މ. ކޮޅުފުށިން ނެގި 105 ރެމްޑަމް ސާމްޕަލްގެ ތެރެއިން ނުވަ ސާމްޕަލް ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށުން އަތޮޅު ތެރޭގެ އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާ މީހުން އެކަން އަންގަން އެދިއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މި މަހުގެ 5 ވަނަ ދުވަހުގެ ފަހުން ކޮޅުފުށިން އެއްވެސް ރަށަކަށް ދަތުރުކުރި މީހުން އެކަން އެ ރަށެއްގެ ހޮސްޕިޓަލަށް އަންގަން އެދޭ ކަމަށެވެ. އަދި އެ މުއްދަތުގައި އެ ރަށުން ދަތުރުކުރި މީހުންގެ ތެރެއިން ކަރަންޓީން ފުރިހަމަ ކުރިޔަސް، ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި މަޑުކުރަން ވެސް އެދޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ކޮޅުފުށިން މިއަދު ވެސް އިތުރު ނުވަ މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އެރަށް މިދިޔަ ހަފުތާއިން ފެށިގެން އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ. އެއީ އެ ރަށުން މާލެ އައި މީހަކު އެ ބައްޔަށް ޕޮޒިޓިވްވުމުންނެވެ.
މީގެ އިތުރުން އއ. ތޮއްޑޫ މީހަކު ވެސް މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވުމުން އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.