މިހާރު ވަރަށް ގަދައަށް ކުރާ ބަހުސެކެވެ؛ އެންމެ ރަނގަޅީ، ސީރީޒެއްގެ މުޅި ސީޒަން އެކީގައި ބަލައިލަން ލިބުންތޯ (ބިންޖް ވޮޗިން) ނުވަތަ ކޮންމެ ހަފުތާ އަކު އެޕިސޯޑެއް ބަލައިލަން ލިބުންތޯ އެވެ؟ މި މައުލޫގެ ދެ ފަރާތަށް ވެސް ވާހަކަދައްކާ މީހުން ވަރަށް ގިނަ އެވެ. އަދި މީގެ ކުރިން ވެސް އެކި ފަހަރު މަތިން މި ވާހަކަ ފެންމަތިވެ، އެކި ގޮތްގޮތަށް ދެކެވިފައި އެބަހުއްޓެވެ. މި އަޑު މިހާ ގަދަވެ، މި ވާހަކަ ކުރި ފަޅައިގެން އަނެއްކާ ވެސް މި ނުކުތީ، މާވެލް ސްޓޫޑިއޯސް އިން މިހާރު ގެނެސްދެމުން އަންނަ ސުޕަހީރޯ ސީރީޒް "ވޮންޑަވިޝަން" ގެ ވާހަކަތަކުގެ ތެރެއިންނެވެ. އެ މީހުން ނެރެނީ ހަފުތާއަކު އެޕިސޯޑެކެވެ.
ޓީވީ ޝޯތަކާއި ސީރީޒްތަކުގެ އެޕިސޯޑެއް ކޮންމެ ހަފުތާއަކު ނެރުމަކީ ބްރޯޑްކާސްޓިންގެ ދާއިރާގައި އެންމެ ކުރިންސުރެ އެކަން ކުރަމުން އަންނަ "މުސްކުޅި" ގޮތެވެ. އެކަމަކު ޒަމާން ބަދަލުވެ، ސްޓްރީމިން ޕްލެޓްފޯމްތައް ތައާރަފުވުމުން މި މަންޒަރު ބަދަލުވާން ފެށި އެވެ. މުސްކުޅި ގޮތަށް ގޮންޖަހާލައިފައި، ނެޓްފްލިކްސް އާއި އެމަޒަން ޕްރައިމް ވީޑިއޯ ކަހަލަ ބިޔަ ސްޓްރީމިން ޕްލެޓްފޯމުތަކުން ސީޒަން އެކީގައި ނެރެން ފެށި އެވެ. ހުރިހާ އެޕިސޯޑެއް އެއް ފަހަރާ އެމީހުން ދޫކޮށްލަނީ އެވެ. އަދި މި ޕްލެޓްފޯމުތަކަށް ގިނަ ބައެއްގެ ލޯބި ލިބުމުގެ ފަހަތުގައި އޮތް ސަބަބަކަށް ވެސް އެކަންވި އެވެ.
ސްޓްރީމިން ޕްލެޓްފޯމުތަކުގެ މެދުގައި ވާދަވެރިކަން އިތުރުވެ، މުޅިން އާ ކުންފުނިތަކުން މި ރޭހަށް ނުކުތުމުން އަނެއްކާ ވެސް މަންޒަރު މި ވަނީ ބަދަލުވާން ފަށައިފަ އެވެ. ނެޓްފްލިކްސް އާއި އެމަޒަންގެ އެންމެ ބޮޑު، އާ ވާދަވެރިން ކަމަށްވާ، ދުނިޔޭގެ އެންމެ ބޮޑު އެންޓަޓެއިންމަންޓް ކުންފުނި، ޑިޒްނީގެ ސްޓްރީމިން ޕްލެޓްފޯމް ޑިޒްނީ ޕްލަސް އާއި ވޯނާ ބްރަދާސްގެ އެޗްބީއޯ މެކްސް އަދި އެޕަލް ޓީވީ ޕްލަސް އިން ވެސް "މުސްކުޅި" ގޮތް އެއްކޮށް ދޫކޮށްލާކަށް ބޭނުމެއްނުވި އެވެ. އެ މީހުން ބޭނުންވީ ހަފުތާއަކު އެޕިސޯޑެއް ނެރުމަށެވެ. ނުވަތަ ހަފުތާ އަކު ވަކި އަދަދަކަށް އެޕިސޯޑުތައް ނެރުމަށެވެ. ސީޒަން އެކީ، އެއް ފަހަރާ ދޫކޮށްލައި ނިންމާނުލުމަށެވެ.
މި ގޮތް އަދިވެސް ވަރަށް ގިނަ މީހުނަށް ކަމުދާކަން ޔަގީނެވެ؛ ޑިޒްނީ ޕްލަސްގެ ސްޓާވޯސް ސީރީޒް "ދަ މެންޑަލޯރިއަން" އަށް ލިބުނު ކާމިޔާބީއާ އަދި މިހާރު "ވޮންޑަވިޝަން" އަށް ލިބެމުން އަންނަ ތަރުހީބު ބޮޑުވުމުގެ ފަހަތުގައި އޮތް ހަގީގަތަކީ މިއީ ކަމަށް އެއްބަސްވެވިދާނެ އެވެ.
ޝައުގުވެރިކަން ހިފަހައްޓައިދޭ
ވެރައިޓީގެ ޓީވީ ކްރިޓިކް ކެރޮލައިން ފްރޭމްކޭ މި މައުލޫއާ ގުޅޭ ގޮތުން ލިޔުނު އާޓިކަލްއެއްގައި ބުނީ ހަފުތާއަކު އެޕިސޯޑެއް ނެރުމުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވަނީ ޝައުގުވެރިކަން ހިފަހައްޓާލެވުމެވެ. ދެން އަންނަ އެޕިސޯޑަށް ކުރެވޭ އިންތިޒާރު ބޮޑުވުމެވެ. ވެދާނެ ގޮތަކާއި ބެހޭގޮތުން ވިސްނާލަން ވަގުތު ލިބުމެވެ. އަދި ކޮންމެ އެޕިސޯޑެއްގައި ހިނގައިދިޔަ ކަންކަމުގެ އެންމެ ފުނަށް ފީނަލަން ވެސް ވަގުތު ލިބެ އެވެ. ޓުވިޓާގައި ވޮންޑަވިޝަންގެ ފޭން ބޭސްގެ މެދުގައި ދެކެވޭ ވާހަކަތައް އެއީ މީގެ އެއް މިސާލުގެ ގޮތުގައި އޭނާ ނެގި އެވެ.
ވިޔަފާރީގެ ނަޒަރަކުން ބެލި ނަމަވެސް، ސްޓްރީމިން ޕްލެޓްފޯމުތަކަށް އެންމެ ފައިދާހުރި ގޮތަކީ ވެސް މި އެވެ.
އެކަމަކު، ޑިޒްނީ އިން "ވޮންޑަވިޝަން" ކަހަލަ ސީރީޒެއްގެ ސީޒަން އެއް ފަހަރާ ނެރުނު ނަމަ، މިހާރު މީހުން އެ ސީރީޒަށް ދޭހާ ސަމާލުކަން ލިބުމުގެ ފުރުސަތު ކުޑަވާނެ ނޫންތޯއޭ ފްރޭމްކޭ ސުވާލު އުފެއްދި އެވެ. އަދި މިސާލެއްގެ ގޮތުގައި އޭނާ ނެގީ ނެޓްފްލިކްސްގެ ސީރީޒްތަކެވެ. އެ ސީރީޒްތަކުގެ ވާހަކަ ގިނަ ފަހަރަށް ދެކެވޭނީ ނެރޭތާ، ދެ ތިން ހަފުތާއެއް ވަންދެކަށެވެ. އަދި ގިނަ މީހުން އޭގެ ވާހަކަ ދައްކާނީ ވެސް ސީޒަން އެއްކޮށް ބަލައިފައި ކަމަށް ވާތީ، ލިބެންޖެހޭ ސަމާލުކަން ގިނަ ފަހަރަށް ސީރީޒްތަކަށް ނުލިބިދާ ކަމަށް އޭނާ ގަބޫލުކުރެ އެވެ.
މި މައުލޫއަށް އެކި ގޮތްގޮތަށް، އެކި ނަޒަރުން ބަހުސްކުރެވިދާނެ އެވެ. އެކަމަކު އެމީހަކަށް ކަމުދާ ގޮތެއް ސަބަބާއެކު ކޮމެންޓަކުން ހިއްސާކޮށްލާށެވެ.