އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުން، ކޮންގްރެސްގެ އިމާރާތް ކަމަށްވާ ކެޕިޓަލްގެ ތެރެއަށް ވަދެގަތުމާ ގުޅިގެން ވޮޝިންގްޓަން ބޮޑު ހަމަނުޖެހުމެއްގެ ތެރެ އަށް ވެއްޓިއްޖެ އެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުގައި ކެޕިޓަލް ތެރޭގައި ބަޑި ޖަހައި އަންހެނަކު ވަރަށް ބޮޑަށް ޒަޚަމް ވެސް ވަނީ ވެފަ އެވެ.
ޖޯ ބައިޑަން އިންތިޚާބު ކާމިޔާބުކުރެއްވުން ކޮންގްރެސް އިން ރަސްމީކޮށް ބަލައިގަތުން ކުރިއަށް ދަނިކޮށް އެކަމާ ދެކޮޅަށް އެތައް ސަތޭކަ ބަޔަކު ނުކުމެ ހަމަނުޖެހުން ހިންގަން ފެށުމާ ގުޅިގެން ފުލުހުން ގެންދަނީ ކެޕިޓަލް ތެރޭގައި ކޮންގްރެސްގެ މެމްބަރުންނަށް ހިމާޔަތް ދެމުންނެވެ.
މި ހަމަނެޖުހުންތަކާ ގުޅިގެން ޓްރަމްޕަށް ބޮޑެތި ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.
ޓްރަމްޕު ވަނީ ކެޕިޓަލް ދޮށަށް އެއްވެ ތިބި މީހުން ހަމަނުޖެހުން ނުހިންގަން ޓްވިޓާގައި އިލްތިމާސްކުރައްވައިފަ އެވެ. އަދި އެ މީހުން އެ ތަން ދޫކޮށް ދާން ޓްރަމްޕު ގޮވާނުލައްވައިގެން އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ވީޑިއޯ މެސެޖަކުން، އެއްވެ ތިބި މީހުން ގެއަށް ދާން އެދިވަޑައިގެންނެވި ނަމަވެސް އެ މީހުންނަކީ ޚާއްސަ ބައެއް ކަމަށާއި އެ މީހުން ދެކެ ލޯބިވާ ކަމަށް ވިދާޅުވި އެވެ. އަދި އެ މެސެޖުގައި ވެސް ޓްރަމްޕު ވިދާޅުވީ އިންތިޚާބު ކާމިޔާބުކުރެއްވީ އޭނާ ކަމަށާއި އިންތިޚާބު ވަގަށް ނެގީ ކަމަށެވެ.
މި ހަމަނުޖެހުންތައް ފެށުނީ، ދުވަހަކު ވެސް ބަލި ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވެ ޓްރަމްޕު އެތަކެއް ހާސް ސަޕޯޓަރުންނާ މުޚާތަބު ކުރެއްވި ފަހުންނެވެ.
ހަމަނުޖެހުންތައް ކުށްވެރިކޮށް ހިތާމަ ފާޅުކުރަމުންދާ ފަރާތްތަކުން ބުނަމުން ދަނީ މިއީ އެމެރިކާ ފަދަ ޑިމޮކްރެސީއަކުން ފެނިގެން ނުވާނެ ލަދުވެތި މަންޒަރުތަކެއް ކަމަށެވެ.