ވޮޝިންޓަން (ޑިސެމްބަރު 28) - ކްރިސްމަސް އާއި އާ އަހަރުގެ ޗުއްޓީގައި ގިނަ ބަޔަކު އެއްތަނުން އަނެއް ތަނަށް ދަތުރުކުރަމުންދާތީ ކޮރޯނާވައިރަހުގައި އެމެރިކާ "ނާޒުކް ހާލަތަކަށް" ވެއްޓިދާނެ ކަމުގެ އިންޒާރު ގައިންގަޔަށް އަރާ ބަލިތަކާ ބެހޭ ޚާއްސަ ތަޖްރިބާކާރު އެންތަނީ ފައުޗީ އިންޒާރު ދެއްވައިފި އެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި ވައިރަސްގެ ހާލަތު ނުރައްކާވެދާނެކަމުގެ ކަންބޮޑުވުން އަޅުގަނޑު ހިއްސާކުރަން،" ސީއެންއެންގައި ވާހަކަ ދައްކަވަމުން ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު ފައުޗީ ވިދާޅުވި އެވެ.
އެމެރިކާގެ ރައީސްކަމުގެ މަގާމާ ޖެނުއަރީ 20 ގައި ހަވާލުވެވަޑައިގަންނަވާ ޖޯ ބައިޑަން ވެސް ވަނީ އެމެރިކާގެ ކަޅު ދުވަސްތައް އޮތީ ކުރިއަށް ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާގައި ފަހަކަށް އައިސް ކޮރޯނާވައިރަހުގެ ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެ އެ ބަލީގައި އެޑްމިޓްކުރާ މީހުންނާއި މަރުވާ މީހުން ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އެމެރިކާގައި މިހާތަނަށް ވަނީ 19,573,847 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 341,138 މީހުން މަރުވެފަ އެވެ.
ހޮސްޕިޓަލްތައް ފުރެމުންދާއިރު ފައުޗީ ވަނީ "މަތިމައްޗަށް" ކޭސްތައް އިތުރުވެދާނެ ކަމަށް ލަފާކޮށްފަ އެވެ.
އެމެރިކާގައި އާ އަހަރުގެ ޗުއްޓީ އަށް ދަތުރުކުރާ މީހުން މި ފަހަރު ވަރަށް މަދެވެ. ނަމަވެސް ވޭތުވެދިޔަ ހަ ދުވަހަށް ބަލާއިރު ކޮންމެ ދުވަހަކު ވެސް ވައިގެ މަގުން ވަނީ އެއް މިލިއަން ފަސިންޖަރުން ދަތުރުކޮށްފަ އެވެ.
މިދިޔަ މަހުގެ ތޭންކްސްގިވިން ޗުއްޓީ އަަށް ފަހު ޑިސެމްބަރު މަހު އެމެރިކާގައި ވަނީ ކޮވިޑުގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ދުވާލެއްގެ މައްޗަށް ދެ ލައްކަ މީހުން ޕޮޒިޓިވްވެ 3،000 މީހުން ވެސް ބައެއް ދުވަސް ދުވަހު މަރުވި އެވެ.
އެމެރިކާގައި މިހާރު ވަނީ ކޮވިޑް ވެކްސިން ދޭން ފަށައިފަ އެވެ. ފުރަތަމަ ދެނީ ހައި-ރިސްކް ގްރޫޕްތަކުގެ މީހުންނަށެވެ. މިހާތަނަށް ދެ މިލިއަން މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ސަރުކާރުން ލަފާކޮށްފައި ވަނީ އަހަރު ނިމޭއިރު 20 މިލިއަން މީހުންނަށް ވެކްސިން ދެވޭނެ ކަމަށެވެ.
ފައުޗީ ވިދާޅުވީ އަންނަ އަހަރުގެ އެޕްރީލް މަހާ ހަމައަށްދާއިރު އެމެރިކާގައި ކޮންމެހެން ވެކްސިން ދޭން ޖެހޭ ގްރޫޕްތަކަށްދީ ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.