ރަށްރަށުގައި އެންޓަނާ ޖެހުމަށް ދޫކުރާ ބިމުގެ ކުލި އެ ރަށެއްގެ ކައުންސިލްތަކަށް ލިބޭގޮތް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އެ މިނިސްޓްރީން އާންމު ކޮށްފައިވާ ސާކިއުލާއެއްގައިވާ ގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ އިހުތިސާސް ހިމެނޭ ވަސީލަތް ނުވަތަ ހަރުމުދަލުގެ ތެރެއިން، އެންޓަނާ ޖެހުމަށް ދޫކޮށްފައިވާ ބިންތަކުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީ ލިބޭނީ ކައުންސިލްތަކަށެވެ.
ދިރާގައި އުރީދޫގެ އެންޓަނާތައް ޖެހުމަށް ރަށްރަށުން ނަގާފައިވާ ބިމު ކުލި މީގެ ކުރިން ދައްކަނީ މީރާ މެދުވެރިކޮށް ފިނޭންސް މިނިސްޓްރީއަށެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި، މިގޮތަށް ނުއުފުލޭ ހަރުމުދާ ހުންނަ ބިންތައް ކުއްޔަށް ދޫކޮށްފައިވާ ފަރާތަކަށް ރަޖިސްޓަރީ ކޮށްފައިވާ ނަމަ އެ ބިމެއްގެ ރަޖިސްޓަރީ ކައުންސިލަށް ބަދަލުކޮށް، ކުއްޔަށް ދީފައިވާ ފަރާތާ އެކު އާ އެއްބަސްވުމެއްގައި ސޮއި ކުރަން ޖެހޭނެ އެވެ.
މި މަސައްކަތް ލޯކަލް ގަވަރުމެންޓު އޮތޯރިޓީއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ފިނޭންސް މިނިސްޓްރީން އެދެ އެވެ. މި ސަރުކާރު ވެރިކަމަށް އައި ފަހުން ކައުންސިލްތަކަށް ގިނަ ބާރުތަކެއް އަންނަނީ ދެމުންނެވެ. ރަށްރަށުން ޓޫރިޒަމްގެ ބޭނުމަށް ކަނޑައަޅާފައިވާ ބިންތައް ދޫކުރުމުގެ ބާރު ވެސް ކައުންސިލްތަކަށް ވަރަށް ފަހުން ވަނީ ދީފަ އެވެ.