ މެދުގައި ވެސް ޓްރަމްޕަށް ވުރެ ކުރީގައި އުޅުއްވަނީ ހިލަރީ އެވެ.
ސިޔާސީ ތަޖުރިބާ އާއި އަޚްލާގީ މިންގަނޑާއި ބަސްމަގާއި މީހުންނަށް އިހްތިރާމް ކުރުމުގެ ހަމަތަކުން ބަލާއިރު ވެސް ހިލަރީ ވަނީ އެތައް ފިޔަވަޅެއް ކުރީގައި ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އެއާ ޚިލާފަށް ގައުމުގެ ހުރިހާ ދިމާލަކުން ވެސް ޓްރަމްޕަށް ކުރިމަތިވާ ފާޑު ކިޔުންތައް ދަނީ އިތުރުވަމުންނެވެ. އޭނާ އަކީ އެމެރިކާގެ އެންމެ ޝަރަފުވެރި އަދި އެންމެ ގަދަރުވެރި މަގާމަށް ވާދަ ކުރުމަށް ވެސް ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަމަށް ވެސް ބައެއް މީހުން ދެކެ އެވެ.
މިހާރު ދުނިޔޭގައި ތިއްބެވި އެމެރިކާގެ ކުރީގެ ރައީސުންގެ ތެރެއިން އެއްވެސް ބޭފުޅަކު މިހާތަނަށް ޓްރަމްޕަށް ތާއީދު ކުރައްވައިފައެއް ނުވެ އެވެ. ޓްރަމްޕްގެ އަމިއްލަ ޕާޓީ އަށް ނިސްބަތްވާ ދެ ރައީސަކު މިހާރު ވެސް ދުނިޔޭގައި އެބަ ތިއްބެވި އެވެ. އެއީ ބުޝްގެ ދެބަފައިންނެވެ. މިއިން އެއްވެސް ބޭފުޅަކު ވެސް ޓްރަމްޕްގެ ފަހަތްޕުޅަށް ވަންނާކަށް ބޭނުމެއް ނޫނެވެ. އަދި ޓްރަމްޕަށް ކެންޑިޑޭޓަކަށް ހަމަޖެއްސުމަށް ބޭއްވި އެ ޕާޓީގެ ނޭޝަނަލް ކޮންވެންޝަންގައި ވެސް ބައިވެރިއެއް ނުވެ އެވެ.
އެމެރިކާގެ ކުރީގެ ރައީސުންގެ ތެރެއިން ހިލަރީގެ ފިރިކަލުން ބިލް ކްލިންޓަން ވަނީ ހިލަރީ އަށް ތާއީދު ކުރައްވައި ކެމްޕޭންގައި ވެސް ބައިވެރިވެފަ އެވެ. އޭގެ އިތުރުން ޖިމީ ކާޓަރު ވެސް ތާއީދު ކުރައްވަނީ ހިލަރީ އަށެވެ. މި ދެ ބޭފުޅުން ވެސް ނިސްބަތް ވަނީ ހިލަރީގެ ވެސް ޕާޓީ، ޑިމޮކްރެޓިކް ޕާޓީ އަށެވެ.
އިދިކޮޅު ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ، ކުރީގެ ދެ ރައީސަކު ވެސް މި ވަގުތު ދުނިޔޭގައި އެބަ ތިއްބެވި އެވެ. އެއީ ޖޯޖް އެޗް ޑަބްލިޔޫ ބުޝް (ބައްޕަ) އާއި ޖޯޖް ޑަބްލިޔޫ ބުޝް (ދަރި) އެވެ. މިއިން އެއްވެސް ބޭފުޅަކު ޓްރަމްޕަށް ތާއީދު ނުކުރައްވާ އިރު، މީގެ ތެރެއިން ބައްޕަ ބުޝް ވަނީ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީ އަށް ތާއީދު ކުރައްވާ ކަން ހާމަ ކުރައްވައިފަ އެވެ.
އޭގެ އިތުރުން ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ މަޝްހޫރު ސިޔާސީ ބޭފުޅުން ކަމަށްވާ، 2012 ވަނަ އަހަރުގެ ރިއާސީ ކެންޑިޑޭޓް މިޓް ރޮމްނީ އާއި ކުރީގެ ޚާރިޖީ ވަޒީރު ކޮންޑަލީޒާ ރައިސް ވަނީ، ރިއާސީ ރޭހުން ނަން އަނބުރާ ގެންދެވުމަށް ޓްރަމްޕަށް ގޮވައިލައްވައިފަ އެވެ. ކުރީގެ ޚާރިޖީ ވަޒީރު ކޮލިން ޕަވަލް ސިފަ ކުރައްވާ ގޮތުގައި ޓްރަމްޕު، އެމެރިކާގެ ވެރިކަމަށް އިންތިހާބު ވުމަކީ މުޅި ގައުމަށް ލިބޭނެ ހުތުރެއްގެ ގޮތުގަ އެވެ.
އެމެރިކާގެ އާންމު ރައްޔިތުންނާއި ސިޔާސީ އިސް ބޭފުޅުންގެ ތާއީދުގެ އިތުރުން ބައިނަލްއަގްވާމީ ސިޔާސީ މަސްރަހުގައި ވެސް ޓްރަމްޕަށް ވުރެ ހިލަރީގެ ތާއީދު ބޮޑެވެ. އެ ގޮތުން ކެނެޑާގެ ކުރީގެ ޚާރިޖީ ވަޒީރު ޖޯން ބެއާޑް އާއި ފަރަންސޭސި ވިލާތުގެ ކުރީގެ ޚާރިޖީ ވަޒީރު ލޯރަން ފަބިއަސް އާއި އޮސްޓްރޭލިޔާގެ ކުރީގެ ބޮޑުވަޒީރު ޖޫލިއާ ގިލާޑް އާއި ފަރަންސޭސި ވިލާތުގެ ކުރީގެ ރައީސް ނިކޮލައި ސާކޯޒީ އާއި ޖަރުމަން ވިލާތުގެ ޚާރިޖީ ވަޒީރު ފްރޭންކް ވޯލްޓާ ފާހަގަ ކޮށްލެވެ އެވެ.
މިއާ ޚިލާފަށް ބައިނަލްއަގްވާމީ ސިޔާސީ މަސްރަހުގައި ޓްރަމްޕަށް ތާއީދު ކުރައްވާ ގިނަ ބޭފުޅުންނަކީ، ކަނާތު ފިޔައިގެ ހައްދު ފަހަނަޅާފައިވާ ސިޔާސީ ލީޑަރުން ކަން ފާހަގަ ކުރެވެ އެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތުގެ އިންޑިޕެންޑެންސް ޕާޓީގެ ލީޑަރު ނައިގެލް ފަރާގް އާއި ފަރަންސޭސި ވިލާތުގެ ނޭޝަނަލް ފްރޮންޓްގެ ލީޑަރު މާރީން ލަ-ޕޭން ހިމެނެ އެވެ.
ހިލަރީއާ މެދު ޑިޕްލޮމޭޓުންނާއި ސިޔާސީ ފަރާތްތަކުން ދެކެނީ، އެމެރިކާގެ ޒައާމަތަށް ފަރިތަ އަދި ގާބިލް ބޭފުޅެއްގެ ގޮތުގަ އެވެ. ސަބަބަކީ އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ދެ ދައުރުގައި މަހާ ރެހެންދިގެ ގޮތުގައި ވައިޓް ހައުސްގައި އުޅުއްވި އިރު ވެރިކަމުގެ އާޖުފާޖު ރަނގަޅަށް އެނގިވަޑައިގެން ހުންނެވުމެވެ. އޭގެ ފަހުން މިހާރުގެ ރައީސް ބަރަކް އޮބާމާގެ ފުރަތަމަ ދައުރުގައި ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން ޖެނުއަރީ 21، 2009 ން 1 ފެބްރުއަރީ 1، 2013 އަށް ހިލަރީ ވަނީ ބައިނަލްއަގުވާމީ ސިޔާސީ އަދި ޑިޕްލޮމެޓިކް ދާއިރާގައި ރަނގަޅު މަގާމެއް ކަށަވަރު ކުރައްވައިފަ އެވެ.
ސިޔާސީ ފަރާތްތަކާއި ޑިޕްލޮމޭޓުންގެ ވިސްނުން ހުރި ގޮތަށް ބަލާއިރު ޖެނުއަރީ 20، 2017 އިން ފެށިގެން ކުރިއަށް އޮތް ހަތަރު އަހަރު ދުވަހު އެމެރިކާގެ ރައީސްގެ މަގާމު ފުރުއްވާނީ ހިލަރީ ކްލިންޓަނެވެ. ނަމަވެސް ނޭނގެނީ އެމެރިކާގެ އާންމު ރައްޔިތުންގެ ނިންމުން އަންނާނެ ގޮތެކެވެ. އާންމު ރައްޔިތުންނަށް ކަމުދާނީ ހިލަރީ ހެއްޔެވެ؟ ނުވަތަ ޓްރަމްޕް ހެއްޔެވެ؟