ސައިންސްގެ ދާއިރާ އިން އާންމު ސިއްހީ ހިދުމަތު ދާއިރާ ކުރިއަރުވައި ހޭލުންތެރިކަން އުފެއްދުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަގުވަޒަންކޮށް މި އަހަރުގެ ޑޭން ޑޭވިޑް ޕްރައިޒް އެވޯޑް، އެމެރިކާގެ ނެޝަނަލް އިންސްޓްޓިއުޓް އޮފް އެލަޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީ އަށް އެވޯޑް ލިބިވަޑައިގެންފި އެވެ.

މިލިއަން ޑޮލަރުގެ އިނާމު ލިބޭ މި އެވޯޑަކީ އިޒްރޭލުން 2002 އިން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. ޑޭން ޑޭވިޑް ފައުންޑޭޝަނުން އެވޯޑް ދެނީ ރުމޭނިއާ އަށް އުފަން އިޒްރާއީލްގެ ވިޔަފާރިވެރިޔާ/ފިލަންތުރޮޕިސްޓް ޑޭން ޑޭވިޑްގަ ނަމުގަ އެވެ.

ޑޭން ޑޭވިޑް ޕްރައިޒް އެވޯޑް ދެނީ ސައިންސާއިި ޓެކްނޮލޮޖީ އަދި ސޯޝަލް ވެލްފެއާގެ ދާއިރާ އިން އަގުހުރި ހިދުމަތްތައް ކޮށްދޭ މީހުންނެވެ. އަދި އެވޯޑް ދެނީ އެހާރާއި މިހާރާއި އަދި މުސްތަގުބަލަށް އަމާޒުކޮށް އެ ދާއިރާތަކުން ކުރާ މަސައްކަތް ފާހަގަކޮށެވެ.

ފައުޗީ އަށް އެވޯޑް ދީފައި ވަނީ މިހާރު ކޮރޯނާވައިރަހާ ދެކޮޅަށް އޭނާ ކުރެއްވާ އާދަޔާހިލާފު މަސައްކަތުގެ އަގުވަޒަންކޮށެވެ. އޭނާއާ އެކު އިތުރު ހަ މީހަކަށް އެކި ދާއިރާތަކުން އެވޯޑް ލިބިވަޑައިގަތެވެ.

މި އަހަރު އެ އެވޯޑް ލިބިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ފައުޗީ ހިމެނިވަޑައިގަތް އިރު މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ އެކު އެމެރިކާގައި އެ މީހެއްގެ ވާހަކަ އެންމެ ގިނައިން ދެކެވުނު އެކަކީ ފައުޗީ އެވެ. އޭރު ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ފައުޗީ ދެއްވާ ލަފަ އާއި އިރުޝާދުތަކަށް ބޯނުލެބުމުގެ ނަތީޖާއެއްގެ ސަބަބުން ކޮވިޑް ކޮންޓްރޯލް ނައްޓައި އެ ގައުމަކީ އެ ބަލީގެ ހާލަތު މުޅި ދުނިޔޭގައި ވެސް އެންމެ ގޯސްވި ގައުމުގެ ގޮތުގައި ފާހަގަވެގެން ދިޔަ އެވެ.

ނެޝަނަލް އިންސްޓްޓިއުޓް އޮފް އެލަޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރުގެ މަގާމު ފައުޗީ، 80، އަދާކުރައްވަމުން ގެންދަނީ 1984 އިން ފެށިގެންނެވެ. އޭނާ އަކީ އެއިޑްސް ޖައްސާ އެޗްއައިވީ ރިސާޗާއި އެއިޑްސް ރިލީފަށް ވެސް ވަރަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ފައުޗީ އަށް އެމެރިކާގެ ހަތް ރައީސެއްގެ ދައުރުގައި މަސައްކަތްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައިވެ އެވެ.

ތިން ކުދިންގެ ބައްޕަ ފައުޗީ އަކީ ކުރިން ވެސް ގިނަ އެވޯޑްތަކެއް ހޯއްދަވާފައިވާ އާންމުންގެ މެދުގައި ވަރަށް މަގުބޫލު ޝަހުސިއްޔަޔެކެވެ.

ދާދި ފަހުން އޭނާ އަށް ލިބިވަޑައިގަތް ޕަބްލިކް ވެލްފެއާ މެޑެލްގެ އިތުރުން 2008 ގައި ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް އާއި 2013 ގެ ރޮބަޓް ކޯޝް ގޯލްޑް އެވޯޑާއި 2007 ގެ ލޭޒްކާ އެވޯޑާއި 1995 ގެ އާނަސްޓް ޖަންގް ޕްރައިޒްގެ އިތުރުން 1989 ގައި ލިބިވަޑައިގަތް މެކްސްވެލް ފިންލެޑް އެވޯޑް ހިމެނެ އެވެ.