އެޕަލް ޓީވީ ޕްލަސް އިން މިދިޔަ އަހަރު ގެނެސްދިން ބިރުވެރި ޑްރާމާ ސީރީޒް "ސާވަންޓް" ގެ ފުރަތަމަ ސީޒަން ނިންމާލީ، ކެތްމަދުވާވަރު ކޮށްލައިފަ އެވެ. ސުޕަނެޗުރަލް ފިލްމުތައް ހެދުމަށް ކުޅާދާނަ އެމެރިކާގެ ފިލްމު އުފެއްދުންތެރިޔާ އެމް ނައިޓް ޝެމަލަންގެ ސިކުނޑިން ފައްކާކުރި މި ޑްރާމާގެ އަދިވެސް ބައިވަރު ސިއްރުތައް ފަޅާއަރަން އޮތީ އެވެ. މިއީ އެޕަލްގެ އެންމެ ހިޓުވި ޑްރާމާ އެވެ. އަދި މި މަހު 15 ގައި މި ޑްރާމާގެ ދެ ވަނަ ސީޒަން ސްޓްރީމިން އަށް ދޫކޮށްލާނެ އެވެ.
މި މަހު 15 އަކީ ޑްރާމާ ސީރީޒްތަކަށް ލޯބިކުރާ މީހުންނަށް ވަރަށް ހާއްސަ ތާރީޚެކެވެ. "ސާވަންޓް" ގެ ދެ ވަނަ ސީޒަނާ އެކު ވަރަށް އުއްމީދީ އިތުރު ދެ ސީރީޒެއް ހަމަ އެ ދުވަހު ނިކުންނާނެ އެވެ. އެއީ ޑިޒްނީ ޕްލަސް އަށް އަންނަ މާވެލްގެ "ވެންޑަވިޝަން" އާއި އެމެޒަން އަށް އަންނަ އިންޑިއާގެ ސިޔާސީ ޑްރާމާ "ތާންޑަވް" އެވެ.
ސާވަންޓް
މި ޑްރާމާގެ ވާހަކަ އެނބުރެނީ ސިޓީއެއްގައި ދިރިއުޅެމުން އަންނަ ދެމަފިރިއެއްގެ ކުއްޖަކު ބެލުމަށް ގެންނަ ޒުވާން އަންހެން ކުއްޖަކާ ގުޅިފައިވާ ސިއްރުތަކެއްގެ ތެރެއިންނެވެ. އަދި އެ ދެމަފިރިންގެ ބައެއް ސިއްރުތައް ވެސް ހާމަވެ އެވެ. އެއީ ދަރިއަކު ލިބުމުން މަހުރޫމުވެފައިވާ ދެމަފިރިންނެވެ. އެ ހިތާމައިގެ އެންމެ ބޮޑު ނަފުސާނީ އަސަރެއް ކުރަނީ އެ ދެމަފިރިންގެ ތެރެއިން އަންހެން މީހާ އަށެވެ. އެންމެފަހުން، ބަލިވެ އިން ކުއްޖާ ބައިގެންދިއުމުގެ ހިތާމައިން އަރައިގަތުމަށްޓަކައި، އޭނާ ގެންގުޅެނީ ބޭބީ ޑޯލްއެކެވެ. އެއީ އަސްލު ކުއްޖެއް ކަމަށް ހީކޮށެވެ. އެ ބޭބީ ޑޯލް ބަލަހައްޓަން ގެންނަން ޒުވާން އަންހެން ކުއްޖާ އެ ގެއަށް އައުމާއެކު އެ ކުއްޖާ އަސްލު ކުއްޖަކަށް ބަދަލުވެ އެވެ. ދެން ދައްކަނީ އޭނާގެ ފިރިމީހާ އެ ތުއްތު ކުއްޖާގެ ހަގީގަތާއި ދަރި ބަލަން ގެނައި އެ އަންހެން ކުއްޖާގެ ހަގީގަތް ހޯދުމަށް އުޅޭ އުޅުމުގެ ތެރޭގައި ދިމާވާ އާދަޔާ ހިލާފު ކަންކަމެވެ.
މި ސުވާލުތަކަށް އިތުރު ޖަވާބުތައް ލިބޭނީ އާ ސީޒަންގަ އެވެ.
ވެންޑަވިޝަން
ގިނަ އަހަރުތަކެއް ވަންދެން ސަޕޯޓިން ރޯލުތަކުން ފެނުނު މާވެލްގެ ސުޕަހީރޯ އިން ކަމަށްވާ ވިޝަން އަދި ސްކާލެޓް ވިޗަށް އެ މީހުން ބޭނުންވާ ސަމާލުކަން ލިބޭނީ "ވެންޑަވިޝަން" އިންނެވެ. ޖުމްލަ ނުވަ އެޕިސޯޑަކަށް ފައްތާލައިގެން ގެނެސްދޭ މި ސީރީޒްގައި ދައްކާނީ "އެވެންޖާސް: އެންޑްގޭމް" ގެ ފަހުން ހިނގާ ކަންކަން ކަމަށްވެ އެވެ. އަދި ކުރީގެ ބައެއް ވާހަކަތެކެވެ. އަހަރެއްހާ ދުވަހު މާވެލްގެ އެއްވެސް އާ ކޮންޓެންޓެއް ނުގެނެސްދީ ތިބުމަށް ފަހު، މާވެލްގެ ހަތަރު ވަނަ ފޭސް ފަށައިދޭނީ މި ސީރީޒުންނެވެ.
އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައި ވަނީ "އިންފިނިޓީ ވޯގައި" ގައި މަރުވި ވިޝަން އަނބުރާ އައި ގޮތެއް ހޯދުމަށް އޮތް ޝައުގުވެރި ކަމަށެވެ. އަދި މި ސީރީޒްގެ މަންޒަރުތައް ނަގާފައިވަނީ އެމެރިކާގެ ޓީވީގެ ތާރީޚަށް ވެސް ހާއްސަ އަހަމިއްޔަތުކަމެއް ދީގެން ކަމަށް ވުމެވެ. ޓްރެއިލާތަކުން ފެންނަ ގޮތުގައި ކުރީގެ ބައެއް މަޝްހޫރު ސިޓްކޮމް ސީރީޒްތަކުގެ މަންޒަރުތައް ނަކަލުކޮށްފައިވެ އެވެ.
ތާންޑަވް
އިންޑިއާގެ ވެބް ސީރީޒްތަކުގައި އެންމެ މަގުބޫލު މޫނަކަށް ސައިފް އަލީ ޚާން ވީ، ނެޓްފްލިކްސް އިން ގެނެސްދިން ކްރައިމް ޑްރާމާ "ސެކްރެޑް ގޭމްސް" އިންނެވެ. އެ ޑްރާމާގެ ސައިފް ކުޅުނު ފުލުސް އޮފިސަރެއްގެ ރޯލާއި ހިލާފަށް މިފަހަރު ފެންނާނީ މުޅިން ތަފާތު ގޮތަކަށެވެ. އެމެޒަން އަށް އަންނަ މުޅިން އާ ސިޔާސީ ޑްރާމާ "ތާންޑަވް" ގައި އޭނާ ކުޅެނީ ބޮޑުވަޒީރަކަށް ވުމަށް މަސައްކަތްކުރާ ސިޔާސީ ލީޑަރެއްގެ ރޯލެވެ. މިއީ އަލީ އައްބާސް ޒަފަރުގެ ޑައިރެކްޝަނެކެވެ. އަދި އޭނާގެ އަލަތު ވެބް ސީރީޒެވެ.
މި ޑްރާމާގައި ބޮޑުވަޒީރަކަށް ހުންނަނީ ސައިފްގެ ބައްޕަގެ ރޯލު ކުޅޭ ޓިގްމަންޝޫ ދޫލިއާ އެވެ. އޭނާ ހުންނަނީ ރިޓަޔާ ކުރަން ކައިރިވެފަ އެވެ. އެހެންވެ އޭނާ ނިސްބަތްވާ ޕާޓީގެ ބައެއް އިސް މެމްބަރުންނާއި ސައިފްއާ ދެމެދު ހަމަނުޖެހުމެއް އުފެދެނީ އޭނާގެ ބައްޕަ މަރުވުމުން ދެން ޕާޓީގެ ލީޑަރަކަށް ވާނީ ކަކާއި މެދުތޯ އެވެ. ޕާޓީގެ ލީޑަރަކަށްވާ މީހަކަށް ބޮޑުވަޒީރުކަން ލިބޭނެ އެވެ. ޕާޓީގެ ތެރެއިން އޭނާގެ އެންމެ ބޮޑު ވާދަވެރިއަކަށް ވަނީ، މިދިޔަ މަހު ނިކުތް ކްރިސްޓޮފާ ނޯލަންގެ ފެންޓަސީ އެކްޝަން ފިލްމުން ވެސް ގިނަ ބައެއް މަގުބޫލުކަން ހޯދި ބޮލީވުޑްގެ އެކްޓްރެސް، ޑިމްޕަލް ކަޕާޑިއާ އެވެ. އަދި އިދިކޮޅު ޕާޓީތަކުން ވެސް އޭނާއާ ވާދަކުރެ އެވެ.