ގއ. ދެއްވަދޫގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނަށް ފުރަތަމަ ދެވުނީ ނުބައި ނަތީޖާއެއް ކަމަށާއި އެ ރަށުގައި ބަލި ފެތުރުނީ، ކަރަންޓީނު ނިިންމައި، އެ މީހުންގެ ނަތީޖާ ނެގެޓިވް ކަމަށް އެންގުމުން ރަށުތެރެއަށް ނުކުމެ އުޅުމުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ދެއްވަދޫ ކައުންސިލްގެ މެމްބަރަކު ރޭ ވިދާޅުވި ގޮތުގައި އެ ރަށުގެ ހަތް މީހަކަށް ބަލި ޖެހުނީ، މާލޭން ދިޔަ ބަޔަކު ކަރަންޓީނުގެ މުއްދަތު ނިންމައި، ސާމްޕަލް ނަތީޖާ ނުލިބެނީސް ބޭރަށް ނިކުތުމުންނެވެ. ނަމަވެސް އެކަން ސާފުކޮށްދީ، އެޗްއީއޯސީން ބުނީ އެހެން ދިމާވީ، ސާމްޕަލް ނެގެޓިވް ކަމަށް ބުނެ، ކަރަންޓީނުގައި ތިބި މީހުންނަށް ނުބައި މައުލޫމާތެއް ދެވުމުން ކަމަށެވެ.
އެތަނުން ބުނި ގޮތުގައި ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން މީހެއް އެންމެ ފުރަތަމަ ޕޮޒިޓިވްވީ 24 ޑިސެމްބަރުގަ އެވެ. އެކަމަކު ފަހުން ވަނީ އެ މީހުންގެ ނަތީޖާ ނެގެޓިވްކަމަށް އަންގާފައިވާ ކަމަށާއި އެހެންވެ، ކަރަންޓީނުގެ މުއްދަތު ނިމުމާއެކު އެ މީހުން ބޭރަށް ނުކުތް ކަމަށް އެތަނުން ބުންޏެވެ. އެ މީހުންގެ ސާމްޕަލް ނަތީޖާ ލިބުނީ، ކަރަންޓީނުގައި ތިބި މިހުން ބޭރަށް ނުކުތްފަހުންނެވެ. އޭރު އެ މީހުންގެ ތެރޭގައި ހިމެނޭ ހަތަރު މަހުގެ ކުއްޖާ ޕޮޒިޓިވް ވެފައިވާއިރު، ބައެއް މީހުން ވަނީ އެ ކުއްޖާ އުރައިގެން ވެސް ގެންގުޅެފަ އެވެ.
"އެ ކުއްޖާ އުރި މީހުން އަޅުގަނޑުމެން މި މަހުގެ ހައެއްގައި ޓެސްޓު ހެދި އިރު އެކަކު ޕޮޒިޓިވް. ދެން އޭނާގެ ކޮންޓެކްޓް ޓްރޭސިން އިއްޔެ ހެދި އިރު، އޭނާއާ ގުޅުން ހުރި އިތުރު ހަ މީހަކު ވަނީ ޕޮޒިޓިވްވެފައި،" ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވި އެވެ.
އޮޅިގެން ނުބައި ނަތީޖާއެއް ދެވުނީ ކިހިނެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެ ރަށުގެ ބޮޑު ދޯންޏަކުން މަހަށް ދާ މީހަކު ވެސް ހިމެނެ އެވެ. އޭނާ މަހަށް ދާ ދޯނީގައި 28 އަށް ވުރެ ގިނަ މީހުން އުޅޭއިރު، އެ އެންމެންނަށް ވެސް ބަލި ޖެހުމުގެ ފުރުސަތު އޮތް ކަމަށް އެ ރަށުން ބުނެ އެވެ.
ދެއްވަދޫގައި ގިނަ ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށް ވަނީ މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.